ހަބަރު

ސަރުކާރުން ރިޝްވަތު ހުށައެޅި ކަމަށް މުސްތަފާ އިންކާރުކޮށްފި

މިދިޔަ އަހަރު އޮގަސްޓް މަހު ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ "އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލަށް" ވޯޓް ހޯދަން ސަރުކާރުން، ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއަށް ރިޝްވަތު ހުށަހެޅި ކަމަށް އޭނާ އިންކާރު ކޮށްފި އެވެ.

އޭސީސީއިން ނިންމާފައިވާ މައްސަލަތައް ހާމަކުރުމަށް އެ ކޮމިޝަނުން ނެރެފައިވާ ރިޕޯޓްގައިވާ ގޮތުން އަބުރުގެ ބިލް ފާސް ކުރަން ކަމަށްބުނެ ވޯޓް ހޯދަން ސަރުކާރުގެ ފަރާތުުން މުސްތަފާއަށް ފަސް މިލިއަން ރުފިޔާއާ ފަޅު ރަށެއް ހުށަހެޅި ކަމަށާއި އެ ރިޝްވަތު އޭނާއަށް ހުށަހެޅީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ކަމަށް ބުނާ މައްސަލައެއް ހުށަހަޅާފައި ވެއެވެ.

އެ މައްސަލާގައި އޭސީސީން ބުނީ، ވޯޓް ހޯދަން ސަރުކާރުން މުސްތަފާއަށް ފަސް މިލިއަން ރުފިޔާއާއި ފަޅު ރަށެއް ހުށަހެޅި ކަމަށް ބުނާ މައްސަލާގައި މުސްތަފާއާ ސުވާލު ކުރުމުން އެ ތުހުމަތު ތަކަށް އޭނާ އިންކާރު ކޮށްފައިވާ ކަމަށެވެ. އަދި ރިޔާޒް ރަޝީދުގެ ވާހަކައިގައިވެސް ރިޝްވަތުގެ ވަކި އަމަލެއް ފާހަފަ ކޮށްފައިނުވާ ކަމަށް އޭސީސީން ބުންޏެވެ.

ސަރުކާރުން ރިޝްވަތު ހުށަހެޅި މައްސަލަ ތަކަަށް މުސްތަފާ އިންކާރު ކޮށްފައިވާތީ އަދި ރިޔާޒް ރަޝީދުގެ މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާާފައިވާ ކަމަށް ފާހަގަ ނުކުރެވޭތީ އެ މައްސަލަ އިތުރަށް ނުބަލަައި ނިންމާލާފައިވާ ކަމަށް އޭސީސީން ބުންޏެވެ.