ހަބަރު

ފައިސާ ނުދީގެން އެމްޑީޕީން ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ދައުވާކޮށްފި

ސިޔާސީ ޕާޓީތަކަށް ދައުލަދުން ދޭން ކަނޑައަޅާފައިވާ ފައިސާ ދޫކޮށްފައިނުވާތީ ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް އެމްޑީޕީން މިއަދު ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަވަސް އަށް ވިދާޅުވީ، ދައުލަތުން ޕާޓީތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާތަކުގެ ތެރެއިން އެ ޕާޓީއަށް ލިބެންޖެހޭ ފައިސާ އަދިވެސް ލިބިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ، ފިނޭންސް މިނިސްޓްރީގެ މައްޗަށް ދައުވާ ކޮށްފައިވަނީ އިލެކްޝަން ކޮމިޝަނުން އެ ޕާޓީއަށް ކަނޑައަޅާފައިވާ 7.4 މިލިއަން ރުފިޔާ ދިނުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެދިނުމަށް ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުން، ދައުލަތުން ޕާޓީތަކަށްދޭން ކަނޑައަޅާ ފައިސާ އެންމެ ލަސްވެގެންވެސް ތިން މަސް ދުވަހުގެ ތެރޭގައި އެޕާޓީއަކަށް ދޭން ޖެހޭނެ އެވެ.

އަނަސް ވިދާޅުވީ، މިދިޔަ އަހަރު އީސީން ކަނޑައަޅާފައިވާ ފައިސާ މޭމަހު ދޭންޖެހޭ ކަމަށާއި ނަމަވެސް ލިބިފައިވަނީ މިދިޔަ ނޮވެމްބަރު މަހު ކަމަށެވެ.

"މިދިޔަ އަހަރުވެސް ނޮވެމްބަރު މަހު ލިބުނީ، މިއަހަރު އަދި ނުވެސް ލިބޭ، އެހެންވެ ސިވިލް ކޯޓަށް ހުށަހަޅާފައިވާނީ ކޯޓު އަމުރެއްގެ ދަށުން ޕާޓީއަށް ވަގުތުން ފައިސާ ދިނުމަށް،" އަނަސް ވިދާޅުވި އެވެ.

އެމްޑީޕީން ވަނީ ފައިސާ ނެތުމުގެ ސަބަބުން ޕާޓީ ހިންގުމަށް ދަތިވާކަމަށް ވިދާޅުވެ ވަކި މުއްދަތެއް ނެތި އެޕާޓީގެ ކޮންގްރެސްވެސް ވަނީ ލަސްކޮށްފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އީސީން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެކަމަކު ބަންދު ދުވަސްތަކާ ނުލައި މިދިޔަ މަހުގެ އަށްވަނަ ދުވަހު ވަނީ ތިން މަސް ހަމަވެފަ އެވެ. މީގެ އިތުރުން ޕާޓީތަކަށް ފައިސާ ދޫކުރުމުގެ ކުރިން އަހަރީ ރިޕޯޓްތަކާއި އޮޑިޓް ރިޕޯޓްތަކަށް އީސީން ބަލަ އެވެ.

ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ އެ ޕާޓީއެއްގެ ދަފްތަރުގައި މެމްބަރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ މެމްބަރުންގެ އަދަދުގެ ނިސްބަތުންނެވެ. އީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ މެމްބަރުން ގިނަ ޕާޓީ އަކީ ޕީޕީއެމް އެވެ.