ރިޕޯޓް

ކުޅުދުއްފުށި، ކުޅިއަށް ޝައުގުވެރިކަމެއް ނެތް!

ކުޅުދުއްފުށިން: ނާޒިމް ހަސަން
Nov 5, 2017
15
ކުޅުދުއްފުށި ކުޅި ފޮރުވާލައިގެން އެއާޕޯޓް ހެދުމާ މެދު ރަށުގެ އާންމުންގެ ޝުއޫރު -- އަވަސް ވީޑިއޯ | ޝަމްއޫން އަހުމަދު، އެޑިޓިން | މުޝްއަފު އަދި އަހުމަދު ޝުރާއު

ރާއްޖޭ ތާރީހުގައި ދައުލަތަށް ހޯދި އެންމެ ބިޔަ ކޮންނަބޯޓް "މަހާޖައްރާފު" ގެ ރާއްޖޭގެ ފުރަތަމަ މަންޒިލަކީ މިރަށެވެ. މި ކޮންނަ ބޯޓް މިރަށަށް ބަނދަރުކުރި ވަގުތަކީ ތާރީހީ ވަގުތުކޮޅެކެވެ. މަހާޖައްރާފުގެ ފުރަތަމަ މަސައްކަތަކަށް ވާނީ އުތުރުގެ މި ރަށުގެ ރަމްޒެއްގެ ގޮތުގައި އޮތް މަށި ކުޅިން ހަ ހެކްޓަރުގެ ސަރަހައްދަކަށް ވެލި އަޅައި އަބަދަށް ފޮރުވާލުމެވެ. އެކަމަށް ތައްޔާރުވަމުން އަންނަ އިރު އެންމެންގެ ލޯތައް އަމާޒުވެފައި ވަނީ މި ރަށުގެ އުތުރުކޮޅުގައި އޮންނަ އެކަމަކު މީގެ ކުރިން މާބޮޑު ސަމާލުކަމެއް ލިބިފައި ނުވާ މަށި ކުޅިއަށެވެ.

އުތުރުގައި މައި ރަށް ކަމަށް އަބަދުވެސް ވެފައި އޮންނަ މި ރަށަށް އައިސް ބަނދަރުޖަހައިގެން އޮތް ބިޔަ މަހާޖައްރާފުގެ ކިބައިން މި ރަށުގެ މަށި ކުޅި އާއި އެތާނގެ ގުދުރަތީ ދިރުންތައް ސަލާމަތް ކުރަން ވަކާލާތު ކުރާ މީހުންގެ އަޑުވެސް ވަނީ ގަދަވެފައެވެ. އެ މީހުން ތިބީ އަޑު މަޑު ކުރާ ގޮތަކަށް ނޫނެވެ.

ރާއްޖޭގައި މިފަހުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ތިމާވެށްޓާއި ތަރައްގީއާ ދެމެދު އެންމެ ބޮޑު ފުށުއެރުމެއް އުފެދޭނެ މަސައްކަތަކަށް ވެފައި މި އޮތީ މި ރަށުގެ ކުޅީގެ 30 ޕަސެންޓް ހިއްކާލައިގެން ހަދާ އެއާޕޯޓެވެ. އެހެންވެ، މި ރަށުގެ ގިނަ މީހުން ވެސް މި މައްސަލާގައި ބަހެއް ބުނާކަށް ބޭނުމެއް ނުވެ އެވެ. އެކަމާމެދު ސުވާލެއް ކުރާ މީހަކާ ވެސް ދުރުހެލިވެ ތިބެން މި ރަށުގެ ރައްޔިތުން ބޭނުންވާ ސަބަބުތަކެއް ހުރެ އެވެ.

