ހަބަރު

ފެނާއި ނަރުދަމާ ވައުދުގެ މިއަހަރު ހާސިލްވާނެ: މިނިސްޓަރު

ރާއްޖޭގެ އާބާދީގެ 75 ޕަސަންޓަށް ފެނާއި ނަރުދަމާ ފޯރުކޮށްދިނުން ރައީސް އަބުދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދު މިއަހަރު ހާސިލްވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ނުވަ ރަށެއްގެ ނަރުދަމާގެ ލޭބާ މަސައްކަތް ދެ ކުންފުންޔަކާ ހަވާލުކުރުމުގެ ގޮތުން ޝީ ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީންގެ ޓާގެޓަކީ ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް ފެނާއި ނަރުދަމާ ފޯރުކޮށްދިނުން ކަމަށާއި ޓާގެޓަށް ވާސިލްވާން ވަރަށް ކައިރިވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ޔާމީންގެ ވައުދުތަކުގެ ތެރެއިން ވައުދެއް ޓާގެޓަށް ވާސިލުވުމަށް ވަރަށް ގާތް ވެފައިވާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން ޓާގެޓް ހާސިލްވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ޓާގެޓަކީ ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް ފެނާއި ނަރުދަމާ ރައްޔިތުނަށް ފޯރުކޮށްދިނުން، ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ރަށްތަކުގައި ނަރުދަމާ ގާއިމް ކުރެވިފައިވަނީ 37 ޕަސެންޓަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ނުވަ ރަށެއްގެ ނަރުދަމާގެ ލޭބާ މަސައްކަތް ކުރުމަށް ދެކުންފުންޔަކާއި ވަހާލުކޮށްފައިވާއިރު އޭގެތެރެއިން ފ. ފީއަލި، އދ. ހަންޔާމީދޫއާ، އދ. އޮމަދޫއާ، ކ. ކާށިދޫގެ އިތުރުން ލ. ފީއަލި އަދި ރ. މާކުރަތުގެ ނަރުދަމާގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ޕުއިރިޓަސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ މިނިސްޓަރު ތޯރިގެވެ. އަދި ޕޮއިރިޓަސްގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ ޑިރެކްޓަރު ޝަރުމީލާ ރަގޫނާތަން އެވެ. އެކުންފުންޏާއި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ 73،951،043.46 ރުފިޔާ އަށެވެ.

ރ. ރަސްމާދޫއާ ހއ. އުތީމު އަދި ނ. ލަންދޫގެ ނަރުދަމާގެ މަސައްކަތް ހަވާލު ކޮށްފައިވަނީ، ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓާ އެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގެވެ. އަދި ސާސް އީ ކޮންސްޓަރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހުމަދެވެ. އެކުންފުންޏާއި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ 30،916،119.57 ރުފިޔާ އަށެވެ.

މިނިސްޓަރު ވިދާޅުވީ، ނުވަ ރަށުގެ ނަރުދަމާގެ މަސައްކަތް އެ ދެކުންފުންޏާއި ހަވާލު ކޮށްފައިވަނީ 12 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށާއި އަންނަ ހަފްތާގައި އެ ރަށްރަށުގެ މެޓީރިއަލް މަސައްކަތް އެސްޓީއޯއާ ހަވާލު ކުރެވިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މިއަހަރު ތެރޭގައި ިއިތުރު ހަތަރު މަޝްރޫއެއް ހަވާލު ކުރެވޭނެ ކަމަށާއި އެއާއެކު ރައީސް ޔާމީންގެ ޓާގެޓަށް ވާސިލްވާނެ ކަމަށެވެ.