ހަބަރު

ކުރިން އުޅެވުނީ ރަނގަޅަކަށް ނޫން، އެކަމަކު އަފްރާޝީމް މަރައެއް ނުލަން: ހުމާމް

Apr 27, 2015

ކުރިން އުޅެވުނީ ރަނގަޅަށް ނޫން ކަމަށާއި ނަމަވެސް ޑރ. އަފްރާޝީމް އަލީ މަރާލާފައި ނުވާނެ ކަމަށް އެ މައްސަލައިގަ މަރަން ހުކުމްކޮށްފައިވާ ހ. ލޮބީ ހުސައިން ހުމާމް އަހުމަދު މިއަދު ބުނެފި އެވެ.

އަފްރާޝީމް މަރާލުމުގައި ކުށުގައި ހުމާމް މަރަން ކުރި ހުކުމް އިސްތިއުނާފްކުރަން އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަމުން ހުމާމް ބުނީ ކުރިން އޭނާއަށް އުޅެވުނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ނަމަވެސް އަފްރާޝީމް މަރާލީ އޭނާ ނޫން ކަމަށް ހުމާމް ބުންޏެވެ. އަދި އަފްރާޝީމް މަރާލުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިނުވާނެ ކަމަށް ބުނެ ހުމާމް ވަނީ މިއަދުގެ އަޑުއެހުމުގައި މާތްﷲ ގަންދީ ހުވާކޮށްފަ އެވެ.

ހުމާމް ބުނީ އެ މައްސަލައިގެ ތަހުގީގުގައި އޭނާއަށް ނަފްސާނީ ގޮތުން އަނިޔާތައް ދީފައިވާ ކަމަށާއި އޭނާ އެއްބަސްވީ މަޖުބޫރު ކުރުވުމުން ކަމަށެވެ. އެގޮތުން މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ބިލް މަޖިލީހުން ތަސްދީގުކޮށްފި ކަމަށް ބުނެ ލިޔެފައިވާ ލިޔުމެއް ތަހުގީގުގައި ދެއްކުމާއި ތަހުގީގުގައި ދަށު ދަރަޖައިގެ ބަހުރުވައިން ފުލުހުން އޭނާއާ މެދު މުއާމަލާތުކޮށްފައިވާ ކަމަށް ހުމާމް ބުންޏެވެ. މީގެ އިތުރުން ތަހުގީގުގެ ބޮޑު ބައެއް ފުލުހުން ކުރިއަށް ގެންދިޔައީ އޭނާއަށް ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ނުދީ ކަމަށް އޭނާ ބުންޏެވެ.

އިތުރު ގިނަ ވާހަކަތަކެއް ވެސް މިއަދުގެ އަޑުއެހުމުގައި ހުމާމް ދައްކަން އުޅުނު ނަމަވެސް މިއަދަށް ކަނޑައެޅިފައިވާ ވަގުތު ހަމަވެފައިވާތީ ދެން އޮންނަ މަޖިލީހެއްގައި އެ ވާހަކަތައް ދައްކަން ހުމާމަށް ފުރުސަތު ދޭނެ ކަމަށް ފަނޑިޔާރުން އިއުލާން ކުރެއްވި އެވެ. އަދި ދެން އޮންނަ އަޑުއެހުން އަންނަ މަހުގެ ތެރޭގައި ބާއްވާނެ ކަމަށް ވެސް ފަނޑިޔާރުން ވިދާޅުވި އެވެ.

އަފްރާޝީމް މަރާލި މައްސަލައިގައި ހުމާމްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މަރަން ހުކުމްކޮށްފައިވާއިރު އެ މައްސަލައިގައި ދެން ދައުވާކުރި ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.