ރައްޔިތުން މަޖިލީހުގެ ހަތް މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމައި އޭގެ ތެރެއިން ހަތަރު ދާއިރާއެއްގެ ބައި އިލެކްޝަން އިއުލާންކޮށް ގާނޫނުގައި ބުނާ ދުވަސް ހަމަވީ އިރުވެސް އެ ދާއިރާ ތަކުގެ އިންތިހާބު އިލެކްޝަން ކޮމިޝަނަކަށް ނުބޭއްވުނެވެ.
ސުވާލު އުފެދިފައި އޮތް ހަތަރު މެންބަރުންގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމެވި ނިންމުމާ ގުޅިގެން ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދެ ގޮތަކަށް މާނަކޮށް ވާހަކަ ދައްކަމުން ދަނިކޮށް، އީސީ އިން ބައި އިލެކްޝަން އިއުލާން ކުރީ ވިލިނގިލި ދާއިރާ އާއި ތުލުސްދޫ ދާއިރާ އާއި މަޑުއްވަރީ ދާއިރާ އާއި ދިއްދޫ ދާއިރާ އަދި މައްޗައްގޮނޅީ ދެކުނު ދާއިރާ އާއި ދަނގެތީ ދާއިރާގެ އެވެ.
ގާނޫނު އަސާސީގައި ބުނާގޮތުން ރައްޔިތުން މަޖިލީހުގެ ގޮނޑިއެއް ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވައި އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ. ނަމަވެސް 60 ދުވަހަށްވުރެ ގިނަ ދުވަސްވީ އިރުވެސް އިލެކްޝަން ކޮމިޝަނުން އެ ހަތަރު ދާއިރާގެ ބައި އިލެކްޝަން ބާއްވާނެ ވަކި ތާރީހެއް މިއަދާ ހަމައަށްވެސް އަންގާފަ އެއް ނުވެއެވެ.
ބައި އިލެކްޝަން ބާއްވާނެ ވަކި ތާރީހެއް ސާފު ކުރުމަށް އިލެކްޝަން ކޮމިޝަނަށް ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެ އެވެ.
ބައި އިލެކްޝާން ބޭއްވުމަށް އީސީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ އިންތިހާބު މަޑު ޖައްސާލާފައި އޮތުމަށްފަހު ސުޕްރީމް ކޯޓުން އެންމެ ފަހުން ނިންމާފައިވާ ނިމުގައި ކޮމިޝަންގެ ނިންމުން ބަދަކު ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވައިދުގައިވާ ގޮތުގެ މަތިން ހުސްވެފައިވާ ދާއިރާތަކުގެ ބައި އިލެކްޝަން ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ގޮނޑިއާ މެދު ގޮތެއް ނިންމައި ދިނުމަށް އެދި ހަތަރު މެންބަރުންގެ ވަކީލުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ސުޕްރީމް ކޯޓުން ދިން ޖަވާބުގައި ބުނެފައި ވަނީ އެކޯޓުގެ ކުރީގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް ފެތޭނީ އެ ހުކުމް ކުރި ތާރީހު ކަމަށްވާ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތައްތަކުގެ މައްޗަށް ކަަމަށެވެ. އަދި އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް އެ ކޯޓު އަމުރުގެ ޒަރިއްޔާއިން އިތުރަށް ކަށަވަރުކޮށްދީފައިވާނެ ކަަމާއި އެހެންވީމާ އެ ގަޒިއްޔާގައި ވާ އަހުކާމުތައް ތަތުބީޤު ވާނީ އެ ތާރީހުގެ ފަހުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ. އެގޮތުން އެ ތާރީހާ ހަމައަށް މެމްބަރުންގެ ގޮތުގައި ތިބި ބައެއްގެ މެމްބަރުކަމާ މެދު ހިލާފު އުފެދޭނެ އެއްވެސް ސަބަބެއް ނެތްކަން ހުކުމާއި ކޯޓު އަމުރުން އެގެން އޮންނާތީ އެ މައްސަަލައިގައި އިތުރަށް ގޮތެއް ނިންމަން ނުޖެހޭ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ހަތަރު މެންބަރުންގެ ގޮނޑި ގެއްލިއްޖެކަން އިއުލާޏް ކުރިތާ 60 ދުވަސް ހަމަވެއްޖެ ކަމަށެވެ. ނަމަވެސް ބައި އިލެކްޝަން ބޭއްވިފައި ނުވުމުން އެ މެންބަރުންގެ ގޮނޑީ ނުގެއްލޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ދެ ގޮތަކަށް ސަރުކާރާއި އިދިކޮޅުން މާނަ ކުރަމުންދާއިރު ގޮނޑި ގެއްލުނު މެންބަރުން މަޖިލީހަށް ވަނުމަށް ދަނީ ހުރަސް އަޅަމުންނެވެ. އިދިކޮޅު ފަރާތްތަކުން ދަނީ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބައި އިލެކްޝަން ނުބޭއްވޭނެ ކަމަށް ބުނަމުންނެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ ޕީޕީއެމުން ވަނީ އެ ދާއިރާތަކުގެ ކެމްޕެއިން މިމަހުގެ ތެރޭގައި ފަށާފަ އެވެ.