ހަބަރު

ރައީސްގެ އެކައުންޓަށް ވަތް މިލިއަން ޑޮލަރު ރައްޔިތުންނަށް ދީ: ޝިފާޒް

އިސްލާމިކް ބޭންކްގައި ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަށް އަމިއްލަ ކުންފުންޏަކުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ހާމަވެފައިވާތީ، އެ ފައިސާ ރައްޔިތުންނަށް އަނބުރާ ދިނުމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ގޮވާލައްވައިފި އެވެ.

އިދިކޮޅު ފަރާތްތަކުން ހއ. ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި ޝިފާޒް ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލަ ބޭރުކޮށްލާފައިވަނީ ފައިސާ ޖަމާކުރި އަމިއްލަ ކުންފުނީގެ ބޭފުޅުންނާއި ސުވާލު ނުކުރެވުނު ކަމަށް ވިދާޅުވެ ކަމަށާއި ނަމަވެސް އެމީހުންގެ ބަޔާން ނުނަގާ ވެސް އެ މީހުންނާ ގުޅޭ އެތައް މައްސަލަތަކެއްގައި ހުކުމް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އޭސީސީން ރައީސް ޔާމީންގެ ކޮރަޕްޝަނާއި ވައްކަން ކަމަށް ތުހުމަތު ކުރެވޭ 12 މައްސަލަ ބޭރު ކޮށްލާފައިވަނީ އެމަނިކުފާނު ބޭޒާރުވާނެކަން ޔަގީންވާނެތީ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

"އެންމެހާ ރައްޔިތުންނަށް އިނގޭ ރައީސް ޔާމީންގެ އިސްލާމީ ބޭންކް އެކައުންޓަށް އެއްމިލިއަން ޖަމާކޮށްފައިވާ ކަން، އެ ދެންވަންވީ ނޫންތޯ ރައްޔިތުންނަށް. އެ ނުދެއްވާ ހުންނަވާ ކޮން ވާހަކައެއް ދައްކަވަންތޯ މި އުޅުއްވަނީ،" ޝިފާޒް ވިދާޅުވި އެވެ. "އަޅުގަނޑުމެން ކުރިމައްޗަށް އަރާފިއްޔާ ކުރާނީ އެންމެ ސުވާލެއް، އެއީ އެމްއެމްޕީއާރްސީގެ 1.2 ބިލިއަން ވަގަށް ނެގިން ތޯ، އާނއެކޭ ނުވަތަ ނޫނެކޭ ބުނާށޭ،"

ޝިފާޒް ވިދާޅުވީ، ރައީސް ޔާމީން އިންތިހާބުވީ ކޯލިޝަނަކުން ކަމަށާއި ނަމަވެސް މިއަދު އެ ކޯލިޝަންގެ މެންބަރުން އެމަނިކުފާނާ އެކުގައި ނެތް ކަމަށެވެ. އަދި އެ ކޯލިޝަން ރޫޅިގެން ދިޔައީ އެކުވެރި ސިޔާސީ ފަރާތްތަކަށް އަނިޔާވެރިވެ، އިންސާފުން އެއްކިބާވުމުން ކަމަށް ޝިފާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފިއްކަނޑައިގެންދާ ވަރަށް ވައްކަންތައް ގިނަ ވުމަކީ ކައިރީގައި ތިބި ސިޔާސީ ބޭފުޅުން އެމަނިކުފާނާ ފެޔަށް ޖެހުނު ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އައިޖީއެމްއެޗް އިމާރާތަކީ 53 މިލިއަން ޑޮލަރަށް ހެދެން އޮތް ތަނެއް، އެކަމަކު އެތަން ހަދަނީ 143 މިލިއަނަށް، އެ އިމާރާތުގެ ކުރެހުމަކީ 27 މިލިއަން ޑޮލަރު، އެހެން ނަަމަވެސް ރައީސް ޔާމިން ވިދާޅުވަނީ އެއީ ތަރައްގީކަމަށް،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތުން މި ވެރިކަން ނިންމާނެ ކަމަށާއި ކުރަމުންދާ މަސައްކަތަކީ ޔާމީން ނޫން ވެރިއެއް އިންތިހާބު ކުރަން ކުރާ މަސައްކަތް ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ޔާމީން އަކަށް އިންތިހާބަށް ހުރަސް އަޅައިގެން ނުހުރެވޭނެ ކަމަށާއި ސިޔާސީ މައިދާނުގައި ބަސްނުބުނެވޭ ވަރަށް ބޮޑުތަނުން ބަލިކުރާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.