ކުޅި ނައްތާލުމުގެ ތާރީހަކާއި މާޒީއެއް

ކުޅުދުއްފުށީގެ މާޒީގެ ތެރެއަށް ގޮސް ވަންނަ އިރު މިރަށް ގުދުރަތީ ގޮތުން އުފެދިފައި އޮތީ އެއް ކުޅިއަށް ވުރެ ގިނަ ކުޅި އާއި އެއާ ގުޅިފައިވާ ގުދުރަތީ އެތައް މުއްސަދި ކަމަކާ އެކު އެވެ. އުުތުރު ފަރާތާއި ދެކުނު ފަރާތުގައި ވެސް ކުޅިއެއް އޮތެވެ. އެހެން ނަމަވެސް މީގެ އަހަރުތަކެއް ކުރިން ދެކުނު ކުޅި އެކީއެކަށް ވަނީ ހިއްކައި އިމާރާތްތައް ވެސް އަޅާފަ އެވެ. އަދި ދެކުނު ފަރާތުގައި އޮތް ޗަކަ ބިމުގެ ބަޔަކަށް ކުނި އަޅައި އެ ސަރަހައްދު ވެސް ވަނީ ނައްތާލާފަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެ ރަށުގައި ސްކޫލަކާއި ސްޓޭޑިއަމެއް އެޅުމަށެވެ. މިހާރު ހިއްކަން އުޅޭ އުތުރު ފަރާތުގައި އޮންނަ މަށި ކުޅީގެ ބައެއް ވެސް މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ވަނީ ހިއްކާފަ އެވެ. އެގޮތުން އެ ކުޅި މީގެ ކުރިން މޫދާ ގުޅިފައި އޮތަސް ރަށުގެ ވަށައިގެން މަގެއް ހެދުމަށް މޫދާ ގުޅިފައިވާ ކުޅީގެ ބައި ވަނީ ހިކިފަހަށް ބަދަލުވެފައެވެ.

ކުޅިއެއްގެ މުހިންމުކަން މި ރަށުގެ ހަ ރުމީހުންގެ ސިކުނޑިއަށް ނުވިސްނިގެން އުޅެނީ ކުޅިތައް ނައްތާލުމުގެ މިކަހަލަ ދިގު ތާރީހަކާއި މާޒީއެއް މިރަށުގައި އޮތުމުން ކަމަށްވެދާނެ އެވެ. މި ރަށުގެ ފުރަތަމަ ކައުންސިލަރު އާދަމް ވަހީދު ވިދާޅުވި ގޮތުގައި މިރަށުގައި ކުޅިއަށް ފަސްއަޅާ ހިއްކާ ބައްދާލައިގެން އެތަނުގައި އުމްރާނީ މަސައްކަތެއް ކުރަން އުޅޭ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެ ރަށުގެ ސްކޫލާއި އެހެން ވެސް ބައެއް މުހިންމު އިމާރާތްތަކެއް ހަދާފައި ވަނީ ކުޅި ހިއްކައިގެން ހޯދި ބިންތަކުގަ އެވެ. އެހެންކަމުން ކުޅި ހިއްކައިގެން މިހާރު މިރަށުގައި އެއާޕޯޓެއް އެޅުމަކުން ދިމާވާނެ މައްސަލައެއް ވަހީދަކަށް ވިސްނިވަޑައެއް ނުގަންނަވަ އެވެ. އޭނާގެ ވިސްނުންފުޅުގައި މިރަށުގައި މިހާރު މި އޮންނަ ކުޅި އެ ގޮތުގައި އޮވެގެން ރަށަށް ވާނެ އިތުރު ކަމެއް ނެތެވެ. ރަށްވެހިން އެ ކުޅިއާ އަޅައެއްވެސް ނުލާނެ އެވެ.

"މި ރަށުގައި މިއީ ފުރަތަމަ ފަހަރެއް ނޫން ކުޅިއެއް ހިއްކައިގެން ނޫނީ ޗަސް ބިމެއް ހިއްކައިގެން އުމްރާނީ މަސައްކަތެއް ކުރަން އުޅޭ. ހަމަ ގައިމު މީގެ ކުރިން އެކަންކަން ކުރި އިރު އެއްވެސް މައްސަލައެއް ވެސް ޖެހިފައެއް ނެތް. އެހެން ވީމާ، އަދި ކުޅި ހިއްކައިގެން ވެސް ... އަދި ކުޅީގެ އެއްބައި ހިއްކައިގެން އުމްރާނީ ތަރައްގީއެއް ކުރުން އެއީ މި ރަށުގެ މީހުންނަށް ކަމެއް ނޫން. އެއީ އާކަމަކަށް ވެސް ނުވާނެ. ހަމަގައިމު ވެސް އަޅުގަނޑެއް ނުދެކެން މިއީ ރަށަށް ލިބެން މިއޮތް ފުރުސަތެއް ނަގާލަންވީވަރުގެ ތަނެއް [ކުޅިއެއް] ކަމަކަށް،" ވަހީދު އޭނާގެ ހިޔާލު ހިއްސާ ކުރެއްވި އެވެ.

