ހަބަރު

ރާއްޖޭގެ މަހުގެ ވިޔަފާރި ރަނގަޅުވެ އެކްސްޕޯޓަށް ކުރިއެރުން

މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއިން ބޭރުގެ ގައުމުތަކަށް، އެކްސްޕޯޓް ކުރި މުދަލުގެ އަދަދު 13 ޕަސެންޓް އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އިން އާންމު ކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ މަހު 160 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ވަނީ ބޭރުކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު އެކްސްޕޯޓު ކުރީ 141 މިލިއަން ރުފިޔާގެ މުދަލަށް ވުރެ 19 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިބަދަލު އައުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއިން މަސް ބޭރު ކުރާވަރު އިތުރުވުމެވެ. އެގޮތުން ބޭރުކުރި މުދަލުގެ 31 ޕަސެންޓް ބޭރުކުރީ ތައިލެންޑަށެވެ. އަދި އެކްސްޕޯޓް ކުރި މުދަލުގެ 11 ޕަސެންޓް ބޭރުކުރީ ޖަރުމަނަށެވެ.

އެކްސްޕޯޓް އިތުރުވި އިރު މުދާ އެތެރެކުރިވަރު އިމްޕޯޓްސް ވެސް ވަނީ އިތުރުވެފަ އެވެ. ތަފާސްހިސާބުތަައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް އެތެރެ ކުރި މުދަލުގެ އަގު މިދިޔަަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު ވަނީ 10 ޕަސަންޓު އިތުރުވެފަ އެވެ. އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހު ތިން ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ އެތެރެކޮށްފައި ވަނީ 2.7 ބިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހު ރާއްޖެ އެތެރެ ކުރި މުދާތަކުގެ ތެރޭގައި 23 ޕަސަންޓު މުދާ ޔޫއޭއީ އިން އެތެރެކޮށްފައިވާ އިރު އިންޑިއާއިން ވަނީ 13 ޕަސަންޓު މުދާ އެތެރެކޮށްފަ އެވެ.