ހަބަރު

އިދިކޮޅުން ކިތަންމެ ހުރަސް އެޅިޔަސް ބަޖެޓް ފާސް ކުރާނަން: މޫސަ

އިދިކޮޅު މެންބަރުން މަޖިލީހުގައި ކިތަންމެ ވަރަކަށް އިހުތިޖާޖު ކުރިޔަސް އަންނަ އަހަރުގެ ބަޖެޓް މަޖިލީހުން ފާސްކުރާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި މޫސަ ވިދާޅުވީ، އަންނަ އަހަރަކީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ސަރުކާރުން ކުރިއަށް ގެންދާނެ އަހަރެއް ކަމަށާއި އެހެން ކަމުން އެ މަސައްކަތްތަކަށް އެކަށީގެންވާ ބަޖެޓެއް މަޖިލީހުން ފާސްކޮށްދޭން ޖެހޭ ކަމަށެވެ. ތަރައްގީ ގެންނަން އިދިކޮޅު މެންބަރުން ހުރަސްއަޅާކަމަށް ވިދާޅުވެ މޫސަ ވިދާޅުވީ އިދިކޮޅު މެންބަރުންގެ އެ މަސައްކަތް ކާމިޔާބުވިޔަކަ ނުދެއްވާނެ ކަމަށެވެ. އަންނަ އަހަރަކީ ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތައް އިތުރުވެ އިތުރު ފާގަތިކަން ރައްޔިތުންނަށް ގެނެސްދޭނެ އަހަރެއް ކަމަށް މޫސަ ވިދާޅުވި އެވެ. އެކަން ކުރެވޭނީ ބަޖެޓް ފާސްކޮށްދީގެން ކަމަށް ވެސް ވިދާޅުވި އެވެ.

"މިދިޔަ އަހަރުތަކަށްވުރެ އަންނަ އަހަރަކީ ތަރައްގީ އާއި އެހެނިހެން ހިދުމަތްތައް އިތުރުވެ އާ ބޮޑެތި މަޝްރޫއުތަކެއް ބަޖެޓުން ފެންނާނެ އަހަރެއް. އެކަމަށް ޓަކައި އަޅުގަނޑުމެން އެބަ ޖެހޭ ބަޖެޓް ފާސްކޮށްދޭން. އިދިކޮޅު މެންބަރުން މިކަމަށް ވެސް ޖެއްސުން ކުރާނެ. އެކަމަކު އަޅުގަނޑުމެން ބަޖެޓް ފާސްކުރާނަން،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅުން ކުރާހާ ވެސްކަމަކީ ސަރުކާރަށް ޖެއްސުން ކުރުމާއި ރާއްޖެ އަޅުވެތި ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ބޭރުގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ގެންދަން އިދިކޮޅުން ލީޑަރުން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް މޫސަ ވިދާޅުވި އެވެ. މޫސަ ވިދާޅުވި ގޮތުގައި ރާއްޖެއަކީ ހައްދުފަހަނައަޅާފައިވާ ތަނެއްކަމަށް ދެއްކުމަށް އިދިކޮޅު ލީޑަރުން މަސައްކަތް ކުރެ އެވެ. އޭގެ ބޭނުމަކީ ބޭރުގެ ނުފޫޒުތައް ރާއްޖޭގެ މައްޗަށް ގަދަ ކުރުމެވެ.

"ޔޫރަޕާއި އެނޫންވެސް ގައުމުތަކުން ރާއްޖެއަށް ނުފޫޒުފޯރުވަން މަސައްކަތްކުރަނީ ބޭރުގައި މިވަގުތު ތިއްބެވި ސިޔާސީ ލީޑަރުންގެ މަސައްކަތުން. ހައްދުފަހަނަ އަޅާގޮސްފައިވަނީ ރާއްޖޭގެ ރައްޔިތުންނެއް ނޫން. ސިޔާސީ ގޮތުން ހައްދު ފަހަނައަޅަފައިވަނީ އިދިކޮޅު ސިޔާސީ ލީޑަރުން،" މޫސަ ވިދާޅުވި އެވެ.