ހަބަރު

ރޯވި ތެޔޮ ބޯޓް ކަމަދޫ ފަރުމަތީގައި

ބ. ކެންދޫ ފަޅުގައި އޮއްްވާ މިދިޔަ ހުކުރު ދުވަހު އަލިފާން ރޯވި "ގަލްފް" ބޯޓު އެ އަތޮޅު ކަމަދޫ ފަރަށް އަރައި ތެޔޮ ލީކުވަމުން ދާއިރު ސަރަހައްދާއި ރަށުތެރެއަށް ވެސް ތެޔޮ ވަސްގަނޑު ފެތުރިއްޖެ އެވެ.

ކަމަދޫ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ސާޖިދު ވިދާޅުވީ، ރޯވި ތެޔޮ ބޯއްޓު އަރާފައިވަނީ ކަމަދޫ ދެކުނު ފަރާތު ނެރުމައްޗަށް ކަމަށާއި އޭގެ ސަބަބުން ތެޔޮވަސްގަނޑު ފެތުރިފައިވާ ކަމަށެވެ.

ބޯޓް ފަރުމައްޗަށް އަރާފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ. އޭގެ ފަހުން ފަޅުތެރެއަށް ވެސް ވަނީ ތެޔޮ ފެތުރިފަ އެވެ.

"ފަރަށް ލިބިފައިވާ ގެއްލުން ބަލަން ތައްޔާރު ވަމުން މިދަނީ،" ސާޖިދް ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު އެ ތެޔޮ ބޯޓްގައި ރޯވެ ބިދޭސީއަކު ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ. އަލިފާން ރޯވި އިރު އެ ބޯޓުގައި ހުރީ 25000 ލީޓަރުގެ ޕެޓްރޯލާއި 6000 ލީޓަރުގެ ޑީސަލެވެ އޭގެ ތެރެއިން ސަލާމަތް ކުރެވިފައި ވަނީ ރޯވުމުގެ ކުރިން ފީފާތަކަށް އެޅި 1400 ލީޓަރުގެ ޑީސަލް އެކަންޏެވެ. އެހެން ކަމުން ބޯޓް އަޑިއަށް ދިޔައީ، 28.200 ލީޓަރުގެ ތެލާ އެކު އެވެ.