ވަހީދު ވިދާޅުވާ ގޮތަށް ކުއްލިއަކަށް ކުޅީގެ ހިމާޔަތުގެ އަޑު ގަދަވި ނަމަވެސް މި ރަށުގެ ކުޅިއަކީ ގިނަ ބަޔަކު އަޅާލާ ތަނަކަށް ނުވެއެވެ. ކުޅީގެ ގުދުރަތީ މާހައުލު ހަރާބުކޮށްލާފައި ވަނީ ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އާއި ޒާތްޒާތުގެ ކުނިބުނިންނެވެ. އެއީ އޭގެ ވަރަށް ބޮޑު ހެއްކެކެވެ.

މި ރަށު ކައުންސިލްގެ ރައީސް، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ އަބްދުއްލަތީފްގެ ވާހަކައިން ވެސް އެކަން އިތުރަށް ކަށަވަރު ކުރެވޭ ވަރުވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުނިއަޅާ އަޅައިގެ ރަށުގެ އިރުމަތީ ފަރާތުގައި އޮތް ކުޅިއެއް ވަނީ އެކަށް ހިއްކާލާފަ އެވެ. އަދި ގުދުރަތުގެ އެ ހަދިޔާ މިހާރު ވަނީ ކުނިކޮށްޓަކަށް ބަދަލުވެފަ އެވެ. މި ރަށުގެ ރައްޔިތުން ކުނި ޖަމާކުރާ މައި ކުނި ކޮށްޓަކީ އެއީ އެވެ. އެކަން ކުރިއިރު ބަޔަކަށް މައްސަލައަކަށް ނުވި އިރު އެފަދަ ތަނެއް ހިއްކަން ޖެހޭ ގޮތަށް ކުޅި ހިއްކައިގެން އެއާޕޯޓެއް އެޅުމަކީ ރަށުގެ 90 ޕަސެންޓް ރައްޔިތުންނަށް އެއްވެސް މައްސަލައަކަށް ނުވާނެ އެވެ.

ވަހީދު ވިދާޅުވި ގޮތުގައި ކައުންސިލުން ވެސް އެ މަޝްރޫއަށް ތާއީދު ކުރަނީ އެހެންވެގެން ކަމަށް އޭނާ އަށް ގަބޫލުފުޅު ކުރެއްވެ އެވެ.

"މި ރަށުގައި މި އުޅޭ މީހަކު އެކަމަކަށް އިއުތިރާޒެއް ނުކުރާނެ. އެއީ މާބޮޑު މައްސަލައަކަށް [މިރަށުގައި] ނުވޭ ވިއްޔާ. އަނެއްކާ މިއީ ކުޅިއެއް ހިއްކައިގެން މި ރަށުގައި ކަމެއް ކުރަން އުޅޭ ފުރަތަމަ ފަހަރެއް ނޫން. އެހެންވެ އަޅުގަނޑުމެން ކައުންސިލުން ވެސް އެ މަޝްރޫއަށް އެއްބާރުލުން ދޭން ނިންމީ. މި ރަށުގައި ދެން ނެތް މި ނޫނީ އެއާޕޯޓެއް އެޅޭނެ ގޮތެއް. އެހެން ވީމާ މި ގޮތަށް މި ނިންމީ،" އަބްދުއްލަތީފް ވިދާޅުވި އެވެ. "ތިކަމާ ދެކޮޅު ހަދަނީ މި ރަށުގައި ނޫޅެ ނުވެސް އަންނަ މާލޭގައި އަރާމު ކޮޓަރިތަކުގައި އުޅޭ އެހެން ބައެއް،"

މިއީ މިރަށުގެ ހަރުމީހުންގެ ވިސްނުން ގެންދަވާ ހިސާބެވެ. އެ މީހުން ކުޅި ހިއްކުން ޖަސްޓިފައިކޮށްދޭން ފަށަނީ ވެސް މިވާހަކަތަކުންނެވެ.

