ހަބަރު

އެވޯޑް ހަފުލާގައި ބްރޯޑްކޮމްއާ ދެކޮޅަށް ރާއްޖެޓީވީ އިހުތިޖާޖުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެެމްސީ)އިން އިސްނަގައިގެން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމުގެ އެވޯޑް ދިނުމަށް ރޭ ބޭއްވި ޖަލްސާގެ ތެރޭގައި ރާއްޖެޓީވީން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންއާ ދެކޮޅަށް ހިމޭން އިހުތިޖާޖެއްކޮށްފި އެވެ.

ރޭ ރާއްޖެޓީވީގެ ނޫސްވެރިން އެވޯޑް ހަފުލާއަށް ގޮސްފައިވަނީ "އަބުރު ފަންޑް" ޖަހާފައިވާ ކަޅު ކުލައިގެ ޓީޝާޓް ލައިގެންނެވެ. އަދި "އަބުރުފުޅު ފަންޑް"ގެ ނަމުގައި ފައިސާ ހޯދުމަށް ރާއްޖެޓީވީއިން ބަހައްޓާފައިވާ ފަންޑް ފޮށި ވެސް ރޭ ވަނީ އެވޯޑް ހަފުލާއަށް ގެންގޮސްފަ އެވެ.

އޭގެއިތުރުން ބްރޯޑްކާސްޓިން ކޮމިޝަނާ ދެކޮޅަށް ޝުއޫރުތައް ލިޔެ ރާއްޖެޓީވީގެ ނޫސްވެރިން ވަނީ އެ ޝުއޫރުތައް އެވޯޑް ހަފުލާގައި ފާޅުކޮށްފަ އެވެ. އެގޮތުން ބްރޯޑްކާސްޓިން ކޮމިޝަނަކީ ނޫސްވެރިކަމަށް ހުރި "ހަލާކެއް" ކަމަށް ބުނެ ޝުއޫރު ފާޅުކުރި އެވެ. އަދި ނޫސްވެރިކަމަކީ ކުށެއް ނޫން ކަމަށާއި އެ ސްޓޭޝަން ޖޫރިމަނާ ކުރަމުން ދަނީ ބޭއިންސާފުން ކަމަށް އެ ނޫސްވެރިން ގޮވާލާފައިވެ އެވެ.

ރާއްޖެޓީވީއިން ބުނި ގޮތުގައި، ރޭގެ އެވޯޑް ހަފުލާގައި ހިމޭން އިޖުތިޖާޖެއް ރާއްޖެޓީވީގެ ނޫސްވެރިން ކުރީ ދިވެހި ހުރިހާ ނޫސްވެރިންގެ ހައްގުގަ ކަމަށެވެ. އަދި އެކަމުގެ ބޭނުމަކީ ބްރޯޑްކާސްޓިން ކޮމިޝަނުން އަމަލުކުރަނީ ބޭއިންސާފުންކަން ހަނދާންކޮށްދިނުން ކަމަށެވެ.

ރާއްޖެޓީވީ ވަނީ ތިން ފަހަރެއްގެ މަތިން ޖޫރިމަނާކޮށްފަ އެވެ. އެންމެފަހުން ރާއްޖެޓީވީ ޖޫރިމަނާކޮށްފައިވަނީ ފަސް ލައްކަ ރުފިޔާއިންނެވެ. އެއީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ އެވެ. އެ ކޮންޓެންޓަކީ ތިމަފުށީ ދާއިރާގެ މެންބަރު މުސްތަފާ ދެއްކެވި ވާހަކައެކެވެ.

ރާއްޖެޓީވީ އެންމެ ފުރަތަމަ ޖޫރިމަނާކުރީ ދެލައްކަ ފަންސާސް ހާސް ރުފިޔާއިންނެވެ. އެ ފައިސާ ދެއްކިތަނާ އަނެއްކާވެސް އެއް މިލިއަން ރުފިޔާއިން އެ ސްޓޭޝަން ޖޫރިމަނާކުރި އެވެ. ޖޫރިމަނާގެ ފައިސާ ދެއްކުމުގައި ރާއްޖެޓީވީއަށް އެހީވުމަށް އެ ސްޓޭޝަނުން މިހާރު ވެސް ވަނީ ފަންޑް ފޮއްޓެއް ބަހައްޓާފަ އެވެ.