ރިޕޯޓް

ކުޅުދުއްފުށީ ރޯނު "ފެކްޓަރީ"ތައް ރޫޅެނީ

ކުޅުދުއްފުށިން:: ނާޒިމް ހަސަން
Nov 5, 2017
10
ކުޅުދުއްފުށީ ހީވާގި އަންހެންވެރިންގެ އެންމެ ހާއްސަ މަސައްކަތަކީ ބޮބިތެޅުމާއި ރޯނު ވެށުން. ކުޅި ހިއްކާތީ މި ސިނާއަތަށް ހީނަރުކަން އަންނާނެ. -- އަވަސް ވީޑިއޯ | ޝަމްއޫން އަހުމަދު، އެޑިޓިން | މުޝްއަފު އަދި އަހުމަދު ޝުރާއު

ރާއްޖެއިން ބޭރުން މިހާރު ކިތަންމެ އެއްޗެއް އެތެރެކުރި ނަމަވެސް ދިވެހިންނަކީ ވެސް އަމިއްލަ މަސައްކަތުން އަމިއްލައަށް ތަކެތި އުފައްދައިގެން ރަށްވެހިވެ އުޅުނު ބަޔަކެވެ. އެއިން ބައެއް ކަންކަން އުވި ގޮސް އެކަންކަން ކުރާނެ މީހަކު ނުވެފައިވިޔަސް އަދިވެސް އުތުރުގެ މިރަށް، ހދ. ކުޅުދުއްފުށީގައި ފޯރިއާއެކު ކުރާ މަސައްކަތެއް އެބައޮތެވެ.

އެއީ ދިވެހިންގެ ތާރީހާ ގުޅިފައިވާ ވަރަށް ބުރަ ވެސް މަސައްކަތެކެވެ. އެއީ ރޯނު ވެށުމެވެ. ކުޅުދުއްފުށީ ރޯނަކީ ރާއްޖޭގެ ބުރޭންޑެކެވެ. ސަރަހައްދުގެ އެހެން ގައުމުތަކަށް ބޭރު ކުރި ބާވަތަކެވެ. ސަރަހައްދު ހުރަސްކޮށް ދުރު އިރު މައްޗަށް ވެސް މި ރަށުގެ ރޯނު ދަތުރު ކުރި އެވެ.

މި ރަށުގެ ރޯނަކީ ރާއްޖެއަށް އެންމެ މަޝްހޫރު ރޯނެވެ. ކައިރި ރަށްރަށުން ދަތުރު ހަދާފައިވާ ކުޅުދުއްފުއްޓަށް ރޯނު ގަންނަން އާދެ އެވެ. އާބާދީ ބޮޑު މި ރަށުގައި ރޯނު ނުވަށާ ޒަމާނެއް އަދި އެ މަސައްކަތް ނުކުރާ ގެއެއް މަދެވެ. މިރަށުގެ އަންހެންވެރިންގެ އުފެއްދުންތެރި މި މައްސަކަތަކީ ބުރަ، އެކަމަކު އަބަދުވެސް ރަނގަޅު އާމްދަނީއެއް ހޯދޭ މަސައްކަތެކެވެ. ސަގާފަތެއް ވެސް މެއެވެ.

ރޯނު ފޯއްޔެއް ވަށަން އެންމެ ފުރަތަމަ ހަދަންޖެހެނީ ބޮނބި އޮޅެކެވެ. އޭގެ އޮޅުތައް އެންމެ ގިނައީ މިރަށުގައި މިހާރު އެއާޕޯޓެއް އެޅުމަށް ހިއްކަން ފަށާފައިވާ މަށި ކުޅީގަ އެވެ. ބައެއް ރަށްރަށުގައި މޫދުގައި ވެސް ބޮނބި ފާ ކުރެ އެވެ. މިރަށުގެ ބައެއް މީހުން ވެސް މޫދުގައި ބޮނބި އޮޅު ހަދައިގެން ބޮނބިފާކުރެ އެވެ. އަދި ގޭގައި ވަޅުބުރިތައް ހަދައިގެން ވެސް ބޮނބި ފާކުރެ އެވެ. ބޮނބި އޮޅުގައި ގޯނި ގޯންޏަށް އަޅާފައިވާ ބޮނބިތައް ބަހައްޓަ އެވެ. އެ ބޮނބިތައް ނަގަނީ ފާވުމުންނެވެ. އާންމު ގޮތެއްގައި ކުރުނބާ ބޮނބި ފާވަނީ ތިން މަސް ދުވަހުންނެވެ. ގަބުޅި ބޮނބި ހަތަރު މަސް ދުވަހުން ފާވާއިރު ކާށީގެ ބޮނބި ފާވަނީ އަށް މަސް ދުވަހުންނެވެ.

