ކުޅުދުއްފުށީ ލަވަ އާއި ކުޅަދާނަ ބެރުވެރިން

ކުޅުދުއްފުށިން:: ނާޒިމް ހަސަން
ކުޅުދުއްފުށީގެ ބެރާ ގުޅޭ ހާއްސަ ވީޑިއޯއެއް. -- އަވަސް ވީޑިއޯ | ޝަމްއޫން އަހުމަދު. އެޑިޓިން | ޝުރާއު، މުޝްއަފް.

އުތުރުގެ ހިތޭ ކިޔަސް އުތުރުގެ ވިޔަފާރީގެ ހަބޭ ކިޔަސް މިރަށް، ހދ. ކުޅުދުއްފުއްޓަކީ ތަފާތު އެތައް ގޮތަކުން ރާއްޖެއަށް މަޝްހޫރު ރަށެކެވެ. މި ރަށުގެ ބޮޑު އާބާދީއަށް ނިސްބަތްވާ ކޮންމެ މީހެއްގެ ސަމާސާ އާއި ސިޔާސަ ކަމާއި ކެރޭ ހީވާގި ކަމާއި ހާޒިރު ޖަވާބުގެ ކުޅަދާނަ ކަމަކީ ދިވެހިންނަށް އާ ވާހަކައަކަށް ނުވާނެ އެވެ. ސަގާފަތަށް ލޯބިކުރާ ތަފާތު ސަގާފަތެއް ގެންގުޅޭ މި ރަށަކީ ލަވައާއި ބެރަށް ވެސް މަޝްހޫރު ރަށެކެވެ.

ކުޅުދުއްފުއްޓަށް ހާއްސަ ލަވަ ފަރިއްސާއި ޅެންތައް ރަށު ދުވަސްވީ މީހުން ވަރަށް ގިނައިން ގެންގުޅެ އެވެ. ކިޔައެވެ. އެފަދަ ހާއްސަ ލަވަތަކެއް އަޑު އިވޭ އެއް ހަރަކާތަކީ ކުޅުދުއްފުށީގައި ކޮންމެ ބޮޑު އީދެއްގައި އޮންނަ ދަމު ހިނގުމުގެ ކުޅިވަރެވެ. އެ ކުޅިވަރުގައި ޖަހާ ބެރުތަކަކީ ހާއްސަ ލަވަތަކަކަށް ޖަހާ ބެރެކެވެ. އެ ބެރަކީ ހަމަ އެ ކުޅިވަރަށް ހާއްސަ ބެރެކެވެ.

މީގައި ހާއްސަ ކަމަކީ، ލަވަތައް ބެރުން ކިޔައިދޭ ކަމެވެ. އަނގައިން އެއްވެސް އެއްޗެއް މި ލަވަތަކުގައި ކިޔައެއް ނޫޅެ އެވެ. ލަވައިގައި ކިޔާ އެއްޗެއް ޖަހައިދެނީ ބެރުންނެވެ. ބެރު ވެރިންގެ ހާއްސަ ހަރަކާތްތަކެއް ވެސް ފެނިގެންދެ އެވެ. ކޮންމެ ލަވައަކަށް ވެސް ބެރުވެރިންގެ ހަރަކާތްތަކެއް ހުރެ އެވެ. ވަށައި އެނބުރި ބެރުވެރިން ޖައްސާ ހަރަކާތްތައް ބަލާލަން ވަރަށް ހިތްގައިމެވެ. މި ބެރު ޖަހަން އެނގޭ މީހުން ވެސް މިރަށުގައި ދަނީ މަދުވަމުންނެވެ.

މި ރަށުގެ އަތިރިމަތީ އޮންނަ ހުސް ބިމުގައި އިހު ޒަމާނުއްސުރެ މި ކުޅިވަރު ބާއްވަމުން އަންނައިރު މި ކުޅިވަރުގައި ތަފާތު 16 ލަވައަކަށް ބެރު ޖަހަ އެވެ. އެއީ ކުޅިވަރު އުފެދުނީންސުރެ ވެސް ބަދަލެއް ނާންނަ ލަވަތަކެވެ. އެ ލަވަތަކަށް ގަރުނަކާ ގާތްވނީ އެވެ.