ކުޅިން ފައިދާއެއް ވޭތަ؟

ކުޅި ހިމާޔަތް ކުރުމުގެ ވާހަކަ ދައްކާ މީހުންގެ ގޮވެލިފަތި ފަށަނީ މި ރަށުގެ ކުޅީގައި ހެދިފަައި ހުރި ތަފާތު މެންގްރޫވްތަކުން ރަށަށް ލިބޭ ބޮޑު ހިމާޔަތާ ހަމައިން އެވެ. މީގެ އިތުރަށް ޒަމާނުއްސުރެ ވެސް މަސައްކަތްތެރި ކުޅުއްދުއްފުށީ އަންހެނުންގެ ރޯނު ވެށުމުގެ ސިނާއަތަށް ހީނަރުކަން އައިސް އަންހެނުން ބާރުވެރި ކުރުވުމުގެ އެ މިސާލު ނިމި މާޒީގެ ތެރެއަށް އޮބައިފާނެތީ އެ މީހުން ކަންބޮޑުވެ އެވެ.

"ކުޅި ނުހިއްކާވާނެ ގޮތެއް އޮންނާނެތޯ އަޅުގަނޑު ވަރަށް މަސައްކަތް ކުރިން. ކުޅިވެސް ހިއްކާލާތީ އަސްލު ވަރަށް ބޮޑަށް ބޮބިތެޅުމާއި ރޯނު ވެށުމަށް މި މަސައްކަތަށް ވަރަށް ބޮޑަށް އަސަރުކުރާނެ. އޭގެ ސަބަބުން ކުރަން ޖެހޭ މަސައްކަތް އިތުރަށް ގިނަވެ އެކަމަށް ކުރަން ޖެހޭ ހަރަދުވެސް ވަރަށް ބޮޑުވާނެ. މީގެ ސަބަބުން ރޯނުވެށުމުގެ މި މަސައްކަތް މި ރަށުން އެކީ ނެތިގެން ވެސް ހިނގައިދާނެ،" ރޯނުވެށައިގެން ރަނގަޅު އާމްދަނީއެއް ހޯދާ، 46އ.ގެ އައިޝަތު އަހުމަދު ހިޔާލުފާޅުކުރި އެވެ. "ހަމަ ގައިމުވެސް މިހާރު ލިބޭ ވަރަށް އާމްދަނީއެއް ދެން މިކަމުން ހޯދަން އުނދަގޫވާނެ،"

މި ރަށް ރާއްޖޭގައި އެކި ގޮތްގޮތަށް މަޝްހޫރުކަން ހޯދާފައިވާ އިރު، ބޮނބި ތެޅުމާއި ރޯނު ވެށުމަށް އެންމެ މަޝްހޫރު ރަށެއްގެ ގޮތުގައި ވެސް މަޝްހޫރުވަނީ މިރަށެވެ. ޒަމާނުއްސުރެ ވެސް މި ރަށުގެ އަންހެނުންނަކީ ބޮނބިތަޅައި ރޯނު ވަށައިގެން ރަނގަޅު އާމްދަނީއެއް ހޯދަމުން އަންނަ ބައެކެވެ. މިރަށުގެ ކުޅިން ފައިދާއެއް ނެގޭ ނަމަ އެކަން އެންމެ ރަނގަޅަށް ކުރާ ބަޔަކީ އެ މީހުނެވެ. އެކަމަކު އެއީ މިރަށުގެ އެއް ބަޔަކު އެހާ ކަންބޮޑުވާ ކަމަކަށް ނުވެއެވެ.

