ރިޕޯޓް

ހާލުފޮޅި ކާނީ ކިހިނެއް؟

ކުޅުދުއްފުށިން: އިބްރާހިމް
Nov 5, 2017
6
ހާލުފޮޅިއާ ގުޅޭ ވީޑިއޯ. -- އަވަސް | ޝަމްއޫނު އަހުމަދު. އެޑިޓިން: ޝުރާއު އަދި މުސްހަފު.

ކުޅުދުއްފުށީގެ ހާލުފޮޅިއަކީ އުތުރުގެ ތާރީހާއި ސަގާފަތުގައި މުހިންމު ދައުރެއް އަދާކުރާ މި ރަށަށް ހާއްސަ އުފެއްދުމެކެވެ. މި އަތޮޅުގެ އެހެން ބައެއް ރަށްރަށުގައި ވެސް މަދުމަދުން ހާލުފޮޅި ހަދަ އެވެ. އެ މީހުން ވެސް ދަސްކުރީ މިރަށު މީހުން ކައިރިން އެވެ. ކުޅުދުއްފުށްޓަށް ފުރާ ވާހަކައާއެކު އެންމެން ވެސް އެދުނީ މި ރަށަށް ހާއްސަ ހާލުފޮޅި ގެނެސްދޭށޭ އެވެ.

ހާލުފޮޅު އަކީ މި ރަށުގެ ރައްޔިތުން މުޅި ރާއްޖެއަށް ދޫކޮށްލާފައިވާ ކާނާގެ ވަރަށް ހާއްސަ ހަދިޔާ އެކެވެ. އެހެންވީމާ ކުޅުދުއްފުއްޓަށް އަންނަ މީހަކު މިރަށުން ފުރަން ވެސް ޖެހެނީ ހާލުފޮޅިވެސް ހިފައިގެންނެވެ. ޒަމާން ބަދަލުވެ ކަންކަން ކުރިއަރައި ދިޔައަސް މި ރަށުގެ މީހުން ހާލުފޮޅި ތައްޔާރު ކުރާ ގޮތަކަށް ބަދަލެއް ނާދެ އެވެ. އަދި އެކަން ހުއްޓައެއްވެސް ނުލަ އެވެ. އެކަމަކު ހާލުފޮޅި ކާ ގޮތަށް ކިތަންމެ ބަދަލެއް އައިސްފި އެވެ. އެންމެން ހާލުފޮޅި ކާން ބޭނުން ކަމަށް ބުންޏަސް ގިނަ މީހުނަކަށް މިހާރު ހާލުފާޅިއެއް ކާލާނެ ގޮތެއް ނޭނގެ އެވެ. އެހެން ވީމާ، މި ރަށު މީހުން ހާލުފޮޅިކާ ގޮތް އަލުން ބަލަން ޖެހެ އެވެ.

ހާލުފޮޅި ތައްޔާރު ކުރުމުގައި މި ރަށުގައި އެންމެ ގިނަ ދުވަސްވީ އައިޝަތު އަލީ (އައިސަދައިތަ) ބުނާ ގޮތުގައި، އަސްލު ކުޅުދުއްފުށީ މީހުން ހާލު ފޮޅި ކަނީ ކާށި ކިރާ ޖައްސައިގެން އެވެ. އެއީ އޭނާ ހަނދާން ހުންނަން ފެށީއްސުރެ ވެސް މި ރަށު މީހުން ހާލުފޮޅި ކައި އުޅުނު ގޮތެވެ. އެހެން ނަމަވެސް ޒަމާނާއެކު ކުރިން ހާލުފޮޅި ކައި އުޅުނު ގޮތަށް މި ރަށުގެ މީހުން ވެސް ބަދަލުތައް ގެނެސްފި އެވެ. އައިސަދައިތަ ބުނާ ގޮތުން މިހާރު ގެރިކިރާ ޖަހައިގެން ވެސް މި ރަށު މީހުން އެ ފޮޅި ކައެވެ. އަދި މި ރަށުގެ ކުޑަކުދިން ކިރުސަޔާ ޖަހައިގެނާއި އާދައިގެ ކިރާ އެކުވެސް ހެނދުނުގެ ނާސްތާގަ އާއި ހަވީރު ސައިގައި ހާލުފޮޅި ކައެވެ.

އެހެން ވީމާ، ކުޅުދުއްފުށީ މީހުން ހާލުފޮޅިކާ ގޮތަށް ކާން ބޭނުން ނަމަ ޖެހޭނީ ކާށި ކިރާ ޖަހައިގެން ކާށެވެ. ކާށި ކިރާ ޖަހައިގެން ހާލުފޮޅި ނިކަން މީރުވާނެ ކަމަށް އެ ދައިތަ ބުނެ އެވެ. އެހެން ވީމާ، ހާލުފޮޅި ހަދާ ގޮތާއި ކުޅުދުއްފުށީ މީހުން އެ ކާ ގޮތަށް ހާލުފޮޅި ކާން މި ވީޑިއޯ ބަލައިލާށެވެ.