ހަބަރު

255 ބައިވެރިންނާއެކު ގައުމީ ގުރުއާން މުބާރާތް ފަށައިފި

ކީރިތި ގުރުއާން ކިޔެވުމުގެ 32 ވަނަ ގައުމީ މުބާރާތް ރޭ ފަށައިފި އެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ގުރުއާން މުބާރާތް ފަށާފައިވަނީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އެވެ. ޖުމްލަ 255 ބައިވެރިން ވާދަ ކުރާ މި މުބާރާތުގައި ހިތުން ކިޔެވުމުގެ ބައިގައި 66 ފަރާތަކުން ވާދަ ކުރާނެއެވެ. އަދި ފޮތުން ކިޔެވުމުގެ ބައި ނުވަތަ ބަލައިގެން ކިޔެވުމުގެ ބައިގައި 189 ބައިވެރިން ވާދަ ކުރާނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް މެދުނުކެނޑި ބާއްވަމުން އަންނަތާ 31 އަހަރު ވެފައިވާކަމަށާއި މިދިޔަ އަހަރުން ފެށިގެން މި މުބާރާތަށް ވަނީ ބައެއް ބަދަލުތައް ގެނެސްފައި ކަމަށެވެ. އެގޮތުން، މުބާރާތުގައި ބައިވެރިވުމަށް ވަކި އުމުރުފުރައެއް ކަނޑައަޅާފައި ނުވުމާއި މުބާރާތުގެ އަންހެން ބައިވެރިންނާ ފިރިހެން ބައިވެރިން އިންސާފު ކުރަން ހަމަޖެހިފައި ވަނީ ވަކި ވަކިން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މުބާރާތުން އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ އަތޮޅަށާއި ސިޓީ އަށާއި ޖަމިއްޔާއަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި މުބާރާތުގެ ދެ ބައިގެ ކޮންމެ ގޮތްޕެއްގެ އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ އަންހެން ބައިވެރިޔާއާ ފިރިހެން ބައިވެރިޔާއަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެނޫން ބައެއް އިތުރު ވަނަތައް ފާހަގަކޮށް އިނާމު ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހެނދުނާ ހަވީރާއި ރޭގަނޑު ގެ ދަންފަޅިތަކަށް ބަހާލައިގެން މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، މި މަހުގެ 29 ވާ ހުކުރު ދުވަހާ ހަމައަށް މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ. އަދި މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި ވަނަވަނަ އަށް ހޮވޭ ފަރާތްތަކަށް އިނާމު ދިނުމަށް ހާއްސަ ޖަލްސާއެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. ނަމަވެސް ޖަލްސާ އޮންނާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް ކީރިތި ގުރުއާނާބެހޭ މަރްކަޒުން ބުންޏެވެ.