ހަބަރު

އިންވެސްޓަރުންނަށް ހާއްސަކޮށް ކޯޕަރޭޓް ރެޒިޑެންޓް ވިސާ ތައާރަފްކޮށްފި

ރާއްޖޭގައި ބޮޑެތި ވިޔަފާރިތައް ކުރާ ބިދޭސީން، އިންވެސްޓަރުންނަށް އެ ވިޔަފާރިއާ ގުޅޭ ކަންކަމުގައި ދާއިމީކޮށް ރާއްޖޭގައި ތިބެވޭ ގޮތަށް ހާއްސަކޮށްގެން، ބޮޑެތި އިނާޔަތްތަކަކާ އެކު ކޯޕަރޭޓް ރެސިޑެންޓް ވިސާ ޕެކޭޖެއް ތައާރަފް ކޮށްފި އެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ހަފްލާއެއްގައި އެ ވިސާ ތައާރަފްކޮށްދެއްވީ، ރައީސް އަބްދުﷲ ޔާމީންނެވެ. އެ ވިސާއަށް ޝަރުތު ހަމަވާ ފަރާތްތަކަކީ ރާއްޖޭގައި 50 މިލިއަން ޑޮލަރަށް ވުރެ ގިނައިން އިންވެސްޓް ކުރާ ނޫނީ ކޮށްފައިވާ ފަރާތްތަކެވެ. މީގެ އިތުރުން އެއް މިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާއަށް ކޮށްފައިވާ ފަރާތްތަކާއި ރާއްޖޭގައި ބޭންކެއްގައި ދެ އަހަރު ދުވަހުގެ މުއްދަތަކަށް އެއް މިލިއަން ޑޮލަރު ބަހައްޓާ ފަރާތްތައް އަދި މާލީ އިންސްޓްރޫ މަންޓަކަށް އެއް މިލިއަން ޑޮލަރަށް ވުރެ ގިނައިން އިންވެސްޓް ކުރާ ފަރާތްތަކަށް ވެސް އެ ވިސާ ލިބެ އެވެ.

އެ ވިސާ ކާޑް ލިބޭ ފަރާތްތަކަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި އެއާޕޯޓް ވީއައިޕީ ލައުންޖުން ހިލޭ ބޭނުން ކުރެވުމާއި ޑިއުޓީ ފްރީކޮށް އަމިއްލަ ބޭނުމަށް ގެންނަ ތަކެތި އެތެރެ ކުރެވުން ފަދަ ކަންތައްތައް ހިމެނެ އެވެ.

އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަހުމަދު އަދީބު ވިދާޅުވީ އެ ވިސާގެ ބޭނުމަކީ ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމާއި އެ ފަރާތްތަކަށް އިންވެސްޓް ކުރުމުގައި ހުރި ދަތިތައް ފިލުވައި ދިނުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކޮށްފައި ތިބި ބައެއް ފަރާތްތަކުން ތިން މަހުން އެއް ފަހަރު ރާއްޖެ އަންނަން ފެށުމުން ބައެއް ފަހަރު އެފަދަ ފަރާތްތަކާ މެދު ޝައްކުގެ ނަޒަރަކުން ބެލޭ ކަމަށެވެ. އެކަމުގެ ސަބަބުން އިންވެސްޓަރުންނަށް އުނދަގޫވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ވިސާއާ އެކު ރާއްޖެއަށް އައުމަށް އިންވެސްޓަރުންނަށް ފަސޭހަ މަގުތަކެއް ހުޅުވިގެން ދާނެ އެވެ.

އެ ވިސާއަށް ޝަރުތު ހަމަވާ ބައެއް ފަރާތްތަކަށް ރައީސް ވަނީ މިރޭ އެ ވިސާ ލިބޭ ކަމުގެ ލިޔުން ހަވާލުކޮށްދެއްވައިފަ އެވެ. އޭގެ ތެރޭގައި ދިރާގުގެ ހިއްސާ އޮންނަ ބަޓެލްކޯ ކުންފުންޏާއި އެޗްޑީއެފްސީ އާއި ޓީއެމްއޭ އާއި މޮރިޝަސް ކޮމާޝަލް ބޭންކާއި ހިޓާޗީ ކުންފުނިހިމެނެ އެވެ.