ހަބަރު

މި ސަރުކާރުގެ ކޮރަޕްޝަން ގިނަ ވުމަކީ އެންމެ ބޮޑު ގައުމީ މައްސަލަ: މައުމޫން

ސަރުކާރުން ހީވެސް ނުކުރާ ދަރަޖައަށް ކޮރަޕްޝަންގެ އަމަލުތައް ހިންގައި، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ، އަދުލު އިންސާފު ގާއިމް ނުކުރެވުމަކީ މިވަގުތު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ހއ. ދިއްދޫގައި މިހާރު ކުރިއަށްގެންދާ ޖަލްސާގައި ރައީސް މައުމޫން ބައިވެރިވެ ވަޑައިނުގެންނެވި ނަމަވެސް އެމަނިކުފާނުވަަނީ ވަނީ ހިތޯބެއް ދެއްވާފަ އެވެ.އެ ހިތޯބު އިއްވާދެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އެވެ.

ރައީސް މައުމޫންގެ ހިތޯބުގައި ވިދާޅުވީ، އިދިކޮޅު ހަތަރު ލީޑަރުން ގުޅިގެން އިސްލާހަށް މަސައްކަތް ކުރަން ފެށީ މި ސަރުކާރުގައި ކޮރަޕްޝަނުގެ އަމަލުތައް ގިނަވެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ އަދުލު އިންސާފު ގާއިމް ކުރަން މި ސަރުކާރު ނުކުޅެދުމުން ކަމަށެވެ. މައުމޫން ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުން ކުރަމުން ގެންދާ އިސްލާހީ މަސައްކަތުގައި ނުގުޑާފަދަ އަޒުމެއްގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށާއި އެ މަސައްކަތަކީ ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭނެ ގައުމީ މަސައްކަތެއް ކަމަށެވެ.

"އިދިކޮޅު ހަތަރު ލީޑަރުން އިސްވެތިބެ މިހާރު އަޅުގަނޑުމެން ހިންގަމުން މިގެންދާ އިސްލާހީ މަސައްކަތަކީ، ރާއްޖޭގައި ހަރުދަނާ ޑިމޮކްރެޓިކް ވެށްޓެއް އަލުން ގާއިމްކުރުމަށާއި ރައްޔިތުންގެ ނިގުޅައިގަނެވިފައިވާ އަސާސީ ހައްގުތައް އަނބުރައި ލިބިދިނުމަށާއި ރައްޔިތުންގެ މެދުގައި އަދުލު އިންސާފު ގާއިމްކޮށް ރައްޔިތުންގެ މަޖިލީހުގެ ގަދަރާއި އިއްޒަތް އުފުލުމަށާއި، ދިވެހި ރައްޔިތުންނަށް މަންފާކުރަނިވި ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން މިނިވަންކަމާއި ޒިންމާދާރުކަމާއެކު އެބޭފުޅުންގެ ވާޖިބުތައް އަދާކުރައްވަމުން ގެންދެވުމަށް މަގުފަހި ކުރުމަށްޓަކާ ކުރާ މަސައްކަތެއް،" މައުމޫން ވިދާޅުވި އެވެ.

މައުމޫން އިތުރަށް ވިދާޅުވީ، ޕީޕީއެމް އުފައްދާފައިވަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީ ކަށަވަރު ކޮށްދީފައިވާ ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތައް ގައުމުގައި އަށަގެންނެވުމަށް ކަމަށެވެ. އަދި ވިދާޅުވީ، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދައުލަތުގެ ތިންބާރަކީ މުސްތަގިއްލުކޮށް ހިންގާ ތިން ބާރު ކަމުގަައި ދެމެހެއްޓުމަކީ ޕީޕީއެމްގެ އަސާސް ކަމަށެވެ.

ނަމަވެސް ޕީޕީއެމް މިހާރު ހިންގަމުންދަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި އެ ޕާޓީގެ ގައުމީ އަދި ދީނީ މިސްރާބު ގެއްލިފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެކަމާ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

"ޕީޕީއެމް އުފެއްދި މަގުސަދުތަކުގެ ތެރޭގައި މުޖްތަމައުގައި އުފެދޭ ފަސާދައާއި ހިންގުމުގެ ދާއިރާތަކުން ކޮރަޕްޝަން ނައްތާލުމާއި ސަރުކާރުގެ ވެރިންނާއި ރައްޔިތުން އިންތިހާބުކުރާ މެންބަރުންނާއި ކައުންސިލަރުން ފަދަ މަގާމުތަކުގެ މީހުން ޒިންމާދާރުކުރުވައި، އެގޮތުން އެފަދަ މަގާމުތަކަށް ރައްޔިތުންގެ އިތުބާރު ހޯދުންވެސް ހިމެނެ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި މުހަންމަދު ނާޒިމްގެ މައްޗަށް ނުޙައްގުން ކުރެވިފައިވާ ޝަރުއީ ހުކުމްތައް މިހާރުން މިހާރަށް ބާތިލްކުރުމަށް ގޮވާލާފަ އެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ދޫކޮށްލުމަށް ވެސް ގޮވާލާފައި ވެއެވެ.