ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް މ. މުލަކުގައި ފޯރަމެއް ފަށައިފި އެވެ.
ފޯރަމް ފަށަން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު ވިދާޅުވީ، މިއަދު ފެށި ފޯރަމަކީ އަތޮޅުތަކުގެ ވިޔަފާރިތަކާއި މާލޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝިއަލް އިންސްޓިޓުއުޝަންތަކާއި ގުޅުވައިދީ މާލީ އެހީތެރިކަން ހޯދުމުގައި ވިޔަފާރިތަކާއި ވިޔަފާރިވެރިންގެ އިތުރުން ވިޔަފާރި ފެށުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ އެކަމަށް ހައްލު ހޯދައިދިނުމުގެ ފާލަމެއް އެޅުން ކަމަށެވެ.
އޭނާވިދާޅުވީ، އެފަދަ ފޯރަމްތަކުގައި ބައިވެރިވާ ފަރާތްތައް އިތުރުވެފައިވާ ކަމަށާއި އެއީ ކާމިޔާބީއެއް ކަމަށެވެ. އަދި ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއަރުވަން ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރާ ކަމަށާއި މިއަދު ފެށި ފޯރަމުގެ ސަބަބުން މ. އަތޮޅުގެ ވިޔަފާރިތަކަށް ފައިދާ ކުރާނެ ކަމަށެވެ.
"މި ފޯރަމް ނިމުމުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންޝަލީ ދިމާވެފައިވާ މައްސަލަތައް ދެނެގަނެ ކުރިއަށް އޮތްތަނުގައި ފައިނޭންޝަލް އިސްޓިޓިއުޓްތައް މެދުވެރިކޮށް މިކަން ކަމަށް ހައްލު ހޯދިގެން ދާނެ ކަމަށް އުންމީދު ކުރަން،" ތައުފީގު ވިދާޅުވި އެވެ.
މިއަދުގެ ނިޔަލަށް ގެންދާ ފޯރަމްގައި 140 އަށްވުރެ ގިނަ ވިޔަފާރިވެރިންނާއި ވިޔަފާރިތަކަށް ޝައުގުވެރިވާ ފަރާތްތަކުން ބައިވަރިވެފައި ވެއެވެ. މި ފޯރަމުގައި ރާއްޖޭގެ ހުރިހާ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ވެސް ބައިވެރިވެފައި ވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ސިލްސިލާކޮށް ފަށާފައިވާ މި އިވެންސްޓްމަންޓް ފޯރަމްތަކުގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ އައްޑު އާއި ފުވައްމުލަކުގައި އެވެ. އެ ދެ އަތޮޅުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރި ތަކަށް ހާއްސަކޮށް ބޭއްވި ފޯރަމްގައި 250 ވިޔަފާރިވެރިން ބައިވެރިވެފައި ވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ކުދި ވިޔަފާރިތައް ވަރުގަދަ ކުރުމުގެ ގޮތުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) ގެ ނަމުގައި ހާއްސަ ކުންފުންޏެއް ވެސް އުފައްދާފަ އެވެ.