ހަބަރު

ޕާޕާއަށް އިނާޔަތް ނުލިބެނީ ހައި ސެކިއުރިޓީ ޔުނިޓްގައި ހުންނާތީ: އެޗްއާރްސީއެމް

"ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދެ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ އަހުމަަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) އަށް އެހެން ގައިދީންނެކޭ އެއްފަދައިން އިނާޔަތްތަކާއި ހައްގުތައް ނުލިބެނީ ޕާޕާ ހުންނަ ގޮޅިއަކީ އަކީ ހައި ސެކިއުރިޓީ ގޮޅިއަކަމަށް ވުމުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެހެން ގޮޅިތަކުގައި ތިބި ގައިދީންނެކޭ އެއްފަދައިން ޕާޕާ އަށް އިނާޔަތްތަކާއި ހައްގުތައް ނުލިބޭ ކަމަށްބުނެ އެޗްއާރްސީއެމަށް ހުށަހަޅާފައިވާ މައްސަލަތަކަށް ޖަވާބު ދެއްވަމުން އެ ކޮމިޝަނުން ބުނީ، އެ ކޮމިޝަނަށް މައްސަލަ ހުށަހެޅި އިރު ފާހަގަ ކޮށްފައިވާ އިނާޔަތްތައް ޕާޕާއަށް ލިބިފައިނުވަނީ އޭނާ ހުންނަ ޔުނިޓަކީ ހައި ސެކިއުރިޓީ ޔުނިޓަކަށް ވުމުން ކަމަށެވެ. އަދި ހައި ސެކިއުރިޓީ ގައިދީންނަށް އިނާޔަތްތައް ތަފާތު ވުމުންނާއި ޖަލުގައި ކުރާ ކުށްތަކާމެދު ފިޔަވަޅު އެޅުމުގެ ގޮތުން ވަކި މުއްދަތަކަށް އާއިލާއާ ބައްދަލުކުރުމާއި ފޯންކޯލް ކުރުން ކެންސަލް ކުރެވޭނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސުން އެކުލަވާލެވިފައިވާ އުސޫލެއްގެ ދަށުން ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

އެޗްއާރްސީއެމުން ބުނީ، މިނިވަން މުސްތަގިއްލު ކޮމިޝަންތަކަށް ޖަލު އިންސްޕެކްޓް ކުރުމަށް ލިބިފައިވާ ބާރުގެ ދަށުން މިއަހަރުވެސް އެ ކޮމިޝަނުން ކަރެކްޝަނަލްގެ ބެލުމުގެ ދަށުގައި ބަންދު ކުރެވިފައިވާ ގައިދީންގެ ޖަލުތަކަށް ޒިޔާރަތްކޮށް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އަދި އެ ޒިޔާރަތުގައި ފާހަގަ ކުރެވުނު ކަންކަން އިސްލާހު ކުރަން ކަރެކްޝަނަލް އަށް ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމަށާއި އެ ހުށަހެޅުންތައް ތަންފީޒް ވަމުންދާ މިންވަރު ބަލަމުންދާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

އެޗްއާރްސީއެމުން އިތުރަށް ބުނީ، މައްސަލަ ހުށަހެޅިއިރު ފާހަގަ ކޮށްފައިވާ އިދާރީ ކަންކަމަކީ ކޮމިޝަނުން އެކަންތައްތައް އިސްލާކޮށް ހައްލުކުރުމަށް ކަރެކްޝަނަލްއާ އެކު ސިލްސިލާކޮށް ބައްދަލުވުންތައް ބާއްވަމުން ގެންދާ ކަމަށެވެ. އަދި އެ ކޮމިޝަނަށް ޕާޕާ ހުށަހަޅުއްވާފައިވާ މައްސަލަތައް ބަލާ ނިމިފައިވާ ކަމަށްވެސް ސިޓީގައި ބުނެފައި ވެއެވެ.

އެހެން ގައިދީންނެކޭ އެއްފަދައިން ޕާޕާއަށް އިނާޔަތްތަކާއި ހައްގުތަށް ނުލިބޭ ކަމަށް ވިދާޅުވެ އެޗްއާރްސީއެމަށް ފޮނުވި ސިޓީގައި ފާހަގަ ކޮށްފައިވާ މައްސަލަތަކަކީ، ގައިދީންނަށް އެޅޭ އަހުލާގީ ފިޔަވަޅުތަކާއި އަދަބުތަކުގެ ގަވާއިދު ފެންނަ ގޮތަށް ނުހުންނަ ކަމަށާއި ގޮޅިން ނެރެ ބޭރުގައި ހިނގުމާއި ޓީވީ އަދި ރޭޑިއޯ ބޭނުން ކުރުމުގެ ފުރުސަތު ނުދޭ ކަމަށެވެ. އަދި ޕާޕާ ހުންނަ ގޮޅިއަށް ކަރަންޓް ނުލިބޭ ކަމަށާއި ސުންނަތް ރޯދަ ހިފުމަށް ހާރު ކެއުމުގެ އިންތިޒާމް ހަމަ ޖެހިފައިނުވުމާއި ސިއްހީ ފަރުވާ ލިބުން ލަސްވާ ކަމަށްވެސް ހުށަހެޅި މައްސަލަތަކުގައި ވެއެވެ.

މީގެ އިތުރުން ކުރެވޭ ކުށުގެ އަދަބެއްގެ ގޮތުން އާއިލާއާ ބައްދަލުވުންތައް ކެންސަލް ކުރުމާއި ވަޒީފާ އަދާކުރާ ގައިދީންނަށް ލިބޭ މުސާރަ ކުޑަވުމާއި މުސްތަގިއްލު ކޮމިޝަން ތަކުން ޖަލިގެ ހާލަތު ބަލައި އިންސްޕެކްޓް ކުރަމުންނުދާ ކަމަށް ބުނެ މައްސަލަ ހުށަހަޅާފައި ވެއެވެ.