ހަބަރު

މުދަލު ޒަކާތަށް ފަގީރަކަށް 900 ރުފިޔާ ބަހަން ފަށައިފި

ފަގީރުންގެ ގޮތުގައި ރެޖިސްޓާކޮށްފައިވާ ކޮންމެ މީހަކަށް މުދަލު ޒަކާތް ބަހަން ފަށައިފި އެވެ. މުދަލު ޒަކާތުގެ ގޮތުގައި ބަހަނީ މީހަކަށް 900 ރުފިޔާ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުދަލު ޒަކާތް ބަހަން ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެގޮތުން މި ތިން ދުވަހު ހެނދުނު 9:00 އަކުން ހަވީރު 3:00 އަކަށް އިސްލާމީ މަރުކަޒުން މުދަލު ޒަކާތް ބަހަމުން ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މާލެ ސަރަހައްދުގައި ފަގީރުންގެ ގޮތުގައި ރެޖިސްޓާވެފައި ވަނީ 3،155 މީހުންނެވެ. އަދި އަތޮޅުތަކު ތެރޭގައި 13،114 މީހުން ވަނީ ފަގީރުންގެ ލިސްޓުގައި ރެޖިސްޓާވެފަ އެވެ. އެގޮތުން ކޮންމެ މީހަކަށް 900 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާނެ ކަމަށާއި އެކަމަށް މުޅިއަކު 14.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ނަމަވެސް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ ކިހާ ރުފިޔާއެއް ކަމެއް އެ މިނިސްޓްރީން ސާފެއް ނުކޮށްދެ އެވެ.