އުމުރުން 54 އަހަރުގެ އިބްރާހިމް އަހުމަދުގެ ހިޔާލުގައި ރޯނު ވެށުމަކީ އިގްތިސޯދީ ގޮތުން ރަށަށް މާބޮޑު ފައިދާއެއް ލިބޭ ކަމެއް ނޫނެވެ. އަދި އެކަމަކީ ޒުވާނުން ގަޔާނުވާ ކަމަކަށް ވާތީ އެކަން ދަނީ ނެތެމުން ހުސްވަމުންނެވެ. އޭނާ ދެކޭ ގޮތުގައި މާބޮޑަށް މުސްކުޅިވެ ނެތެމުން އަންނަ މަސައްކަތެއްގެ ހިމާޔަތުގައި ކުޅި އެހެން ބާއްވަން ޖެހޭ އެއްވެސް ސަބަބެއް ވެސް ނެތެވެ. އޭގެ ބަދަލުގައި ކުޅި ހިއްކާ އެއާޕޯޓެއް އަޅައިފި ނަމަ، ބޮނބިތެޅުމާއި ރޯނު ވެށުމުން ރަށަށް ވަންނަ ފައިދާއަށް ވުރެ މާބޮޑު ފައިދާއެއް އެއާޕޯޓުން ލިބޭނެ އެވެ. ކުޅި ކުޅީގެ ގޮތުގައި ބާއްވަން ޖެހޭ އެއްވެސް ސަބަބެއް އިބްރާހިމް އަށް ނުވިސްނެނީ އެހެންވެ އެވެ.

"ކާކުތޯ މި ޒަމާނުގައި ރޯނު ވަށަން އުޅެނީ؟ އެއީ ޒުވާން ކުދިން ކުރަން ބޭނުން ކަމެއް ވެސް ނޫން! މިހާރު ކޮންމެ ކުއްޖެއް ސްމާޓް ފޯނާ އެއްޗިހި ހިފާލައިގެން އޮފީސްތަކުގައި މަސައްކަތް ކޮށްލައި ކޮފީ ބޯލާ މަޖާކޮށްލަ މި ބޭނުންވަނީ. މިހެން އޮތް ކަމެއްގެ ތެރެއަށް ކުޅި ވައްދައިގެން އެތާނގެ ދިފާއުގައޭ ކިޔާފައި ކުޅި ބާއްވާކަށް ނުޖެހޭ. އެކަމަކު އެތަން ހިއްކާލާފައި އެއާޕޯޓެއް އަޅަައިފި ނަމަ މި ރަށުގެ ޒުވާނުންނަށް ވަޒީފާތައް ލިބޭނެ. އަތޮޅުގެ އެކި ހިސާބުން މީހުން މި ރަށަށް އައިސް އިގްތިސޯދީ އާ މަސައްކަތްތައް ފަށާނެ،" އިބްރާހިމް ބުންޏެވެ. "އޭރުން މާލޭގައި ތިބި ޒުވާން ކުދިން ކޮފީ ބޯލަން ރޭގަނޑު މި ރަށަށް އައިސް އާއިލާއާ އެކު އުޅެލާފާ ދާނެ، އެހެން ވީމާ މި ކުޅިއެއް ބޭއްވުން މިއީ ބޭނުން ކަމެއް ނޫން. އެއްވެސް ބޭނުމެއް ނެތް ތަނެއް ތީއީ. އަޅުގަނޑުމެން އުމުރުން މިވީހާ ދުވަހެއް މިވީ އެތަން އޮވެގެން އެކަކުން ވީކަމެއް ނެތް. އަނެއްކާ މިއީ އާ ކަމެއް ނޫން ކުރަން މި އުޅެނީ،"

ކުޅިން މި ރަށަށް ފައިދާއެއްވީ ކަމާ މެދު އެއްބަސްވާން ވެސް މި ރަށުގެ ގިނަ ބަޔަކު ބޭނުން ނުވަނީ އިބްރާހިމް އެ ބުނާ ގޮތަށް އެއާޕޯޓެއް އަޅައިގެން ލިބެން އޮތް ބޮޑު ފައިދާ އެ މީހުންގެ ދުރުމީން ބަލައި ތަސައްވަރު ކުރެވޭތީ އެވެ. މިރަށް މި އަތޮޅުގެ އެކޮނޮމިކް ހަބަކަށް ބަދަލުކޮށްލަން މި ރަށު މީހުން ދެކޭ ހުވަފެން ހަގީގަތަކަށް ވާން އެ މީހުންގެ ހިތުގައި އޮތް އަޒުމް ހަމަ ބޮޑީ އެވެ.

