ހަބަރު

ފާރިސް ގެންދިއުމުން ދުންޔާއަށް ފުން އަސަރެއް ކޮށްފި

ޖަލުގެ މަރާމާތަކަށް ކަމަށް ބުނެ ގޭ ބަންދަށް ބަދަލު ކުރި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އިއްޔެ އަނބުރާ ޖަލަށް ބަދަލު ކުރުމުން ފާރިސްގެ ދައްތަ ދުންޔާ މައުމޫން ހިތާމަފާޅު ކުރައްވައިފި އެވެ.

ސަރުކާރުގެ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮއްކޮ އަނބުރާ ޖަލަށް ބަދަލު ކުރުމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އަދި ފާރިސްއަށް ދުޅަހެޔޮ ސިއްހަތެއްގައި ލެއްވުމަށް ދުއާ ކުރަމުން ދުންޔާ ވިދާޅުވެފައި ވަނީ، ފާރިސްއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދޭ ކަމަށެވެ. ފާރިސްގެ އަންހެނުންނާއި ދަރިފުޅަށް އަދި މުޅި އާއިލާ އަށް ކެއްތެރިކަން ދެއްވުމަށް އެދި ދުއާ ދަންނަވާކަމަށް ވެސް ދުންޔާ ވަނީ ވިދާޅުވެފަ އެވެ. އަދި އެ އާއިލާއަށް އެއްކޮށް އުޅެވޭނެ އުފާވެރި ދުވަސްތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފަ އެވެ.

ފާރިސް ހުންނަވާ ގޮޅީގެ މަރާމާތެއް ކުރަން ކަމަށް ބުނެ އޭނާ ގެއަށް ބަދަލުކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އަދި އޭނާ އަލުން ޖަލަށް ބަދަލު ކުރިއިރު ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ވަނީ ބާއްވާފަ އެވެ. ފާރިސް ހައްޔަރުކޮށްފައި ހުރީ ރިޝްވަތު ދިން ކަމަށް ބުނެ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ޝަރީއަތް ނިމެންދެން މުއްދަތެއް ނެތި އެވެ.

ފާރިސް ހައްޔަރުކޮށް ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ހައިކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް ވަނީ މަޑުޖައްސާފަ އެވެ. އެ ހުކުމް މަޑުޖައްސާފައިވަނީ އެ މައްސަލަ ބެއްލެވި ބެންޗަށް ގެނައި ބަދަލަކީ ގާނޫނާ ހިލާފު ބަދަލެއް ކަމަށް ބުނެ ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދާފައިވާތީ އެވެ. ސުޕްރީމް ކޯޓުން އެ މައްސަލާގައި ގޮތެއް ނިންމަންދެން ހައިކޯޓުގެ ހުކުމް މަޑުޖައްސާފައިވާއިރު ސުޕްރީމް ކޯޓުން މިހާތަނަށް އެ މައްސަލަ ބައިލަގަތްކަން ވެސް އަންގާފައެއް ނުވެ އެވެ.

ޔުމްނާ އާއި ފާރިސް އިދިކޮޅުގައި ތިއްބެވިއިރު ދުންޔާ އާއި ފާރިސްގެ ކޮއްކޯފުޅު ގައްސާން މައުމޫން ތިއްބެވީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.