ކުޅުދުއްފުށީ މީހުން ބެރުން ކިޔައިދޭ 16 ލަވަ

  • ތެއްވިއްކަން ތެއްވިއްކަން އެންމެ ދުންފަތެއް ވިއްކަން
  • ވަށްތެޅިތެޅި ވަށްތެޅިތެޅި ދޮނބުރު ކިހާ ވަށް ތެޅިތެޅި
  • ދޮންނޫމަސް ތުނބަށް އެމުނި ވަކަ ގަޑަކަށް ތުނބަށް އެމުނި
  • ރެއްދެ ރެއްދެ ރެއްދެ ވަކަރު މަދެއް ނެތް ފުރެއްދެ ވަކަރު
  • އަރި އަތޮޅަށް ލެއްގި ވަކަރު
  • މަޑުލު ދެކޮޅު ރުއްގަނޑުކޮޅު ރުއްގަނޑުކޮޅު ރުއްގަނޑުކޮޅު
  • ރަން ފައްޓަރު ތިން ފައްޓަރު ތިން ދަރިއަށް ތިން ފައްޓަރު
  • ލަމުތަ ލަމުތަ ބޮނބި ހަލަމުތަ ކިހުޅި ލަމުތަ ބޮނބި ލަލަމުތަ
  • އެގުޅި މުގުޅި ގެންދަމުތޯ މަގުމަތި ބެރު ގެންދަމުތޯ
  • ބަގެނެ ބަގެނެ ބިލެތް ކޮތަޅު މަންޖު ބަގެނެ ބިލެތް ކޮތަޅު
  • ކަނބިލި ކެއްކި ހިލިކަށި ކެޔޮ މަށަށް ނުދީ ކޭކަށިކެޔޮ
  • ދަނބަށް ކެކުރި ދަނބުތަ ކެކުރި
  • ދެގަހު ދެތޮޅި ދެމުރަގަ ތޮޅި
  • ފިދަނަ ގޮޑު ދަށުން ދަމުތޯ ދަމުތަ ދަމުތަ ގެންދަމުތޯ
  • ސަންގު ސަންގު ފޫކެނޑި ކެނޑި ދަގަނޑު ސަންގު ފޫކެނޑި ކެނޑި
  • ރިނދަ ކޮނެ ކޮނެ ރިހަދައެއް ނެތޭ ދައްޕަރު ކޮނެ ރިނދައެއް ނެތޭ
  • އެދުރު ތަކުރު ދުނި ދަނޑި ކޮޅު ދާން ފިދަން ފިންދަނޑިކޮޅު

މި ލަވަތައް އުފެދުނު ގޮތެއް އަދި، ލަވަައިގެ އެ ބުނާ އެއްޗެއްގެ ތަފްސީލް ކިޔައިދޭން އެނގޭވަރު މީހަކާ ކުޅުދުއްފުށިން ދިމައެއް ނުވި އެވެ.

ދަމު ހިނގުމުގައި އެންމެ މުހިންމު ބަޔަކީ ބެރުވެރިންގެ އިތުރުން ކަދާ މާއްޔާއި މުގުރުގަނޑު މާއްޔާއި ކޯރިގަނޑު މާއްޔެވެ. މި މާލިތަކަކީ ކުޅުދުއްފުށީ މީހުން އެކަނި ދަންނަ މާލިތަކެކެވެ. ކޮންމެ މާއްޔަކީ ވެސް ހާއްސަ ސިފަތަކެއް ދީފައިވާ ހާއްސަ ނެށުންތަކެއް ދަންނަ މާލިތަކެކެވެ.

ކޮންމެއަކަސް މިއީ ކުޅުދުއްފުށީގެ ވާހަކަތަކުން އެންމެ ފާހަގަކޮށްލެވޭ ތަފާތު ވާހަކައެކެވެ. ތަފާތު ލަވަތަކާއި ބެރުވެރިންގެ އާދަޔާ ހިލާފު ފަރި ހަރަކާތްތަކުގެ ވާހަކަ އެވެ.