ތި މަރާލަނީ އަސްލު ކުޅުދުއްފުށި!

މިރަށުގެ ރައްޔިތުންގެ ހުވަފެނަކަށް ވެފައި އޮތް އެއާޕޯޓެއް ހަދަން ކުރަން ޖެހޭ ފުރަތަމަ މަސައްކަތް ކަމަށްވާ ކުޅި ހިއްކުމަށް ހަދަން ޖެހޭ ބަންޑް ވޯލްގެ މަސައްކަތް ފަށާފައިވާ އިރު، ކުޅިއެއްގެ އަގުބޮޑު ކަމާއި އެއިން ރަށަށް ލިބޭ ހިމާޔަތާއި ރައްކާތެރިކަން މި ރަށްރަށުގެ ރައްޔިތުންގެ ތެރެއިން ވިސްނެނީ ވަރަށް ވެސް ޅަފުރައިގެ އެހާ މަދުބަޔަކަށެވެ. އެ މީހުންގެ އަޑު އެހާ ގަދައެއް ވެސް ނޫނެވެ. އެއީ މިރަށުގެ 10،000 މީހުންގެ އާބާދީގެ ތެރެއިން ނިސްބަތުން ވަރަށް ވެސް އަޑު މަޑު ވޮލިއުމެކެވެ. އެކަމަކު އެ މީހުން ތިބީ އެ ވާހަކަ ނުދައްކާ ތިބޭ ގޮތަކަށް ނޫނެވެ. އެ މީހުން ތިބީ އަބަދުވެސް އެކަމަށް އަޑު އުފުލާށެވެ.

ސޯޝަލް ވޯކަރެއް ކަމަށްވާ، އިނާޝާ އުމަރު 19، ބުނި ގޮތުގައި މިރަށުގެ ކުޅި ހިއްކާލުމަކީ އެރަށުގެ އަސްލު ނައްތާލުން ފަދަ ކަމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ދިރުންތައް ދަމަހައްޓަން މަސައްކަތް ކުރާއިރު ރާއްޖެއިން އެ ދިރުންތައް ނައްތާލަން މަސައްކަތް ކުރާތީ އޭނާ ވަރަށް ބޮޑަށް ސުވާލު އުފެއްދި އެވެ.

އިނާޝާ ބުނި ގޮތުގައި ކުޅި ނައްތާލުމުގެ ސަބަބުން ރަށަށް ކުރިމަތިލވެދާނެ ގުދުރަތީ ގެއްލުންތައް މިއަދު ނުވިސްނި ދާނެ އެވެ. އެކަމަކު އެ ކަންކަމާ ކުރިމަތިލާން ޖެހުމުން އެންމެން ވެސް ތަކުލީފު އުފުލަން ޖެހޭނެ އެވެ. ގުދުރަތީ ދިރުމެއް ގެއްލިއްޖެ ނަމަ އެއެ ދެން އަނބުރާ ނުލިބޭނެތީ އޭނާގެ ކަން ބޮޑުވުން ވަރަށް ބޮޑެވެ. އެކަމަކު އޭނާގެ އަޑު ވަރަށް މަޑެވެ.

