ހަބަރު

އަދީބުގެ ބޭސްފަރުވާއަށް އިހުމާލުވާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާއަށް ސަރުކާރުން އިހުމާލުވަމުންދާތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒްގައި މިއަދު ބޭއްވި ޕްރެސްގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، އަދީބު އެއްފަހަރު ދައްކަވާ ޑޮކްޓަރަކަށް އަނެއްފަހަރު ނުދައްކަވާ ކަމަށާއި އެކަމުން ދޭހަވެގެން ދަނީ ސަރުކާރުން ހަގީގަތްތަކެއް އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"... އާއިލާއިން ބުނީ އަދީބުގެ ކެންސަރުގެ މައްސަލައާ ގުޅުންހުރި ޓެސްޓްތަކެއް ހަދަން ޖެހޭ ކަމަށް ޑޮކްޓަރުން ބުނެފައިވަނީ، މިއަދަ ހަމައަށް އެކން ނުކުރައްވާ ކުއްލިއަކަށް އެއްވެސް ގުޅުމެއް ނެއް ކަމެއްގައި ގޮތް ނޭންގޭ އިންޖެކްޝަނެއް ޖެހުމަށް މަސައްކަތް ކޮށްފައިވަނީ، އިންޖެކްޝަން ޖެހުމަށް ސަރުކާރުން އަދީބުގެ އާއިލާއަށް ދޮގު މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށް،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ، އަދީބު އަށް ގޮތް ނޭންގޭ އިންޖެކްޝަނެއް ޖެހުމަށް އާއިލާއިން އިންކާރު ކުރުމުން ކަރެކްޝަނުން ވަނީ އަދީބުގެ ހުރިހާ ބޭސްފަރުވާއެއް ހުއްޓާލާފައި ކަމަށެވެ. އަދި ވިދާޅުވީ، ޖަލުގައި ހައްޔަރު ކޮށްފައިވާ ހުރިހާ ފަރާތްތަކަށް ނުހައްގުން ބޭސްފަރުވާއަށް ހުރަސް އަޅަމުންގެންދާ ކަމަށާއި އަދީބަށް ބޭސްފަރުވާ ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

އިންތި ވިދާޅުވީ ޖަލުގައި ގޮތް ނޭންގޭ އެތައް މަރުތަކެއް ވަމުންދާ ކަމަށާއި މޭޑޭގެ މުޒާހަރާގައި ނުހައްގުން ޖަލަށްލާފައި ވަނިކޮށް މަރުވި އަބުދުﷲ ރަޝީދުގެ މަރުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށެވެ. އަދި އޭނާގެ މަރުގެ ދިފާއުގައި ސަރުކާރުން ދިފާއު ވެވޭނެ އެއްވެސް ގޮތެއް ނެއް ކަމަށާއި އެ ހުރިހާކަމެއް ބެލިގެންދާނެ ކަމަށެވެ.

"އަދީބު ބޭރަށް ފޮނުވޭނީ ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދެއްކުމުން ކަމަށް ރައީސް ޔާމީން ވެސް ވަނީ ވިދާޅުވެފަ، މިހާތަނަށް އަދީބުގެ މައްޗަށް ދައުވާ އެއް ކޮށްފައެއް ނެއް ދައުލަތަށް ފައިސާއެއް ދެއްކުމަށް، ރައީސް ޔާމީން ދައްކަވަނީ ގާނޫނު އަސާސީއާ އެއްވެސް ވަރަކަށް ގުޅުން ހުރި ވާހަކައެއް ނޫން، ކޮންމެ ކުށެއްގައި ބަންދުވެފައިހުރި މީހަކަސް ބޭސްފަރުވާ އަކީ ލިބިދޭން ޖެހޭ ހައްގެއް،" އިންތި ވިދާޅުވި އެވެ.