ހަބަރު

ލަންކާގައި މާރާމާރީ ހިންގި ދިވެހި ކުދިންގެ ބަޔާންތައް ނަގައިފި

Oct 12, 2017
1

ލަންކާގައި ކިޔަވާ ދިވެހިން ކުދިންތަކެއްގެ މެދުގައި މިއަދު ހިނގި މާރާމާރީގައި ތިން ކުދިން ޒަހަމްވި މައްސަލައާ ގުޅިގެން އެ މައްސަލައިގައި ޝާމިލްވާ އެންމެންގެ ބަޔާންތައް ލަންކާ ފުލުހުން މިއަދު ނަގައިފި އެވެ.

ލަންކާގައި ހުންނަވާ ދިވެހި އެމްބެސެޑަރު މުހައްމަދު ހުސެން ޝަރީފް، މުންދު މިރޭ "އަވަސް"އަށް ވިދާޅުވީ މިއަދު ހަވީރު ޑޭ ބްރިޖް ސްކޫލްގައި ކިޔަވާ ދިވެހި ކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީގައި ޒަހަމްވި ތިން ކުދިންގެ އިތުރަށް އެ މާރާމާރީގައި ދެ ފަރާތުން ވެސް ބައިވެރިވި އެހެން ދިވެހި ކުދިންނަށް ވެސް ކުދިކުދި އަނިޔާތައް ވެފައިވާ ކަމަށެވެ. އަށާރަ އަހަރު ނުފުރޭ ކުދިންތަކެއްގެ މެދުގައި ހިނގި މި މާރާމާރީގައި އަނިޔާވީ ދެ ދިވެހި ކުދިންނަށާއި ލަންކާ ކުއްޖަކަށެވެ.

މުންދު ވިދާޅުވި އެ މާރާމާރީ ހިނގީ ތޫނު އެއްޗިހި ބޭނުންކޮށްގެން ކަމަށް ވާތީ، އަދި އެކަމުގެ ތެރޭގައި ބަޔަކަށް އަނިޔާވެފައިވާތީ ލަންކާ ފުލުހުން ވެސް ކަޅުބޯވިލާ ހޮސްޕިޓަލަށް އައިސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެ މާރާމާރީ ހިނގި ސަބަބު ސާފުކުރުމަށް އެކަމުގައި ބައިވެރިވި ހުރިހާ ކުދިންގެ ބަޔާންތައް ވެސް ލަންކާ ފުލުހުން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އޮފިޝަލުން ވެސް ހޮސްޕިޓަލްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުންދު ވިދާޅުވި ގޮތުގައި ދިވެހިންތަކެއް މިފަދަ ނުރައްކާތެރި ކަމެއް ހިންގުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމެކެވެ. އެ މާރާމާރީ ހިނގާފައި ވަނީ ދިވެހި ދެ ކުއްޖެއްގެ ދެމެދުގައި މީގެ ދުވަސްކޮޅެއް ކުރިން އެފުދުނު ހިޔާލުތަފާތުވުމެއްގައި މައްސަލަ ބޮޑުވެގެން ކަމަށް އެނގިފައިވާ ކަމަށް މުންދު ވިދާޅުވި އެވެ.

"ބޮޑު އަނިޔާއެއް ނުލިބި، ފުރާނައަށް ނުރައްކާވާވަރުގެ ކަމެއް ދިމާ ނުވެ ނަސީބަކުން ސަލާމަތްވެއްޖެ. އެކަމަކު މިއީ ވަރަށް ނުރައްކާތެރި ކަމެއް. އެއީ މި މާރާމާރީގައި ތޫނު އެއްޗިހި ވެސް ބޭނުންކޮށްފައި ވާތީ. މިއީ ހިތާމަ ކުރަން ޖެހޭ ކަމެއް. ލަންކާ ފުލުހުން ވެސް މިހާރު ދެ ފަރާތުގެ ކުދިންގެ ބަޔާންތައް ވެސް ވަނީ ނަގާފައި،" މުންދު ވިދާޅުވި އެވެ.

ބޮޑަށް އަނިޔާވީ، ގއ ކަނޑުހުޅުދޫ ރީލްމަންޒިލް އުމުރުން 15 އަހަރުގެ ނާސިއު ހަނީފް އަށެވެ. އޭނާގެ ބުރަކައްޓަށް ކަތުރަކުން ހަމަލާދީފައިވާ ކަމަށް މުންދު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ކުއްޖާގެ ހާލުވެސް މިހާރު ސްޓޭބަލް ކަމަށް މުންދު ވިދާޅުވި އެވެ. ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިރޭގެ ވަގުތެއްގައި އެންމެން ދޫކޮށްލާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.