"މީގެ [ކުޅީގެ] އަގު ބޮޑުކަން މިއަދު އަޅުގަނޑުމެންނަށް ނުވިސްނިދާނެ އެކަމަކު އަޅުގަނޑުމެންނަށް އެ ގެއްލިގެން ދާ ފަހުން ވިސްނޭނީ. މިތަނުގައި އެބަހުރި ދުނިޔޭން ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްސް ދޫނި ސޫފާސޫފި އެބަ އުޅޭ. އަނެއްކާ މެންގްރޫވްސް އަކީ ގުދުރަތީ ކާރިސާތަކުން ރަށް ސަލާމަތްކޮށްދޭ އެއްޗެއް. މިތަން ނެތިކޮށްލީމާ ގުދުރަތީ ކާރިސާތަކުން މި ރަށަށް ލިބޭނެ ގެއްލުން ބުނަން ވެސް ނޭނގެ. އަޅުގަނޑުމެން މި ދައްކަނީ ސިންގަޕޫރު ތަންތާ ވާހަކަ. ކޮންކްރީޓް ތަރައްގީގެ ވާހަކަ. އަޅުގަނޑުމެން މިސާލު ނަގާއިރު ކީއްވެބާ ނުނެގެނީ މިކަހަލަ މެންގްރޫވްސް އެއްޗިހި އެހެން ގައުމުތަކުގައި އާލާކުރާ ވާހަކަ،" އިނާޝާ އޭނާގެ ޝުއޫރު ފާޅުކުރި އެވެ.

ކުޅި ހިއްކާލުމަކީ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަން ތިބި މަދު މީހުންގެ ތެރެއިން އުމުރުން 19 އަހަރުގެ ފާތިމަތު ރިފްދާ ބުނާ ގޮތުން ކުޅީގެ ސަބަބުން ކުޅުދުއްފުށީގެ އަންހެނުންނަށް ބޮޑު ނިކަމެތި ކަމެއް ކުރިމަތިވާނެ އެވެ. އަދި އެއާޕޯޓެއް އަޅައިގެން ލިބޭ ވަޒީފާތައް ގިނަވި ނަމަވެސް އެއިން އަންހެނުން ބާރުވެރި ކުރުވޭނޭ ވަޒީފާތައް މަދުވާނެ އެވެ. އޭނާގެ ނަޒަރުގައި ކުޅި ހިއްކާލައިފިނަމަ އެ ނައްތާލެވެނީ ގުދުރަތީ ދިރުންތައް އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި އެ ނައްތާލެވެނީ ކުޅުދުއްފުށީގެ ތަރިކައެކެވެ.

"މިއީ އެހެން ރަށަކަށް ލިބޭނެ އެއްޗެއް ނޫން. މިއީ ގުދުރަތުން އަޅުގަނޑުމެންނަށް ލިބިފައި އޮތް ނިއުމަތެއް. އަންހެނުން ބާރުވެރި ކުރާ ވާހަކަ ދައްކާއިރު މިތަނުގެ ސަބަބުން އާމްދަނީ ލިބިގެން އެކަނިމާ އެކަނި ދަރިން ބޮޑުކުރި މިރަށުގެ ކިތަން އަންހެނުން އެބަ ތިބިތޯ. މީގެ ސަބަބުން ކިތައް އަންހެނުންގެ އާމްދަނީތޯ މި ގެއްލެނީ. ދެން ޓޫރިޒަމްގެ ވާހަކަ މި ދައްކަނީ މިކަހަލަ ތަންތަން ބަލަންް ދެއްތޯ ޓޫރިސްޓުން އަންނަނީ. އެމަކަކު މި ތަންތަން ހަލާކު ކުރީމާ ކޮން ޓޫރިސްޓުންނެއް ތޯ އަންނާނީ. އެ މީހުން ނާންނާނެ މިތަނުގައި އަޅާފައި އޮންނަ އެއާޕޯޓެއް ބަލާކަށް،" ރިފްތާ ބުންޏެވެ.

ރިފްދާގެ މިވާހަކަ ދައްކަ އެވެ. އޭނާއާ ބައިވެރިވާނެ މީހުން މަދީ އެވެ. ރިފްދާއާ ހިލާފަށް ގިނަ ބަޔަކަށް ގަބޫލު ކުރެވެނީ މިއީ ސިޔާސީ ބަޔަކު ދައްކާ ވާހަކަތަކެގެ ގޮތުގަ އެވެ. އެހެންވެސް އެ ވާހަކަތަކާ މެދު ވިސްނާކަށް މިރަށު މީހުން ބޭނުމެއް ނުވެ އެވެ.

