ހަބަރު

އައިޕީޔޫގެ އިސްބޭފުޅުންނާ ޕީޕީއެމުން ބައްދަލު ކޮށްފި

ގާނޫނު ހަދާ މަޖިލިސްތައް ތަމްސީލްކުރާ ދުނިޔޭގެ ޖަމްއިއްޔާ، އިންޓަ ޕާލިއަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ އިސް ބޭފުޅުންނާއި ޕީޕީއެމުން ބައްދަލު ކޮށްފި އެވެ.

ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ، އައިޕީޔޫގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެ ޕޯސްޓްގައިވާ ފޮޓޯތަކުން ނިހާނުގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން އާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބުދުﷲ ހަލީލު އަދި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވެސް ހިމެނެ އެވެ.

ސްވިޒްލޭންޑްގެ ޖެނީވާގައި ހުންނަ އައިޕީޔޫ ހެޑް އޮފީހަށް ޕީޕީއެމްގެ މެންބަރުން ކުރެއްވި ދަތުރުގައިވަނީ ޔޫއެންގެ ހައި ކޮމިޝަނަރު ޒައިދް ރައާދް އަލް ހުސެއިންއާ ބައްދަލުކުރައްވައި އިންސާނީ ހައްގުތަކުގެ ދާއިރާއިން މަޝްވަރާ ކުރައްވާފަ އެވެ. މީގެ އިތުރުން ޕީޕީއެމް ޕީޖީ ގްރޫޕްގެ އިސް ބޭފުޅުންވަނީ ސްވިޒަލޭންޑްގެ ފަރާތުން އޭޝިއާ އަދި ޕެސިފިކް ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބައްދަލުކުރައްވަފަ އެވެ.

ޕީޕީއެމްގެ އިސްބޭފުޅުން ވަނީ އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ މިއަހަރުގެ އަހަރީ ޖަލްސާގައި ވެސް ބައިވެރިވެފަ އެވެ.