ހަބަރު

ޖަލްސާތައް ސައްހައެއް ނޫން، އިހުތިޖާޖް ކުރާނަން: އިދިކޮޅު

ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އަބުދުﷲ މަސީހު އިންނަވައިގެން ކުރިއަށްގެންދާ ޖަލްސާތަކަކީ ސައްހަ ޖަލްސާތަކެއް ނޫން ކަމަށާއި ގާނޫނީ އިމުން ބޭރުން މަޖިލިސް ޖަލްސާތައް ކުރިއަށްގެންދާ ހިނދަކު އިހުތިޖާޖް ކުރުން ހުއްޓާ ނުލާނެ ކަމަށް އިދިކޮޅު ޕީޖީ ގުރޫޕުން ބުނެފި އެވެ.

މ. ކުނޫޒްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، މަސީހު ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށާއި މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މައްސަލަ އަދިވެސް ސައްހަ ކަމަށެވެ. އަދި ވިދާޅުވީ، ފާރިސް މަޖިލީހަށް ހުށަހަޅުއްވާފައިވާ ސިޓީތަކަށް ވެސް ޖަަވާބު ނުދެއްވާ ކަމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ހަތް މެންބަރުންނާ ނުލާ މަޖިލިސް ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށެވެ. އެކަން ކުރައްވަނީ ގާނޫނާ ހިލާފަށް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"މަޖިލީހުގެ ކަންކަން ކުރިއަށް ގެންދަނީ ސަރުކާރާއި އެހެނިހެން ބާރުތަކުގެ ބޭނުން ހިފައިގެން، ބައެއް މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިގެން މަޖިލިސް ކުރިއަށް ގެންދާތީ އިހުތިޖާޖް ކުރަނީ، ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ ހަތް މެންބަރުންނާ ނުލާ މަޖިލިސް ކުރިއަށް ގެންދެވިގެން ނުވާނެ، އެކަން ކުރައްވަނީ ގާނޫނާ ހިލާފަށް،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، މަޖިލީހުގެ އަމީންއާމާއި މަޖިލީހުގެ ރައީސް ގާނޫނީ އިމުގެ ބޭރުން ކުރައްވާ ކަންކަން ހުއްޓުވުމަށް ކުރެވެން ހުރި ކަންކަން ބަލައި އެކަންކަމާމެދު ފިޔަވަޅު އެޅުމަށް ކުރެވެންހުރި ކަންކަމާމެދު ޕީޖީ ގްރޫޕްގައި މަޝްވަރާ ކުރާނެ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން މެޖޯރިޓީ ނެތް މަޖިލީހަކާއެކު މަސައްކަތް ކުރަން ދަސްކުރަން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އަމީންއާންމްއާ ބައްދަލު ކުރައްވައި ސުވާލު ކުރެއްވީ ބައެއް މެމޯތަކުގައި ސޮއި ކުރައްވާފައިވަނީ ކީއްވެތޯ، އަދި ފާރިސް މަޖިލީހަށް ނުގެނެވެނީ ކީއްވެތޯ، އަމީންއާންމް ވިދާޅުވީ، ތިމަންނަ ގަބޫލު ކުރާގޮތާ ތިމަންނަ އަމަލު ކުރާގޮތާ ތަފާތުވާނެ ކަމަށް،" ރިޔާޒް ވިދާޅުވި އެވެ. "ރައީސް ޔާމީން އަށް ޖޭހޭނީ އިދިކޮޅު އެންމެން ޖަލަށްލާން، މިކަމެއް ނުހުއްޓޭނެ، ރައީސް އަށް ޖެހޭނީ ގަނޫނުތަކާއި އެއްގޮަތަށް ކަންކަން ހިންގަން، އެގޮތަށް ނުގެންދާ ކަމުގައިވާނަމަ އެންމެ ފަހު މީހާއާ ޖެހެންދެންވެސް އިހުތިޖާޖް ކުރާނަން، ސަރުކާރު ހަމަ މަގަށް އެޅުއްވުމަށް ކުރެވެންހުރި މަސައްކަތް ހުއްޓާނުލާ ކުރާނަން،"

ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ވެއްދީ ތަކުރާރުކޮށް މަޖިލީހުގެ މެންބަރުންގެ ހައްގުތަކަށް އަރައިގަނެ މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތްތަކަށް ހުރަސް އަޅައި މަޖިލީހުގެ ބާރުތައް ކަނޑުވާލާއި މުޅި އިންސްޓިޓިއުޓް ހަލާކު ކޮށްލަން މަސައްކަތް ކުރައްވާތީ ކަމަށެވެ. އަދި ވިދާޅުވީ، މިއަދުގެ ވޯޓުން ސަރުކާރުގެ މެޖޯރިޓީއަކީ 28 މެންބަރުންކަން ފެނިފައިވާ ކަމަށާއި އިދިކޮޅު މެންބަރުން ހައްޔަރުކުރި ކަމުގައިވީ ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ އިދިކޮޅުގައި ކަމަށެވެ.

"މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސައްހަ ނޫން ޖަލްސާއެއް ސައްހަ ނޫން އެޖެންޑާއަަކަށް ސައްހަ ނޫން ރައީސް އަކާއެކު ސައްހަ ނޫން ވޯޓެއް ނަގައިގެން، މިއަދުގެ މަޖިލިސް ދިޔައީ އެއްވެސް ގޮތަކަށް ސައްހަ ގޮތަކަސް ނޫން،" ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ، މިއަދުގެ މަޖިލިސް ނިންމާލަމުން ދެން ކުރިއަށް އޮންނާނީ ބަޖެޓް ޖަލްސާ ކަމަށް ވިދާޅުވެފައިވާ ކަމަށާއި 28 މެންބަރުންގެ ވޯޓާއެކު ފާސްކުރާ ބަޖެޓެއް ސައްހައެއް ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ، ބަޖެޓަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ ކަމެއް ކަމަށާއި ބަޖެޓް ޖަލްސާތައް ކުރިއަށް ގެންދަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ބާއްވާ މަޖިލިސް ޖަލްސާއެއްގައި ކަމަށެވެ.