ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމުން މުޅި ބޮޑުތިލަދުންމައްޗަށް އެކަމުގެ ފައިދާ ކުރާނެ ކަމަށް ކުރިނބީ ކައުންސިލުން ބުނެފި އެވެ.
ކުރިނބީ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކުޅުދުއްފުއްޓަކީ ބޮޑުތިލަދުންމަތީގެ މައި ހަބް ކަމަށާއި އެރަށުގައި އެއާޕޯޓް އެޅުމަށް ރައީސް އަބުދުﷲ ޔާމީން ނިންމާފައިވާ ނިންމުމަށް ތާއިދު ކުރުމަށް ކުރިނބީ ކައުންސިލްގެ ހުރިހާ މެންބަރުގެ އިއްތިފާގުން ފާސްވެފައިވާ ކަމަށެވެ.
ބަޔާނުގައި ވަނީ، ބޮޑުތިލަދުންމައްޗަކީ ވަޒީފާގެ ފުރުސަތު ހަނި އަތޮޅަކަށްވެފައި އެރަށުގައި އެއާޕޯޓް އެޅުމުން އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުސަތުތައް ފަހި ވެގެން ދާނެ ކަމަށެވެ.
"މުޅި ބޮޑުތިލަދުންމަތީގެ ހުރިހާރަށެއް ފެރީ ނިޒާމަކުން އެރަށަކާ ގުލާލެވިފައިވާ ކުޅުދުއްފުއްޓަކީ، ބޮޑުތިލަދުންމަތީގެ އިތްތިސާދީ މައި ހަބަށް ވެފައި ކުޅުދުއްފުށީ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ ހޮސްޕިޓަލަކަށްވުމާއެކު، ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ހަމަ އެކަނި ކުޅުދުއްފުށި ރައްޔިތުންނަށް ވާފައިދާއަށްވުރެ ބޮޑަށް މުޅި ބޮޑުތިލަދުންމަތީގެ އެންމެހާ ރައްޔިތުންނަށް އެތައް ގޮތަކުން ފައިދާ ކުރާނެ މަޝްރޫއެއް،" ބަޔާނުގައި ވެއެވެ.
ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ އެންމެހާ މަޖިލީސް މެންބަރުން ސަރުކާރާ ގުޅިގެން ބޮޑުތިލަދުންމަތީގެ ތަރައްގީއަށް މަސައްކަތް ކޮށްދިނުމަށް އެދި ކުރިނބީ ކައުންސިލުން ގޮވާލާފައި ވެއެވެ.
ކުޅުދުއްފުށީ އެއާޕޯޓް ހިއްކުމަށް އަންނަ މަހު ފަށާއިރު އެރަށުގެ ކުޅީގައި އެއާޕޯޓް އަޅަން ސަރުކާރުން ނިންމާފައިވާތީ އެކަމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އެރަށުގައި އަޅާ އެއާޕޯޓް ހަދަނީ ކުޅީގެ 30 އިންސައްތަ ހިއްކައިގެންނެވެ. އެ މަސައްކަތް ހަވާލުކޮސްފައިވަނީ އެމްޓީސީސީއާ އެވެ. އެއާޕޯޓް އަޅާ ސަރަހައްދު ހިއްކަން ހަމަޖެހިފައިވަނީ އެމްޓީސީސީން އަލަށް ގެނައި ޑްރެޖަރު މަހާ ޖައްރާފް ބޭނުން ކޮށްގެންނެވެ. މަހާ ޖައްރާފް ވަނީ އިއްޔެގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް ބަނދަރު ކޮށްފަ އެވެ.