ހަބަރު

އިޒްރޭލު ބައިވެރިވާ ފަރިތަކުރުންތަކެއްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ

އިޒްރޭލު ސިފައިންވެސް ބައިވެރިކޮށްގެން އަވަށްޓެެރި ސްރީލަންކާގައި ކުރިއަށް ގެންދާ ފަރިތަކުރުމެއްގައި ދިވެހި ސިފައިން ބައިވެރިވަމުން އެބަދެ އެވެ.

ސަންޑޭ ޓައިމްސް ނޫހުން ބުނީ "ކޯމަރަންޓް ސްޓްރައިކް އަށެއް" ގެ ނަމުގަައި މިހިނގާ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު ފަށައިގެން ކުރިއަށްދާ ފަރިތަކުރުންތަކުގައި ސިފައިންގެ 2100 މީހަކާއި ކަނޑުގެ ސިފައިންގެ 370 މީހަކާއި ވައިގެ ސިފައިންގެ 197 މީހަކު ބައިވެރިވާ ކަމަށެވެ. އޭގެ އިތުރުން ބޭރު ގައުމުތަކުގެ 69 ސިފައިން ބައިވެރިވާ ކަމަށް ވެސް އެނޫހުން ބުންޏެވެ.

އެގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އެމެރިކާ، އިޒްރޭލު، ރަޝިޔާ، ޗައިނާ، އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް، ޕާކިސްތާން، މެލޭޝިއާ އަދި އިންޑޮނޭޝިއާ ހިމެނެ އެވެ.

ކޮމޮރެންޓް ސްޓްރައިކް އަކީ ލަންކާ ސިފައިން ކޮންމެ އަހަރަކު ބާއްވާ ފަރިތަކުރުންތަކެކެވެ. އެ ފަރިތަކުރުންތައް އިއްޔެގަައި ބޭއްވީ މާތަލަ އެއާޕޯޓުގަ އެވެ. އޭގެ ކުރިން ލަންކާގެ ގިނަ ތަންތަނެއްގައި އެ ފަރިތަކުރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކޮށް، ގަދަބާރުން އުފައްދާފައިވާ އިޒްރޭލާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުމެއް ނޯވެ އެވެ. އެގައުމާ ގުޅޭ ކަމެއް ރާއްޖޭން ކޮށްފި ނަމަ ރައްޔިތުންގެ ފަރާތުން އާއްމުގޮތެއްގައި ބޮޑު ނުރުހުމެއް އޭރަކު އޮންނަ ސަރުކާރަކަށް ކުރިމަތި ވެއެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިޒްރޭލުގެ ލޮލުގެ ޑޮކްޓަރުންތަކެއް ރާއްޖެއަށް އައިސް ބަޔަކަށް ފަރުވާ ދިނުމުން އެކަމާ ދެކޮޅަށް މާލޭގައި ވަރުގަދަ މުޒާހަރާއެއް ކުރިއެވެ.