ހަބަރު

މި ގެންނަ ތަރައްގީ ބޭނުންނުވާ ރައްޔިތަކު ނެތް: ރައީސް

މި ސަރުކާރުން ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަށް ނުވަތަ އެ ތަރައްގީ ގެންނަން ބޭނުންނުވާ ކަމަށް ބުނެ އެއްވެސް ރައްޔިތަކު އަޑު އުފުލާތަން ނުފެންނަ ކަމަށާއި ރައްޔިތުން ބޭނުން ވަނީ މިއަދު ތަރައްގީއާއެެކު ކުރިއަށްދާން ކަމަށް ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ދ. މާއެނބޫދޫ ނަރުދަމާ ނިޒާމް އިފްތިތާހް ކުރުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅަށް ނިސްބަތްވާ މަދު ބަޔަކު މި ސަރުކާރުން ބާއްވާ ޖަލްސާތަކުގެ ބޭރުގައި ބޯޑު ހިފައިގެން ތިބޭތަން ފެނޭ ކަމަށެވެ. ނަމަވެސް އެ ބޯޑުތަކުގައި މިހާރު އަޅާ ބުރިޖް ނޭޅުމަށް ނުވަތަ އެއާޕޯޓްތައް ނާޅައި ނަރުދަމާ ގާއިމް ނުކުރުމަށް ބުނެ އެ ބޯޑް ތަކުގައި ލިޔެފައިވާތަން ނުފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ އިސް ހާދިމެއްގެ މަގާމަށް އައީ ރައްޔިތުން ބޭނުންވެފަ ހުރި ކަންތައްތައް ކުރިން ކޮށްފައި ހުރި ވަރަށް ވުރެ ރަނގަޅަށް އަދި ފުރިހަމައަށް ކޮށްދޭން ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ޔާމީންގެ ޒައާމަތު ނިމިގެންދާއިރު މާލެއިން ފެށިގެން ހުޅުމާލެއަށް ނުވަތަ ހުޅުލެއަށް ކަނޑު ހުރަސްކޮށް ހިނގާލާފައިދާ ރައްޔިތުން ފެނިގެންދާނެ ކަމަށެވެ.

"އެއްވެސް ވަރަކަށް އަޑެއް ނީވޭ މިއަދު ސަރުކާރުން ހިންގާ ބިޔަ މަޝްރޫއުތަކަކީ ރައްޔިތުން ބޭނުންނުވާ މަޝްރޫތައް ކަމެއް، ފެނޭ އެމީހުންގެ މީހުން ބޭރުގައި ބޯޑުތައް ހިފައިގެން ތިބޭތަން، އެކަމަކު އަޅުގަނޑަކަށް ނުފެނޭ އެ ބޯޑް ތަކުގައި ލިޔެފަ ހުންނަ އެއްޗެއް، ނަމަވެސް އެ ބޯޑުތަކުގައި ނަރުދަމާ ނިޒާމާއި އެއާޕޓްތައް ނާޅަން ބުނެ ލިޔެފައި ހުރި ކަމަކަށް ނުފެނެ،" ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެ ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ޖަލްސާތަކުގައި ނުވަތަ ޓްވީޓްކޮށް މި ސާރުކާރުން ގެންނަމުންދާ ތަރައްގީ ތަކުގެ ވާހަކަތައް އެބޭފުޅުންނަށް ނުދެއްކެނީ އެއީ ކޮން ސަރުކާރެއް ނުވަތަ ކޮން ޒައާމަތެއްގައި ގެނެސްފައިވާ ތަރައްގީ އެއްކަން ރައްޔިތުންނަށް ހަނދާކޮށް ދެވޭތީ ކަމަށެވެ.

ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ މިސަރުކާރުން ކަންކަން ކުރަނީ ނުބައިކޮށް ކަން ރައްޔިތުންނަށް އޮޅުވާލައިގެން ދެއްކުމަށް ކަމަށާއި އަބަދުވެސް ފެންނަނީ ރައްޔިތުންނަށް ގެންނަށް ޖެހޭ ތަރައްގީތައް ހުއްޓުވަން މަސައްކަތް ކުރާތަން ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެގޮތަށް ކަންކަން ކުރަނީ މިހާރު ސިޔާސީ ޗަރުކޭސް ކުޅެން ސިޔާސީ އިސްވެރިންނަށް ހުރަސްތަކެއް ހުރިކަން ގަބޫލު ކުރާތީ ކަމަށެވެ.

"ހިދުމަތުގެ ދާއިރާގައި މިވެނިކަމެއް ކުރަނީ ގޯސްކޮށް ކަމަށް ވިދާޅުވާ މީހަކު ނުފެނެ، އިދިކޮޅު ފަރާތްތަކުން އަބަދު ވެސް ދައްކަން އޮންނަ ވާހަކަ އަކީ ރިޝްވަތާ ފަސާދައިގެ ވާހަކަ، އެވާހަކަ އަށް ފުލްސްޓޮޕް ޖަހައި ނިންމާލަން މި ޖެހެނީ ރައްޔިތުން މަޖިލީހުގެ ތެރޭގައި ކުރި ކަމަކުން، ހަމަ ރިޝްވަތާއި ފަސާދަ ބޭނުން ކޮށްގެން ދައުލަތެއް ވައްޓާލަން މަސައްކަތް ކުރިތަން ފެނިގެން ދިޔައީ،" ރައީސް ވިދާޅުވި އެވެ.

"އަބަދުވެސް އަޅުގަނޑަށް އަމާޒުވާ އެއް ވާހަކައަކީ އިންސާފުވެރި އެއް އުސޫލަކުން ހުރިހާ ރައްޔިތުންގެ މެދުގައި ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތުން ނާޖާއިޒް މަންފާއެއް ލިބޭނެ ކަމަށް ނުވަތަ ލިބެންވާނެ ކަމަށް ގަބޫލު ކުރާ އެއްވަނަ ދަރަޖައިގެ ރައްޔިތުން ވަކާލާތު ކުރާ މީސްކޮޅެއްގެ ވާހަކަ، އެ ޝަކުވާ އަބަދުވެސް އަންނާނެ، ހުރިހާ އެންމެނަށް އިންސާފާއެކީ އެއްތަރާ ދަކުން ކިރާނަމަ އެކަން ގަބޫލު ނުކުރެވޭ މީހުން ތިބޭނެ،"

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި ގާނޫނު ހަމަ ނުކުރެވޭ މީހުން ތިބި ކަމަށާއި ސިޔާސީ މީހުންގެ ތެރޭގައި އިމިއުނިޓީ ތަކެއް ނުވަތަ އެމީހުންނާ ހަމައަށް ގާނޫނު އަންނަން ނުޖެހޭ ކަމަށް ގަބޫލު ކުރާ މީހުން ތިބި ކަމަށެވެ. އަދި މިއަދުވެސް ގަބޫލު ކުރާ ކަމަކީ ވަކި ކުށްތަކަކަށް އަރައިގަތުމުން އެކަން ނުބަލާ ދޫކޮށްލާނެ ކަމަށް ކަމަށާއި ނަމަވެސް މިއަދު ހާލަތު ބަދަލުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.