ހަބަރު

ޕީޕީއެމް ދިއްގަރު ދާއިރާގެ ޕްރައިމަރީގައި ވޯޓްލާން ފަށައިފި

Apr 24, 2015

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓް ހޯދަން ބާއްވާ ޕްރައިމަރީގައި ޕީޕީއެމްގެ މެންބަރުން ވޯޓްލާން ފަށައިގެން ކުރިޔަށް އެބަދެ އެވެ.

މާލެ އާއި ދިއްގަރު ދާއިރާގެ ރަށްތަކުގައި މިއަދު ބާއްވާ ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓްލާން ފެށީ މެދުރުފަހު 2:05  އެހާކަންހާއިރު އެވެ. ފުރަތަމަ ފެށީ މާލޭގައެވެ. ނަމަވެސް 2:00 ޖެހި އިރު ވޯޓްލާން ތައްޔާރުވެ ހުރިހާ ރަށެއްގައި ވެސް އޮބްޒާވަރުންނަށް ފޮށި ދައްކާފައިވެ އެވެ.

މ. ކިނބިގަސްދޮށުގޭ، ފާރިޝް މައުމޫނާއި މ. ދިއްގަރު ހިޔާ، މޫސާ ނަސީރު ވާދަ ކުރައްވާ މި ޕްރައިމަރީގައި މާލޭގައި ވޯޓް ފޮށި ބަހައްޓާފައި ވަނީ  ދަރުބާރު ގޭގަ އެވެ. މ. ވޭވަށުގައި ވޯޓް ފޮށި ބަހައްޓާފައި ވަނީ ވޭވަށު ސްކޫލްގަ އެވެ. މ. މުލީގައި އެ ރަށުގެ އުތުރު ފަރާތު ސްޓޭޖް ސަރަހައްދުގައެވެ. މ. މަޑުއްވަރީގައި ރަށުގެ އުތުރުކޮޅުގައެވެ. ދިއްގަރުގައި އެރަށުގެ ރެހެންދި ޕްރީ ސްކޫލްގައެވެ.

ވޯޓްލުން ކުރިޔަށް ދާނީ ހަވީރު 5:00 ޖެހުމާ ހަމައަށެވެ. ވޯޓްލާން ނިމުމާއެކު ހުރިހާ ފޮއްޓެއްގެ ކައިރިގައި ވަގުތުން ގުނާ ވަގުތީ ނަތީޖާ އިއުލާން ކުރާނެ އެވެ. މި ޕްރައިމަރީގައި 500 އަށްވުރެ ގިނަ މެންބަރުން ވޯޓްލާނެ ނެވެ.

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށާފައިވާއިރު އެމްޑީޕީގެ ޕްރައިމަރީ ބާއްވަނީ އަންނަ ހޯމަ ދުވަހު އެވެ. އެމްޑީޕީގެ ޓިކެޓް ހޯދުމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ އާދީއްތަ ދުވަހަ އެވެ. ދިއްގަރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން ބާއްވަން ހަމަޖައްސާފައި ވަނީ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ.