ހަބަރު

ވިލާ ކޮލެޖުން ޖެނުއަރީ ގައި ފަށާ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގައި ވިލާ ކޮލެޖުން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ކޮލެޖުން މިއަދު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުން ޖުމްލަ 74 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން މާސްޓަސް ފެންވަރުގެ ހަތް ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ސެޓްފިކެޓްގެ ހަތަރު ކޯހަކާއި ޑިގްރީ ފެންވަރުގެ 20 ކޯހެއް ހިމެނެ އެވެ. މީގެ އިތުރުން އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ ދެ ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ އަށް ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 11 ކޯހަކާއި އަދި ސެޓްފިކެޓް ތިނެއް ފެންވަރުގެ ނުވަ ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ވިލާ ކޮލެޖްގެ ވައިސް ރެކްޓާ އަލީ ނަޖީބް ވިދާޅުވީ، ޖެނުއަރީ އިންޓޭކްގައި ފަށާ ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އެއް ކަމަށްވާ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓަސް އަދި ޑިގްރީ ކޯސްތައް ހިމެނޭ ކަމަށެވެ.

އަލީ ނަޖީބް ވިދާޅުވީ، ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓް އަށް ފީ ދެއްކޭނެ އިންތިޒާމްވެސް ސެޕްޓެމްބަރު މަހުން ފެށިގެން ހަމަޖައްސާފައިވާނެ ކަމަށެވެ. އަދި އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޑިޕްލޮމާއިން މަތީގެ ކޯހެއް ހަދާ ވިލާ ކޮލެޖުގެ ހުރިހާ ދަރިވަރުންނަށްވެސް މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެޑިއުކޭޝަން ފައިނޭންސިން ފެސިލިޓީއަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާ ކަމަށް އަލީ ނަޖީބް ވިދާޅުވި އެވެ.

ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ ޑިސެމްބަރު 17 ވަނަ ދުވަހެވެ. ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ ފުރަތަމަ ދެހަފްތާ ތެރޭގަ އެވެ.