ހެޔޮ! ހަމަ ބޭނުމީ އެއާޕޯޓް

އެއާޕޯޓްއަޅަން ގުދުރަތީ ބޮޑު މުއްސަދިކަމެއް ހަލާކުކޮށް ނެތިކޮށްލާއިރު އެކަމާ މި ރަށުގެ ރައްޔިތުން ބުނަނީ އެހެންވިޔަސް ވަރިހަމައޭ އެވެ. މި ރަށުގެ ގިނަ ރައްޔިތުން މި ތިބީ އެއާޕޯޓް ގެންނާށެވެ. އެ މީހުންގެ ނަޒަރުގައި ރައީސް އަބްދުﷲ ޔާމީނަށް އެ ރަށުން މެޖޯރިޓީއެއް ދިނީ އެ އެއާޕޯޓް އަޅަން ޝަރުތުކޮށްފަ އެވެ.

އުމުރުން 54، އާދަމް މުހައްމަދު ބުނާ ގޮތުގައި މި އަތޮޅުގެ ހަނިމާދޫގައި އެއާޕޯޓެއް އޮތަސް މި ރަށަށްލިބޭ މާ ބޮޑު މަންފާއެއް ނެތެވެ. އެ ދޭތެރޭގައި ދަތުރު ކުރަން ޖެހޭ ރާސްތާގެ ސަބަބުން ކުޅުދުއްފުށީގެ ތަރައްގީ އޮތި ހުއްޓިފަ އެވެ. ކުޅުދުއްފުށީގެ ތަރައްގީ މެކުހަށް ޖެހޭނީ ކުޅި ހިއްކާކައި މި އެއާޕޯޓް އެ ރަށުގައި އަޅާ ހިދުމަތް ފެށިގެނެވެ.

"ވަރަށް ގިނަ ދިރާސާތައް ހަދާފައި ސަރުކާރުން ކުރާ ކަމެއް މިއީ. މިއީ ހަމަތިބެފައި ސަރުކާރުން ކުރަން އުޅޭ ކަމެކޭ އަޅުގަނޑަށް ބުނެވޭކަށް ނެތް. މީގެ ކުރިން އެއްވެސް ބަޔަކު ނެތޭ މިކުޅިއަށް މި ރަށު މީހުން އަޅާނުލާއިރު ވެސް މިތަނުގެ މުހިންމު ކަމުގެ ވާހަކަ ދައްކާލާފައި ވެސް. އެކަމަކު މި ރަށަށް ތަރައްގީ ލިބޭ ކަމެއް ކުރަން އުޅުނީމާ މި ރަށާ ނުވެސް ބެހޭ ބަޔަކަށް މައްސަލައަކަށް ވެގެން މި އުޅެނީ. މި އެއާޕޯޓް އަޅާ ހިދުމަތް ދޭން އެބަ ޖެހޭ. ކުޅިއަށް ވުރެ އެއާޕޯޓް މި ރަށަށް މުހިންމީ،" އާދަނު ބުންޏެވެ.

ކުޅުދުއްފުށީގެ ނަމާ ގުޅިފައިވާ، ކުޅިތަކާ މިރަށް އަބަދަށް އަލްވަދާއު ކިޔަން މި ރަށު ރައްޔިތުން މި ވަނީ ތައްޔާރުވެފަ އެވެ. އެ މީހުން ތިބީ ގުދުރަތީ މުއްސަދި ކަމާއި ތަރައްގީއާ ދެމެދު ކޮންމެވެސް އެއްގޮތެއް ހިޔާރުކޮށްގެނެވެ. ކޮންމެ ގޮތަކަށް ރައްޔިތުން ބުރަވެ ތިއްބަސް މި ރަށުގެ ކުޅި ހިއްކައިގެން އަޅާ އެއާޕޯޓަކީ މިފަހުގެ ތާރީހެއްގައި ތިމާވެށްޓާއި ތަރައްގީއާ ދެމެދު އެންމެ ބޮޑު ފުށުއެރުމެއް އުފެދޭނެ ތާރީހީ މަޝްރޫއަށް ވާނެ އެވެ.