ހަބަރު

ނާޒިމް މާލެ ގެނެސް ފަރުވާ ދީފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސްފަރުވާއަށް މިއަދު މާލެ ގެނެސްފި އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ ނާޒިމް ބޭސްފަރުވާއަށް މިއަދު ހެނދުނު މާލެ ގެނެސްފައިވާ ކަމަށާއި ޑޮކްޓަރަށް ދެއްކުމަށްފަހު މިހާރު އެނާ އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ބޭސްފަރުވާއަށް ގެނެސްފައިވަނީ ކޮން ބައްޔަކަށް ފަރުވާ ކުރުމަށް ކަމެއް ނޭންގެ އެވެ.

ކަރެކްޝަނުން ބުނީ، ނާޒިމް ފަރުވާއަށް ގެނެސްފައިވަނީ ކޮން ކަމަކާ ގުޅިގެންކަން ހާމަކުރެވެން ނެއް ކަމަށެވެ.

ރޯދަ މަހަށް ގޭ ބަންދަށް ބަދަލު ކުރުމަށްފަހު ނާޒިމް އަނބުރާ ޖަލަށް ބަދަލު ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. އޭގެ ކުރިންވެސް އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ގޭބަންދަށް ބަދަލު ކޮށްފަ އެވެ. އެ ފަހަރު ނާޒިމް ގޭބަންދަށް ބަދަލުކުރީ ޖަލު މަރާމާތުކުރުމަށެވެ. އެފަހަރު ގޭ ބަންދުގައި ބެހެއްޓުމަށްފަހު ނާޒިމް ޖަލަށް ބަދަލުކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ.

ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިފައިވަނީ އޭނާ ދިރިއުޅުއްވި ގެކޮޅުން ފިސްތޯލައަކާއި ތިން ވަޒަން ފެނިފައިވާތީ، ހަނގުރާމަ ގެންގުޅުނުކަމުގެ ކުށް ސާބިތުވެގެންނެވެ.