ހަބަރު

އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ފަށަނީ

އައްޑޫ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ ޕީޕީއެމްގެ ފަރާތުން އައްޑޫ ސިޓީގައި ބޭއްވި "އަފިރިންނަސް ތައްޔާރަ" ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، އައްޑޫ ސިޓީ ތަރައްގީ ކުރުމަށް ރައީސް ޔާމީން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމަށާއި ރައީސް ޔާމީން ވަނީ ވަރަށް އަވަހަށް އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް އަކީ ހުސްވާހަކަ ދައްކަވާ ބޭފުޅެއް ނޫން ކަމަށާއި އެ އަތޮޅުގެ ހުރިހާ ރަށްތަކަށް ބަލާލުމުން އެކަން އިނގިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ، ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ފެނިގެންދާނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިމިގެންދާ ވަރަކަށް މަގުތައް ހެދުމުގެ މަސައްކަތް ފެށި އެކަންކަން ފުރިހަމަ ވެގެންދާތަން ކަމަށެވެ.

"މަގުތައް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް އަމަލީ ގޮތުން ފެށިގެންދާނެ ކަމަށް ރާއިސް ވިދާޅުވި، ރައީސް އަކީ ހުސްވާހަކަ ދައްކަވާ ބޭފުޅެއް ނޫން، މި އަތޮޅުގެ ހުރިހާ ރަށްތަކަށް ބަލާލުމުން އެކަން އިނގިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ފޭދޫގައި ހިއްކާފައިވާ 50 އޭކަރުގެ ބިމުގައި މިއަހަރުގެ ތެރޭގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް އެވަނީ ތައްޔާރުވެފައި ކަމަށާއި ޓެންޑާ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އައްޑޫ ސިޓީގައި އެތައް ސަތޭކަ ހައުސިން ޔުނިޓެއް މި ސަރުކާރުން ދަނީ އަޅަމުން ކަމަށާއި މިހާރު ހިތަދޫގައި އަޅާފައިވާ ހައުސިން ޔުނިޓްތައް ހައްގުވެރި ފަރާތްތައް ކަނޑައަޅައި އެފަރާތްތަކަށް އެ ޔުނިޓްތައް މިއަހަރު ހަވާލު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފޭދޫގައި 100 ހައުސިން ޔުނިޓް އެޅުމަކީ މިއަހަރުގެ ބަޖެޓްގައި ހިމަނުއްވާފައިވާ ކަމެއް، ގެދޮރުގެ މައްސަލައަކީ މި އަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ މުހިއްމު އެއް މައްސަލަ އަށްވާތީ އެކަންތައް މި ސަރުކާރުން ފުއްދާދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.