ކުޅިވަރުގެ ދާއިރާއިން ރާއްޖެ ވޭތުވެދިޔަ ހަތަރު އަހަރު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި އެ ކާމިޔާބީ ތަކަކީ މީގެ ކުރިން ހޯދިފައި ނުވާ ކާމިޔާބީތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ނެސްލޭ ކަލާސް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ބައިނަލް އަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލު ކުރުމަށް ބައިވެރިވާ ދިވެހި ކުޅުންތެރިން އަންނަނީ ރައްޔިތުންގެ މޫނުމަތިން އުފާވެރިކަން ދައްކައިދެމުން ކަމަށާއި ރާއްޖެއަށް މެޑަލް ހޯދަމުންދާ ކުޅުންތެރިންގެ ތެރޭގައި ސްކޫލް ދަރިވަރުންވެސް ހިމެނޭ ކަމީ އުފާ ކުރާ ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުދިންނަށް ލިބިފައިވާ ހުނަރެއް އިތުރަށް ތަރައްގީ ކުރުމުގައި އެދެވޭ ފުރުސަތެއް މީގެ ކުރިން ލިބިގެން ގޮސްގެން ނުވާ ކަމަށާއި އެއާ ހިލާފަށް މިއަދު އެދަރިވަރުން ފާހަގަކޮށް އެ ދަރިވަރުންނަށް ހުނަރު ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި ކުޅިވަރު ކުޅެވޭނެ މަގު ފަހި ކޮށްދީ ކުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރެވެމުންދާ ކަމަށާއި އެ ހުނަރުވެރިންގެ އަގު ވަޒަންކޮށް އެ ހުނަރުވެރިންނަށް ހިތްވަރު ދެވެމުންވެސްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މީގެކުރިން ދިވެހިން ބައިނަލް އަގުވާމީ މުބާރާތްތަކުގައި ބައިވެރިވަނީ ބައިވެރިވާން ޖެހޭތީ، އެގޮތަށް ލިބޭ ފުރުސަތު ތަކަކީ ތަޖުރިބާއެއް ކަމަށް ބުނަމުން، ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރު ބައިނަލް އަގުވަމީ މުބާރަާތްތަކުގައި ބައިވެރިވަނީ ވަނައެއް ހާސިލް ކުރުމަށް، ކުޅިވަރުގެ ދާއިރާއިން ވޭތުވެދިޔަ ހަތަރު އަހަރު ބައިނަލް އަގުވާމީ މައިދާނުގައި ހޯދާފައިވާ ކާމިޔާބީ ތަކަކީ މީގެ ކުރިން ހޯދާފައިވާ ކާމިޔާބީތަކެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަދު ކުދިންނަށް ވަނީ ބޭނުންވާ ހުނަރެއް ތަރައްގީ ކުރުމަށް މަގު ތަނަވަސް ކޮށްދީފައި ކަމަށާއި މި ފުރުސަތުގެ ބޭނުން ހިފައި މޮޅު ކުދިންނަށްވުމަކީ ހުރިހާ ކުދިންގެ އަޒުމަކަށް ވާން ވާނެ ކަމަށެވެ. އަދި މިފަދަ އެވޯޑް ތަކުގެ ސަބަބުން ކުދިންގެ މެދުގައި ސްޕޯޓްސްއަށް އޮތް ޝައުގުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށާއި ސުކޫލުތަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތްތަކުގައި ބައިވެރިވާ ކުދިން އިތުރުވުމަކީ އެކަމަށް ލިބޭ އަލިގަދަ ހެއްކެއް، ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއަހަރުގެ ކަލާސް އެވޯޑް ހާސިލް ކުރާ ދަރިވަރުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ 17 ޕަސެންޓް އިތުރުވެފަ އެވެ. މިއަހަރު ކަލާސް އެވޯޑް 169 ދަރިވަރަކު ހާސިލް ކޮށްފައި ވެއެވެ.