ހަބަރު

ރާއްޖޭގައި ވައިގެ ކުޅިވަރުތައް ހިންގަން އޭއެސްއެސްއެމް އަށް ހުއްދަ ދީފި

ރާއްޖޭގައި ވައިގެ ކުޅިވަރު ހަރަކާތްތައް ހިންގަން އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސް މޯލްޑިވްސް (އޭއެސްއެސްއެމް) އަށް ހުއްދަދީ އެކަމުގެ ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މޯލްޑިވްސް ސިވިލް އޭވިއޭޝަންގެ ފަރާތުން ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އޭއެސްއެމްގެ ފަރާތުން ސެޓްފިކެޓާ ހަވާލުވެލެއްވީ އެ ކުންފުނީގެ ރައީސް މުހައްމަދު ލަތީފެވެ. ވައިގެ ކުޅިވަރު ހަރަކާތްތައް ހިންގަން އޭއެސްއެސްއެމް އަށް ހުއްދަ ދީފައިވަނީ ދެ އަހަރު ދުވަހަށެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަދު މި ދެވުނު ހުއްދައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމާއި އޭވިއޭޝަންގެ ދާއިރާ ފުޅާކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ގިނަ ކުޅިވަރުތަކެއް އިތުރުވެ ރާއްޖޭގެ އެކި ހިސާބުތަކަށް އޭވިއޭޝަން ކުޅިވަރުތައް ފުޅާވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން ރާއްޖޭގައި ޕެރަގްލައިޑިން ކަހަލަ ކުޅިވަރުތައް ތައާރަފް ކުރެވި، މި ދާއިރާ އިތުރަށް ފުޅާ ކުރެވިގެންދާނެ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވައިގެ އިތުރު ކުޅިވަރުތައް ތައާރަފްވެ މި ދާއިރާ ފުޅާވެގެންދާނެ ކަމަށް ގަބޫލު ކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި އިތުރު އެއާޕޯޓްތައް ހުޅުވިގެންދާއިރު ރާއްޖޭގެ އެއާލައިންތަކަށް އިތުރު ޕައިލެޓުން ބޭނުންވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ޕައިލެޓުންގެ ޝޯޓޭޖް ދިމާވެދާނެ ކަމަށެވެ. އަދި ވިދާޅުވީ، އައިލޭންޑް އޭވިއޭޝަނާއި ގުޅިގެން ޕައިލެޓް ޓްރޭނިންގެ ފުރުސަތުތައް އިތުރު ކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ބައެއް ހާއްސަ ހަފުލާތަކުގައި ވައިގެ ހަރަކާތްތަކާއި ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ބައެއް ފަރާތްތަކަށް ވަގުތީ ހުއްދަ ދީފައި ވެއެވެ. ނަމަވެސް އެފަދަ ހަރަކާތްތައް ކުރިއަށް ގެންދަން ރަސްމީކޮށް ޖަމްއިއްޔާ އަކަށް ހުއްދަ ދިން މިއީ ފުރަތަމަ ފަހަރެވެ.