ބަންގްލަދޭޝްގެ ރާޖްޝާހީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ޑޯމިޓަރީގައި މަރުވެފައި ހުއްޓާ ފެނުނު ރާއްޖޭގެ މޮޑެލް ރައުދާ އާތިފުގެ މަރާ ބެހޭ ގޮތުން އޮސްޓްރޭލިއާގެ ޗެނަލް ނައިންއިން އުފެއްދި ތަހުގީގީ ޑޮކިއުމަންޓްރީ އަންނަ އާދިއްތަ ދުވަހު ދައްކަން ނިންމައި ޓްރެއިލާ އާާންމުކޮށްފި އެވެ.
ޗެނަލް ނައިންގެ މަޝްހޫރު ޕްރޮގްރާމް "60 މިނެޓްސް އޮސްޓްރޭލިއާ" ފޭސްބުކް ޕޭޖްގައި ވަނީ ރައުދާގެ މަރާގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ޑޮކިއުމަންޓްރީގެ ޓްރެއިލާއެއް ވެސް މިހާރު އާންމުކޮށްފަ އެވެ. އެ ޑޮކިއުމަންޓްރީ ޗެނަލް ނައިން އިން ދައްކަން ހަމަ ޖެހިފައިވަނީ ރާއްޖެ ގަޑިން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:30ގަ އެވެ.
ޗެނަލް ނައިން އިން އާންމުކުރި ޓްރެއިލާގައި ރައުދާ ގެ ބައްޕަ މުހައްމަދު އާތިފްގެ އިންޓަވިއުވެސް ފެނިގެން ދެއެވެ. އަދި އިތުރު ބައެއް އެކްސްޕާޓުންގެ އިންޓަވިއުގެ އިތުރުން ރައުދާ މަރުވެފައި ހުއްޓާ ފެނުނު ކޮޓަރީގެ މަންޒަރުތަކާއި އޭނާ މަރުވެފައި ވަނިކޮށް ނަގާފައިވާ ފޮޓޯތައް ވެސް ފެނިގެން ދެއެވެ. އެ ޓްރެއިލާގައި ވާހަކަ ދައްކާފައިވާ ދެ އެކްސްޕާޓަކު ބުނަނީ، ރައުދާ މަރާލާފައިވާ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ރައުދާގެ ބައްޕަ ބުނެފައި ވަނީ ބަޔަކު އޭނާގެ ދަރިފުޅު މަރުވި ސަބަބު ފޮރުވަން ބޭނުންވާ ކަމަށާއި ނަމަވެސް ހަގީގަތް އޭނާއަށް އިނގެން ބޭނުންވާ ކަމަށެވެ.
ޑޮކިއުމެންޓްރީ ހަދަން ބޭނުންވި ސަބަބާ ބެހޭ ގޮތުން 60 މިނެޓްސްގެ ޕްރޮޑިއުސަރް ލައުރާ ސްޕާކްސް ޑާކާ ޓްރައިބިއުން ނޫހަށް ބުނެފައި ވަނީ ރައުދާއަކީ ބައިނަލް އަގުވާމީ ގޮތުން މަޝްހޫރު މޮޑެލެއް ކަމަށާއި އެހެންވީމާ އޭނާގެ މަރުގެ ތަހުގީގު ގޮސްފައި އޮތް ހިސާބެއް ބަލަން މުނިފޫހިފިލުވުމުގެ ދާއިރާގެ މީހުން ބޭނުންވާ ކަމަށެވެ.
ރާޖްޝާހީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ޑޯމިޓަރީގައި ރައުދާ މަރުވެފައި އޮއްވާ ފެނުނީ މިއަހަރުގެ މާޗްމަހުގެ 29 ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑުގެ އޮޓޯޕްސީ ދެފަހަރަށް ހެދުމަށް ފަހުވެސް ބަންގްލަދޭޝްގެ އޮފިޝަލުން ވިދާޅުވެފައި ވަނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ރައުދާގެ މަރަކީ ގަތުލެއް ކަމަށް ބުނެ އޭނާގެ ބައްޕަ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން އަންނަނީ އެމައްސަލަ އަދިވެސް ތަހުގީގު ކުރަމުންނެވެ.