ސިޔާސީ އެކި އެކި ފަރާތްތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ތަސައްވުރު އޮޅުވާލުމުގެ ގޮތުން ހަގީގަތާއި ހިލާފް ވާހަކަތައް ފަތުރައި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ކުރަމުން ގެންދާ މަސައްކަތައް ހުރަސް އަޅަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އަންނަ އަހަރުބާއްވާ ރިޔާސީ އިންތިހާބަކީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި އަދި ބައިނަލްއަވާމީ ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ދެފުށްފެންނަށް، ހާމަކަން ބޮޑު ގޮތެއްގައި ބާއްވާނެ އިންތިހާބެއް ކަމަށެވެ. ނަމަވެސް މި ހަފްތާ ތެރޭގައި ޔޫރަޕިއަން ޔޫނިއަންގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރި ވަގުތާއި ދިމާކޮށް ސިޔާސީ އެކި އެކި ފަރާތްތަކުން އިންތިހާބުގެ ކަންކަމުގައި އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ އަސްލު އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އީސީން ބުނީ، ކުރިއަށްއޮތް ރިޔާސީ އިންތިހާބަކީ ވެސް ބައިނަލްއަގްވާމީ ފަރާތްތަކުންނާއި ރާއްޖޭގެ އެކިއެކި ފަރާތްތަކަށް އޮބްޒާވްކުރުމުގެ ފުރުސަތު ފަހިވެގެން ކުރިއަށްގެންދެވޭނެ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ކޮމިޝަނުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި އެ ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން ހަގީގަތް އޮޅުވާލާ ދޮގު މައުލޫމާތު ފެތުރުން ހުއްޓާލުމަށް އެ ކޮމިޝަނުން ގޮވާލާފައި ވެއެވެ.
"...އިންތިހާބުތަކާއި ގުޅޭ އެންމެހާ މަސައްކަތްތަކަކީ ވެސް ގާނޫނާއި ގަވާއިދާއި އެއްގޮތަށް އަދި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ހާމަކަން ބޮޑު ގޮތެއްގައި އިންސާފުވެރިކަމާއި އެކު ކުރިއަށް ގެންދާނެ މަސައްކަތްތަކެއް ކަމުގައި އެންމެހާ ރައްޔިތުންނަށް ޔަގީންކަން އަރުވަން،" ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ވަނީ، މިއަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީވެސް މިނިވަންކަމާއި އިންސާފުވެރިކަމާއި އެކު ކުރިއަށްގެންދިޔަ އިންތިހާބެއް ކަމަށް ބުނެފަ އެވެ. އަދި އެ އިންތިހާބަކީ ރާއްޖޭގެ އެންމެހާ ސިޔާސީ ޕާޓީތަކުންނާއި އިންތިހާބު އޮބްޒާވްކުރަން ބައިވެރިވި ބޭރުގެ އޮބްޒާވަރުންވެސް ބަލައިގެންފައިވާ އިންތިހާބެއް ބަޔާނުގައި ވެއެވެ.