ހަބަރު

މީދޫގެ ފެނާއި ނަރުދަމާ އަދި މިސްކިތް އިފްތިތާހް ކޮށްދެއްވައިފި

ރ. މީދުގައި ގާއިމް ކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާއި އެރަށުގައި ގާއިމް ކޮށްފައިވާ މިސްކިތް ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް އިފްތިތާހް ކޮށްދެއްވައިފި އެވެ.

ރައީސް ޔާމީން މިއަދު ރ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މީދޫގެ ފެނާއި ނަރުދަމާ އަދި މިސްކިތް އިފްތިތާހް ކޮށްދެއްވާފައިވަނީ މިއަދު ހަވީރު އެރަށަށް ވަޑައިގެންނެވެ.

މިއަދު މީދުގައި އިފްތިތާހް ކުރި މަސްޖިދް އަލް އައްވާބީން އަކީ ސައުދީ ރަސްގެނާފުގެ އެހީގެ ދަށުން 8.2 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އަށް ގާއިމް ކޮށްފައިވާ މިސްކިތެކެވެ. މިސްކިތުގެ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އަދި އެ މަސައްކަތް ނިންމާފައިވަނީ މިއަހަރުގެ މޭމަހު އެވެ. އެ މިސްކިތުގައި 700 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިއަދު އިފްތިތާހު ކުރި ފެނުގެ ނިޒާމުގެ މަސައްކަތަކީ 30.8 މިލިއަން ރުފިޔާއަށް އެންވަޔަރަމަންޓް މިނިސްޓްރީން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާ އެވެ. އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އަދި މަސައްކަތް ނިންމާފައިވަނީ މިދިޔަ މަހު އެވެ. އެ މަޝްރޫއުގެ ދަށުން 40 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓު ބެހައްޓާފައި ވެއެވެ. އަދި 500 ޓަނުގެ ތާނގީއަކާއި 11.13 ކިލޯމީޓަރުގެ ފެންވިއުގައެއް ގާއިމް ކޮށްފައި ވެއެވެ.

މިނިސްޓްރީން ބުނީ މަޝްރޫއު ނިމުނުއިރު ފެނުގެ ޒަމާނީ ނިޒާމެއް މީދޫގައި ގާއިމްކޮށް 447 ފެން މީޓަރު ވަނީ ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓާފައިވާ ކަމަށެވެ. އަދި ފެންއުފައްދަން ކުރާ ހަރަދުތައް ކުޑަކުރުމަށާއި ދިއްގަރުގައި ހުރި ގުދުރަތީ ވަސީލަތްތައް ބޭނުންކުރަން ވާރޭފެން ރައްކާކުރަން 1000 ޓަނުގެ އެއްތާނގީއަށް ޖަމާކޮށް ބޭނުންކުރެވޭނެ ގޮތް ހަދާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މިއަދު އިފްތިތާހް ކުރި ނަރުދަމާގެ ނިޒާމުގެ މަސައްކަތަކީ 45.66 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަސައްކަތްވެސް މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީ އަށެވެ. ނަރުދަމާގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރު ޖުލައި މަހު އެވެ. އަދި އެ މަސައްކަތް ނިންމާފައިވަނީ މިދިޔަ އަހަރު ޖޫން މަހު އެވެ.

މިނިސްޓްރީން ބުނީ، އެ މަޝްރޫއުގެ ދަށުން ނަޖިސް ބޭރުކުރުމަށްޓަކައި ރަށުގެ އެއްގަމު ތޮށިން ފެށިގެން 125 މީޓަރުގެ ދުރު ރާސްތާއަކަށް ސީ އައުޓްފޯލް ހޮޅި އަޅާފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން މީދޫގެ 369 ގެއަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދެވިގެންދާނެ ކަމަށާއި ނަރުދަމާގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ހަވާލު ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންއާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރައީސް ޔާމީން މިއަދު ރ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ފައިނަށް ވަޑައިގެން އެރަށުގެ ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރުން އިފްތިތާހް ކޮށްދެއްވާފައި ވެއެވެ. އަދި ރައީސް މިއަދު ހެނދުނު މަޑުއްވަރީއަށް ވަޑާއިގެން އެރަށުގެ ނަރުދަމާގެ މަޝްރޫ އާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވެސް އިފްތިތާހް ކޮށްދެއްވާފަ އެވެ.