ހަބަރު

"ބޭނުންވާ ދާއިރާއިން ކުރިއަށް ދެވޭނެ ގޮތް ފަހިކޮށް ދެވިއްޖެ"

ތައުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދެވޭ ފުރުސަތު އިތުރުކޮށް، ދަރިވަރުން ޝައުގުވެރިވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މަތީ ސާނަވީ މަރުހަލާ ނިންމާ މިއަދު ފަށާ އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް މިނިސްޓަރު ފޮނުވި މެސެޖްގައި ވިދާޅުވީ، މަތީސާނަވީ ނިންމާލުމަށްފަހު ލިބެން ހުރި ފުރުސަތުގެ ބޭނުންހިފައި އާއިލާއަށާއި ގައުމަށް ހިދުމަތްކުރާ އުފެއްދުންތެރި ދަރިއަކަށްވުމަށް ހުރިހާ ދަރިވަރުން މަަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އަންނަ ތަރައްގީއާ ފައި ހަމަވާނެ ދާއިރާތަކުން މަތީ ތައުލީމުގެ ފުރުސަތު ފަހި ކޮށްދެވިފައިވާ ކަމަށާއި ފަހިކޮށްދެވުނު ފުރުސަތު ތަކުގެ ބޭނުން ހިފައި ގިނަ އަދަދެއްގެ ދަރިވަރުން މިހާރުވެސް މަތީ ތައުލީމު ހާސިލް ކުރަމުންދާ ކަމަށެވެ.

"ތައުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ފޯރުކޯށްދެވޭ ފުރުސަތު އިތުރުކޮށް ދަރިވަރުން ޝައުގުވެރިވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ މަގު މިއަދު ވަނީ ތައުލީމީ ނިޒާމުގެ ތެރެއިން ފަހިކޮށްދެވިފައި،" މިނިސްޓަރުގެ މެސެޖްގައި ވެއެވެ.

މިނިސްޓަރު ވަނީ މަތީ ސާނަވީ ނިންމައި އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ހެޔޮދުއާ ފޮނުވައި ކާމިޔާބު އިމްތިހާނަކަށް އެދިފަ އެވެ.