ދ. ކުޑަހުވަދޫ ފަޅުން ބައެއް ހިއްކައި ތަރައްގީ ކޮށްފައިވާ ދާލު، އެއާޕޯޓް ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފި އެވެ.
މަޝްހޫރު ކޮލިގެ އާއިލާގެ ފަރާތުން އިންވެސްޓްކޮށްގެން ހަދާފައިވާ އެ އެއާޕޯޓް ހުޅުވުމަށް މިއަދު ދާލު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވަޑައިގަންނަވަ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ތިން ހާހެއްހާ މީހުން ދިރިއުޅޭ ކުޑަހުވަދޫގެ އެއާޕޯޓަކީ ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާފައިވާ އެއާޕޯޓެކެވެ. އެރަށުގެ ފަޅުން 62 ހެކްޓަރުގެ ބިން ހިއްކައިގެން އެ އެއާޕޯޓު ތަރައްގީ ކޮށްފައިވާއިރު 1800 މީޓަރުގެ ދިގު ރަންވޭއެއް ވަނީ އަޅާފަ އެވެ. މީގެ އިތުރުން އެ އެއާޕޯޓް އަޅާފައި ވަނީ ޕްރައިވެޓް ޖެޓް ޕާކިން އޭރިއާއަކާ އެކުގަ އެވެ.
މި އެއާޕޯޓަކީ މިހާތަނަށް ރާއްޖޭގައި ތަރައްގީ ކޮށްފައިވާ އެންމެ ފުރިހަމަ ރީޖަނަލް އެއާޕޯޓަށް ވާނެ ކަމަށް އެއާޕޯޓު ހިންގާ، ކުންފުނިން ބުނެފައިވެ އެވެ. ދާލު އެއާޕޯޓް ހިންގާ ކުންފުނިން، އެ އެއާޕޯޓާއެކު އެ އަތޮޅު ކަނޑިންމާގައި 275 ކޮޓަރީގެ ރިސޯޓެއް ހުޅުވައި އަންނަނީ ހިދުމަތް ދެމުން އެވެ.