ހަބަރު

އައްޑޫ ހޮސްޕިޓަލުން މާލެއިން ނުލިބޭ ހިދުމަތްތައް ލިބޭނެ: މުއިއްޒު

އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި އަޅާ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލުން މާލޭ ހޮސްޕިޓަލް ތަކުން ނުލިބޭ ހިދުމަތްތައް ލިބިގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި ޕީޕީއެމްގެ ފަރާތުން މިހާރު ކުރިއަށް ގެންދާ "އަފިރިންނަސް ތައްޔާރަ" ޖަލްސާގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، އައްޑޫގައި ގާއިމް ކުރާ ޓާޝިއަރީ ހޮސްޕިޓަލުން މާލޭގައި ހުރި ހޮސްޕިޓަލް ތަކުންވެސް ލިބެން ނެއް ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ، އެ ހޮސްޕިޓަލް ގާއިމް ކުރެވުމުން މާލެއިންވެސް ހިދުމަތް ހޯދަން ހޮސްޕިޓަލް އަށް އަންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސިއްހީ ނިޒާމަށް ރައީސް ޔާމީން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމަށާއި އަންނަ އަހަރު ޖޫން މަސް ނިމުމުގެ ކުރިން ހޮސްޕިޓަލްގެ މަސައްކަތް ނިންމައި ހުޅުވައިދެއްވާނެ ކަމަށް ރާއީސް ވިދާޅުވެފައިވާ ކަމަށެވެ.

"މާލޭގަ ހުރި ހޮސްޕިޓަލްތަކުންވެސް ލިބެން ނެއް ހިދުމަތްތައް ލިބިގެންދާ ގޮތަށް އައްޑު ހޮސްޕިޓަލް ތަރައްގީ ކުރެވިގެން ދަނީ، މިތަނަށް މާލެއިންވެސް އަންނާނެ ހިދުމަތް ހޯދަން،" މިނިސްތަރު ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ގާއިމްކުރާ ޓާޝިއަރީ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެލިއާ ކޮންސްޓްރަކްޝަނާ އެވެ. 18 މަސްދުވަހުން އެ މަސައްކަތް ނިންމަން އެލިއާ އާ 161.8 މިލިއަން ރުފިޔާއަށް ހަވާލުކުރީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. ސަރުކާރުން އެކަމަށް ފައިސާ ހޯދާފައި ވަނީ ސައުދީ ފަންޑާއި އޯޕެކް ފަންޑުންގެ އެހީގައެވެ. މީގެ ކުރިން އެތަނުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވަނީ މިއަހަރު ޖެނުއަރީ މަހު އެވެ. ނަމަވެސް އެތަނުގެ މަސައްކަތް ފެށުން ލަސްވެފައިވަނީ ކޮން ސަބަބަކާހެދި ކަމެއް ސާފެއް ނުވެއެވެ.

ކުރީގެ ރައީސް ނަޝީދު ސަރުކާރުގައި ސާކް ސަމިޓު ބާއްވަން އެޅި އީސީސީގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް މި ސަރުކާރުން ފެށި މި މަޝްރޫއުގެ ތެރޭގައި އެތަނުގައި ހާމައަށް ހުންނަ ދެވަނަ ބުރި ބަދަލުކޮށް، މުޅި ކޮންވެންޝަން ހޯލް ދެ ބުރީގެ އިމާރާތަކަށް ހެދުން ހިމެނެ އެވެ. އޭގެ އިތުރުން މިހާރު ހުރި ހުރިހާ ކޮޓަރިއެއް ހޮސްޕިޓަލެއްގައި ހުންނާނެ ފަދަ ކޮޓަރިތަކަށް ބަދަލުކޮށް، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނެއްގައި ހުންނާނެ އިންޓީރިއަކަށް ބަދަލު ކުރާނެ އެެވެ.