ހަބަރު

އިދިކޮޅުން އިންތިހާބަށް ނެރޭ ފޯމިއުލާވާނީ ރައީސް ޔާމީންއަށް ބިރަކަށް: ރިޔާޒް

ރައީސް ޔާމީން ބަލި ކުރަން އިދިކޮޅު ފަރާތްތަކުން އަންނަ ރިޔާސީ އިންތިހާބަށް ފޯމިއުލާއެއް ނެރޭނެ ކަމަށާއި އެ ފޯމިއުލާ ނެރުމުން އެމަނިކުފާނު މި ގައުމު ދޫކޮށް ފުރާ ވަޑާއިގަންނަވާނެ ކަމަށް މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ހއ. ދިއްދޫގައި މިހާރު ކުރިއަށްގެންދާ ޖަލްސާގައި ރިޔާޒް ވިދާޅުވީ، އިދިކޮޅު ލީޑަޝިޕްގެ އެންމެހާ ބޭފުޅުންގެ ވިސްނުމާއެކު އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލި ކުރާނެ ކަމަށާއި މަސައްކަތް ކުރަމުން މިދަނީ އިންސާފުވެރި އިންތިހާބެއްް ބޭއްވުމަށް ކަމަށެވެ. އަދި އެކަމަށް މަޝްވަރާތައް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، ޗާޓާ ފްލައިޓެއްގައި ރާއްޖެއިން ބޭރުގައި ތިބި ހުރިހާ ލީޑަރުން ރާއްޖެއަށް ގެންނަ މަންޒަރު ދައްކާނަން ކަމަށެވެ. އެބޭފުޅުން ގައުމުގައި ތިއްބަވައިގެން ބާއްވާ އިންތިހާބަކުން ރައީސް ޔާމީން ބޮޑުތަނުން ބަލި ކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ، އިދިކޮޅު ލީޑާޝިޕްގެ ލަޝްކަރާއި ރައީސް ޔާމީންއަށް ކުރިމަތިލާން ނުކެރޭނެ ކަމަށާއި އެ ސަބަބުތަކާހުރެ މި ފަސްގަނޑަށް އިދިކޮޅު ލީޑަރުން އެރުމަށް ހުރަސް އަޅަމުންދާ ކަމަށެވެ.

"އިދިކޮޅު ލީޑަރުންގެ ވިސްނުމާއެކު އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލި ކުރާނަން، ރައީސް ޔާމީން ބަލި ކުރަން ފޯމިއުލާއެއް ނެރޭނަން، އެ ފޯމިއުލާ ނެރުނީމާ އެމަނިކުފާނު މި ގައުމު ދޫކޮށް ވަޑައިގަންނަވާނެ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، އިދިކޮޅު ލީޑާޝިޕް އޮތީ މި ގައުމު ސަލާމަތް ކުރުމުގައި ކަމަރު ބަނދެލައިގެން ކަމަށާއި ވައްކަމުން ކުރާ ތަރައްގީއެއް ގައުމުގެ ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. އަދި ރައީސް ޔާމީން އެދުއްވާ ބަހަކަށް ނާރާނެ ކަމަށާއި ރައީސް ޔާމީން ވިދާޅުވާ ގޮތައް ބަހުގެ މިސްރާބު ބަހައްޓަން ނުޖެހޭ ކަމަށެވެ. ގައުމު ހިންގަން ޖެހޭނީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ވައްކަމުން ކުރާ ތަރައްގީއެއް، އަޅުގަނޑުމެން ރައީސް ޔާމީން އެދުއްވާ ބަހަކަށް ނާރާނަން، ގަބޫލެއް ނުކުރަން ރައީސް ޔާމީން ކަން ވިދާޅުވާންވީ ބަހުގެ މިސްރާބު، ދިވެހިރައްޔިތުން އެކަން ނިންމާނީ، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ގައުމު ހިންގަން ޖެހޭނީ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން އިންސާފްވެރި އިންތިހާބެއް ބާއްވާނެ ކަމަކަށް ގަބޫލު ނުކުރާ ކަމަށާއި އެއީ ގާނޫނު އަސާސީ އާއި ސްޕްރީމް ކޯޓްގެ އަމުރާ ހިލާފަށް މިހާރު އިންތިހާބު ވެފައި ތިބި މެމްބަރުންގެ ގޮނޑި ގެއްލުވާލާލަމުންދާ ކޮމިޝަނެއް ކަމަށެވެ. އަދި މަޖިލިސްގެ ބައެއް މެންބަރުންނާއި ރައީސް ޔާމީނާ ގުޅިގެން ހިންގާ ބޮޑެތި ޖަރީމާތައް ހުއްޓުވޭނެ ދުވަހެއް އަންނާނެ ކަމަށާއި އެމީހުންނާ ގާނޫނު އަރާ ހަމަކުރާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"މި އަނިޔާވެރިކަން ހުއްޓުމަކަށް ގެންނާނަން، ކުރިއަށް އޮތް އިންތިހާބުގައި ރައީސް ޔާމީންނަށް ފަސް ޕަސެންޓްވެސް ނުލިބޭނެ، ސަބަބުތައް ގިނަ، އަނިޔާވެރިކަން އިސްކުރުން، ރައީސް ޔާމިން އަށް ތާއީދު ކުރި ހުރިހާ އެންމެން އެތިބީ ޖަލުގައި، ނުވަތަ ސަރުކާރުން ބޭރު ކޮށްފައި،" ރިޔާޒް ވިދާޅުވި އެވެ.