ހަބަރު

ނުވަ މަސްތެރޭ އޭސީސީއަށް ބެލުނީ 593 މައްސަލައެއް

މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހު 593 މައްސަލައެއް ބަލާ ނިންމާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުގައި ބުނެފައި ވަނީ މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި 593 މައްސަލައެއް ބަލާ ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން ތިންވަނަ ކުއާޓާގައި 167 މައްސަލައެއް ބަލާ ނިންމާފައިވާ ކަމަށެވެ. އަދި 2016 ވަނަ އަހަރުގެ އެ މުއްދަތުގައި ބަލާ ނިންމާފައިވަނީ 259 މައްސަލައެއް ކަމަށެވެ.

ތިންވަނަ ކުއާޓާގައި އެ ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން ތަހުގީގު ކުރަން ނިންމާފައިވަނީ 142 މައްސަލައެއް ކަމަށާއި މިދިޔަ އަހަރު ތިންވަނަ ކުއާޓާގައި ތަހުގީގު ކުރަން ނިންމާފައިވަނީ 170 މައްސަލައެއް ކަމަށްވެސް ތަފާސްހިސާބުތަކުގައި ވެއެވެ.

އޭސީސީގެ މެންޑޭޓަށް ނުފެތޭ 11 މައްސަލައެއް މެންޑޭޓް ހިމެނޭ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށާއި މިދިޔަ އަހަރުގެ އެ މުއްދަތު ތެރޭގައި ފޮނުވާފައިވަނީ 24 މައްސަލަ އެކެވެ. އަދި އެކަށީގެންވާ މައުލޫމާތު ނެތުމުން 28 މައްސަލައެއް މިއަހަރުގެ ތިންވަނަ ކުއާޓާގައި ނުބަލައި ދޫކޮށްލާފައިވާއިރު މިދިޔަ އަހަރު ނުބަލައި ދޫކޮށްލާފައިވަނީ 18 މައްސަލައެއް ކަމަށްވެސް ތަފާސްހިސާބުތަކުގައި ވެއެވެ.