ހަބަރު

ޓްރީޓޮޕް ވާނީ ސިއްހީ ނިޒާމަށް އަންނަ އެންމެ ބޮޑު ބަދަލަށް: މިނިސްޓަރު

ހުޅުމާލޭގައި އަމިއްލަ ކުންފުންޏެއް ކަމަށްވާ، ޓްރީޓޮޕް މޯލްޑިވްސްއިން ގާއިމް ކުރާ ހޮސްޕިޓަލް ވެގެންދާނީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ސިއްހީ ނިޒާމަށް އެންމެ ބޮޑު ބަދަލެއް ގެނެސްދޭ ހޮސްޕިޓަލަށް ކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ، އެ ހޮސްޕިޓަލް ވާނީ ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއް ގާއިމް ކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ވެވަޑައިގެންފައިވާ ވައުދުގެ ވަރަށް މުހިންމު ބޮޑު ފިޔަވަޅަކަށް ކަމަށެވެ. މި ހޮސްޕިޓަލް ހުޅުވުމުން ރާއްޖޭގައި ފަރުވާ ކުރެވެން ނެތް ބައިވަރު އެތަށް ހިދުމަތްތަކެއް މި ހޮސްޕިޓަލުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ހޮސްޕިޓަލާ އެކު ފަރުވާ ހޯދުމަށް ދިވެހިން ރާއްޖެއިން ބޭރަށް ދިޔުން ހުއްޓުމަކަށް އަންނާނެ އެވެ. އައިޖީއެމްއެޗްގައި މިހާރު އޮންނަ ދިގު ކިއު އަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ހޮސްޕިޓަލް ހުޅުވިގެންދާއިރު ދާނީ ހުރިހާ ހިދުމަތެއް ލިބިގެންދާނެ ހޮސްޕިޓަލަކަށް، ހުޅުވިގެންދާއިރު އޯޕެން ހާޓް ސާޖަރީގެ ހިދުމަތްވެސް ލިބިގެންދާނެ، ކެތް ލެބެއް ހުންނާނެ، އެމްއާރްއައި، ސީޓީ، (ސްކޭން) އެންމެ ފަހުގެ ހޮސްޕިޓަލް ތަކުގައި ހުރި ޓެކްނޮލޮޖީ މިތަނުގައި އެބަހުރި، ޕޭޝަންޓް މިތަނަށް އައުމުން ކޭޓަރިންގެ ހިދުމަތްތައް ވެސް މިތަނުން ލިބެން ހުންނާނެ، އެމަޖެންސީގައި ފަރުވާ ދޭނެ ގޮތާއި އައުޓް ޕޭޝަންޓް އަދި އިން ޕޭޝަންޓްންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ހިދުމަތް ދެވޭނެ ގޮތަށް ތައްޔާރު ކުރެވިފައި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ހޮސްޕިޓަލުން މިހާރުވެސް ވަޒީފާއަށް ޓްރެއިން ވަމުންދާ ވަރަށް ގިނަ ދިވެހި ޒުވާނުން ތަކެއް ފެނިގެން ދިޔަ ކަމަށާއި މިތަން ހުޅުވުމުން ވަރަށް ގިނަ ދިވެހި ކުދިންނަށް ވަޒީފާ ލިބިގެންދާނެ ކަމަށެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލްގައި 30 އަށް ވުރެ ގިނަ ގައުމުގެ މީހުން މަސައްކަތް ކުރާނެ ކަމަށާއި އެއީ ސިއްހީ ހިދުމަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުޑަ މުއްދަތެއްގެ ތެރޭގައި ސިއްހީ ނިޒާމަށް އެންމެ ބޮޑު ބަދަލެއް ގެނެސްދޭ ހޮސްޕިޓަލަށް މިތަން ވެގެންދާނެ، ޔޫތް ސިޓީ ޑެވެލޮޕް ވެގެންދާއިރު މި ހޮސްޕިޓަލް ވެގެންދާނީ ވަރަށް މުހިއްމު ފީޗާއަކަށް، ހުޅުމާލެ އަށް ހިޖުރަކުރާ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަސާސް ހިދުމަތްތަކަށް ވަރަށް ބޮޑު ކޮންޓްރިބިއުޝަނަކަށް ވެގެންދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ހޮސްޕިޓަލް ހުޅުވުމުން ރާއްޖޭގައި ނެއް ބައިވަރު އެތަށް ހިދުމަތްތަކަށް ލިބިގެންދާނެ ކަމަށާއި އެގޮތުން ހާޓް ޓްރާންސްޕްލާންޓް ކުރުން ފިޔަވާ ހިތުގެ ހުރިހާ ކަމެއް މިތަނުން ކުރެވޭނެ، ކަމަށެވެ. އަދި އާސަންދަ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން މި ހޮސްޕިޓަލުން އާސަންދަ ލިބިގެންދާނެ، ކަމަށާއި ހުސްނުވާ އާސަންދާގެ ހިދުމަތް މި ހޮސްޕިޓަލުންވެސް ކަށަވަރު ކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހާޓް ޓްރާންސްޕްލާންޓް ކުރުން ފިޔަވާ ހިތުގެ ހުރިހާ ކަމެއް މިތަނުން ކުރެވޭނެ، ކެންސަރު ބައްޔަށް ފަރުވާދިނުން ރޭޑިއޯ ތެރަޕީ އިތުރުން ޑައިލަސިސް ތަކާއެކު މިތަން ހުޅުވިގެން މިދަނީ، ރާއްޖެއިން ބޭރަށް ދިއުން ވަރަށް ބޮޑަށް މަދުވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގައި ގާއިމް ކުރާ މި ހޮސްޕިޓަލް ހުޅުވަން ކުރިން ހަމަޖެހިފައި ވަނީ މި އަހަރުގެ ދެވަނަ ކްއާޓަރުގެ ތެރޭގަ އެވެ. ނަމަވެސް މިހާރު ހުޅުވަން ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު އެވެ. ޓްރީޓޮޕް ހޮސްޕިޓަލްގައި 200 ސްޓާފުން މިވަގުތު މަސައްކަތް ކުރެ އެވެ. އެތަން ހުޅުވުމާއެކު 700 ސްޓާފުންނަށް އިތުރުވެގެންދާނެ އެވެ.

މަލްޓި ސުޕެޝަލިޓީ މި ހޮސްޕިޓަލުގައި 200 އެނދު ހުންނާނެ އެވެ. ދެ އިމާރާތައްވާ ގޮތަށް ތަރައްގީކުރާ މި ހޮސްޕިޓަލް އަޅަމުން ދަނީ އެންމެ ޒަމާނީ ހޮސްޕިޓަލަކުން ވެސް ދެވޭނެ ހުރިހާ ސިއްހީ ހިދުމަތްތަކެއް ލިބޭ ގޮތަށް އަދި ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑު އިންގިލާބެއް އަންނާނެފަދަ ފެސިޓީސްތަކާއެކު އެވެ.

ހުޅުމާލޭގައި 20،000 އަކަމީޓަރުގެ ސަރަހައްދެއްގައި ހަ ފްލޯގެ އިމާރާތެއް ހަދާއިރު އެކޮމޮޑޭޝަން ބްލޮކަކާއި ރެސްޓޯރަންޓް އަދި އެމެޖެންސީ ޕަވަ ސިސްޓަމެއް ވެސް ހުންނާނެ އެވެ.