ހަބަރު

ކުރިއަށް ދަނީ މަޖީދީމަގުގެ ފަހު ސެގްމެންޓް، މަސައްކަތް އަވަހަށް ނިމޭނެ: މިނިސްޓްރީ

މާލޭ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މަޖީދީމަގު ހެދުމުގެ ފަހު ސެގްމެންޓްގެ މަސައްކަތް ކަމަށާއި މަގުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ، މަސައްކަތް ކުރަމުންދަނީ ވީހާވެސް ރަނގަޅަށް މަގުގެ މަސައްކަތް ކުރުމަށް ކަމަށާއި ނަމަވެސް އަދި ނިންމާލެވޭނެ ވަކި ތާރީހެއް ބުނަން ނޭންގޭ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ފަހު ސެގްމެންޓްގެ މަސައްކަތް ކަމަށާއި މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް ނިންމަން ކަމަށް މިނިސްޓްރީން ބުންޏެވެ.

މަޖީދީ މަގުގައި އަލުން ގާ އަތުރައި މަރާމާތު ކުރާ މަޝްރޫއުގެ ދަށުން މިހާރު ހަދަމުންދަނީ ޕީޖީ އޮފީހުން ފެށިގެން ހެންވޭރު ދަނޑު ނިމޭ ހިސާބެވެ.

މަޖީދީ މަގުގެ އިތުރުން މާލޭގެ އިތުރު 12 މަގެއް ހަދައެވެ. އމި މަޝްރޫއު ނިމޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މަގުތައް އަލުން ހެދުމަށް ކޮށްފައިވާ ޕްލޭންގެ ދަށުން، މަގުތަކުގައި ޒަމާނީ ފެން ހިންދާ ނިޒާމް ގާއިމް ކޮށް، ކޭބަލް އެޅުމަށް މުޅި މަގުތައް ކޮންނަން ނުޖެހޭ ގޮތަށް ޒަމާނީ ކޭބަލް ޖަންގްޝަންތައް ގާއިމް ކުރެ އެވެ. މީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން މަގުތައް ބޭނުންކުރެވޭނެ ގޮތަށް ދުވާރު އަލުން ރީޑިޒައިން ކޮށް، މަގުތައް އަލުން ލެވެލްކޮށް މިހާރު އަތުރާފައި ހުރި ގާތައް އެކީ ބަދަލު ކުރެ އެވެ.