ހަބަރު

މިނިވަންކަމުގެ އެންމެ ބޮޑު އަސްލަކީ ވަށައިގެންވާ ކަނޑު: އުމަރު

Apr 24, 2015

ރާއްޖޭގެ މިނިވަންކަމުގެ އެންމެ ބޮޑު އަސްލަކީ ރާއްޖެ ވަށައިގެންވާ ކަނޑު ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިވަން 50 ގެ މޫދު ކުޅިވަރު އީދު ރަސްމީކޮށް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ދުޝްމަނުން ރާއްޖެ ހިފަން އަންނަ ކޮންމެ ފަހަރަކު އެ މީހުންނަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި އޮތީ ރާއްޖެ ވަށައިގެން އޮތް ކަނޑު ކަމަށެވެ. އޭގެ ސަބަބުން ރާއްޖެ އެރުމަށާއި ފައިބައިގެން ދިއުމުގައި އެ މީހުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި އިގްތިސާދީ ގޮތުން ބެލިޔަސް ކަނޑަކީ ރާއްޖެއަށް ވަރަށް މުހިންމު އެއްޗެއް ކަމަށާއި ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑު ހިއްސާއެއް ވެސް ކަނޑުގައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިވެހިން އާންމުކޮށް ކެއިން ބުއިމުގައި ބޭނުންކުރާ ތަކެއްޗަކީ ވެސް ކަނޑުގެ ދިރުންތައް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންވެ އަޅުގަނޑުމެން މިފަދަ އީދެއް މި ބޭއްވީ، އިރާދަކުރެއްވިއްޔާ މިނިވަންކަން މަތީ ރާއްޖެ ބޭއްވުމުގައި ކަނޑު އަދާކުރި ދައުރު އަދާކުރުމުގައި އަދިވެސް އޮންނާނެ." އުމަރު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގެންނެވި އެ ހަފުލާގައި މޫދު ކުޅިވަރުތައް ރަސްމީކޮށް އިފްތިތާހުކުރި ނަމަވެސް މިއަދު ހެނދުނުން ފެށިގެން މިނިވަން 50 ގެ މޫދު ކުޅިވަރުތައް ދަނީ ކުރިއަށެވެ.