ހަބަރު

ގާޒީ ބާރީގެ މާލީ ބަޔާނުގައި ނެތް ފައިސާގެ މުއާމަލާތްތަކެއް

ކްރިމިނަލް ކޯޓްގެ ކުރީގެ އިސްގާޒީ އަބްދުލްބާރީ ޔޫސުފް އެ ކޯޓްގެ ފަނޑިޔާރު ކަމުގެ ހުންނެވިއިރު އެތަނުން ބަލަމުންދިޔަ މައްސަލަތަކާއި ގުޅުންހުރި ފަރާތްތަކުގެ އަތުން ރިޝްވަތު ނެގި ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަ ބެލިއިރު އޭނާގެ މާލީ ބަޔާނުގައި ނުހިމެނޭ ފައިސާގެ މުއާމަލާތްތަކެއް އޭނާ ކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށް އޭސީސީ އިން ބުނެފި އެވެ.

އޭސީސީން މިދިޔަ ސެޕްޓެމްބަރު މަހު ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން ކުރިމިނަލް ކޯޓުގެ ގާޒީއެއް މައްޗަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ ހިމެނެ އެވެ. އޭސީސީއިން އެއީ ގާޒީ ބާރީ ކަން ހާމަކޮށްފައިނުވީ ނަމަވެސް އެ މައްސަލައަކީ ގާޒީ ބާރީއާ ދެކޮޅަށް ހުށަހެޅި މައްސަލައެއްކަން ވަނީ ކަށަވަރު ކުރެވިފަ އެވެ.

ނަމަވެސް އެ މައްސަލައިގައި މައްސަލައަށް އެކަށީގެންވާ ހެކި ނެތުމުގެ އޭސީސީ އިން ވަނީ އެ މައްސަލަ ނުބަލަން ނިންމައިފި އެވެ.

އޭސީސީން ބުނީ، ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ކޮންމެ އަހަރަކު އެއްފަހަރު ފަނޑިޔާރުންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަންޖެހޭ ކަމަށެވެ. އެގޮތުން 2010، 2011، 2012 ވަނަ އަހަރު ގާޒީ ހުށަހަޅުއްވާފައިވާ ބާޔާންތަކުގައި ހާމަކޮށްފައިނުވާ ފައިސާގެ މުއާމަލާތްތަކެއް އޭނާގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓްގައި ހިމެނޭ ކަމަށް އޭސީސީ އިން ބުންޏެވެ.

އެހެން ނަމަވެސް އެ ފައިސާ އަކީ ގާޒީ ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ލިބިފައިވާ ފައިސާއެއް ކަމަށް ބެލުމަށް ގާޒީގެ އެކައުންޓަށް ފައިސާ ޖަމާކުރި ފަރާތުގެ ކުށުގެ ރެކޯޑް ސާފުކުރިއިރު އެމީހާއާ ގުޅޭ ޖިނާއީ މައްސަލައެއް ރާއްޖޭގެ ޖިނާއި މައްސަލަތަކާބެހޭ އެއްވެސް މުއައްސަސާއެއްގައި ނެތް ކަމަށް އޭސީސީ ބުންޏެވެ. އަދި އެ މައްސަލައާ ގުޅިގެން ބަޔާން ދީފައިވާ ފަރާތުގެ ބަހުން ގާޒީގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ރިޝްވަތުގެ ފައިސާއެއް ކަން ސާބިތު ކުރާނެ ހެއްކާއި ގަރީނާ ލިބިފައިނުވާ ކަމަށް އޭސީސީން ބުންޏެވެ.

ގާޒީ ރިޝްވަތު ނެގި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަށް އެކަށީގެންވާ ހެއްކާއި ގަރީނާ ނެތުމުގެ ސަބަބުން އެ މައްސަލައަކީ ކޮރަޕްޝަން އެކުލެވިގެންނުވާ މައްސަލައެއްކަން ކަނޑައަޅައި އެ މައްސަލަ ނުބަލަން ނިންމާފައިވާ ކަމަށް އޭސީސީން ބުންޏެވެ. ކްރިމިނަލް ކޯޓްގެ އިސްގާޒީގެ މަގާމުގައި އަބްދުލްބާރީ ޔޫސުފް ހުންނަވަނިކޮށް ޖުވެނައިލް ކޯޓަށް ބަދަލު ކޮށްފައިވަނީ މިދިޔަ ޖުލައި މަހު އެވެ.