އޮޅުން ބޮނބިތައް ނެގުމަށްފަހު، ބޮނބި ތަޅަނީ އެވެ. އެއީ ވަރަށް ބުރަ މަސައްކަތެކެވެ. ބޮނބި ތަޅާނީ ހަތަރެސްކަނަށް އޮންނަ ވަކަރު މުގުރުބުރިއަކުން ވަކަރުގަނޑެއްގެ މަތީގައި ބޮނބިގަނޑު ބާއްވައިގެންނެވެ. ބޮނބި ތެޅުމަށްފަހު މޫދަށް ގޮސް ބޮނބިތައް ދޮވެ އެވެ. އެއަށްފަހު ބޮނބިތައް ގެއަށް ގެނެސް އަވީލަ އެވެ. އޭރު ބޮނބިތައް ހުންނަނީ ނަރަށްވެފަ އެވެ. ދެން ނަރުތައް ކުޅުދުއްފުށީ ބަހުންނަމަ "ފިނދަނީ" އެވެ. އެއީ ނަރުތައް ނިއުޅާލުމެވެ. ދެން އެ ނަރުތަކުން ލީލި އަޅަނީ އެވެ. ލިލީ އެޅުމަށްފަހު ލިލީ މެދުން ލަންބާލައި އެ ދެފަރާތުން ވަށަނީ އެވެ. ދެ ފަށް ލީލިން ރޯނު ވަށާ ނިންމާލަނީ އެވެ.

މިހާ ތާރީހީ ބުރަ އަދި ސަގާފަތަކަށް ވެސް ވެފައިވާ މަސައްކަތެއް އުވިގެން ދިޔަ ނުދީ ކުޅުދުއްފުށީގެ ރައްޔިތުން ދަމަހައްޓާފައިވާއިރު އެ މަސައްކަތް ފަނޑުވެދާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފަ އެވެ. މި ރަށުގެ ކުޅިން ބޮޑު ބައެއް ނައްތާލާއިރު ބައެއް މީހުން ތިބީ މަސައްކަތް ހުއްޓާލަން ނިންމައިގެނެވެ.

ޒަމާނުންސުރެ ކުޅީގައި ބޮނބި އޮޅު ހަދައިގެން އެ މަސައްކަތް ކުރި މީހުން ތިބީ ދެން ހަދާނެ ގޮތަކާމެދު ވިސްނާށެވެ. ބައެއް މީހުން މިހާރު ވަނީ ގޭގައި ވަޅުބުރިތައް ހަދާފަ އެވެ. މޫދުގައި ވެސް ބޮނބި ފާކުރާނެ މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް މޫދުގެ ރާޅު ނަގާ ހިސާބުގައި ބޮނބިތައް ބެހެއްޓުންވެފައިވަނީ އުނދަގޫ ކަމަކަށްވެފަ އެވެ. ގޭގައި އޮޅު ހެދުމުން ނުބައި ވަސް ދުވާނެތީ އެކަން ވެސް ވަނީ ތުރާލަކަށެވެ.

މިފަދަ އުނދަގޫތަކާއެކު ބާޒާރުގައި ރޯނުގެ އަގު އުފުލޭނެ ކަމަށް ބެލެވެ އެވެ. މިހާރު ރޯނު ބޮނޑިއެއް ވިއްކަނީ 160ރ. އެވެ. ރޯނު ވެށުމުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ އެ ރަށު ކުއްޅަވައްމާގޭ އައިޝަތު އަހުމަދު ބުނި ގޮތުގައި މިހާރު ބޮނބި ފާކުރާނެ ތަނެއް ނެތި، އެކަމަށް ދެން ކުރަންޖެހޭނެ މަސައްކަތް ބޮޑުވުމުން ދެން 160ރ. އަށް ރޯނު ބޮނޑިއެއް ނުވިއްކޭނެ އެވެ. ވީމާ ރޯނުގެ އަގު އުފުލިގެން ދާނެ ކަމަށެވެ. މި ރަށުގެ އަންހެންވެރިން ބުނާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ރޯނު ބޮނޑިއެއްގެ އަގު 200ރ. އަރާނެ ކަމަށް ބެލެވެއެވެ.

ރޯނު ބޮނޑިއެއް ހަދަނީ ރޯނު ވެށުމަށްފަހު ރޯނު ފޯލިތަކަށް އަޅައިގެނެވެ. ރޯނު ފޯއްޔެއްގައި ހުންނަނީ 16 ފަށެވެ. ރޯނު ބޮނޑިއެއް ހަމަވަނީ އޭގެ 12 ފޯލިންނެވެ.

މި ރަށުގެ މީހުނަކީ އާދައިގެ ބަޔެއް ނޫނޭ ބުނާ އުސޫލުން މި ރަށު މީހުން ވަނީ ރޯނުގެ ވަރަށް ތަފާތު ވައްތަރެއް ވެސް އުފައްދާފަ އެވެ. އެ ރޯނު ކުޅުދުއްފުށިން ގަތުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން މިރަށަށް އާދެ އެވެ. އެއީ ވަރަށް ހިމަ، ވަރުގަދަ ރޯނެކެވެ. ހިމަ ރޯނު ބޮނޑިއެއް ވިއްކާ އުޅެނީ 2،500 ރ. އެވެ. އެހާ އަގު ބޮޑީ އެކަމަށް ކުރަންޖެހޭ މަސައްކަތް އިންތިހާއަށް ބޮޑުވުމުންނެވެ.

ހިމަ ރޯނު ވަށަނީ ބޮނބި ތެޅުމަށްފަހު ރީތި ހިމަ ނަރުތައް ހޮވައިގެންނެވެ. އެ ނަރުން ހިމަކޮށް ލީލި އަޅައިގެން ވެށުމުން ރޯނު ހުންނަނީ ވަރަށް ހިމަކޮށެވެ. އަދި އެހާމެ ރީތިވެފައި ވަރުގަދަ ކޮށެވެ. އެ ރޯނު ވެށުމަށްފަހު ވަށައިގެން ނުކުމެ ހުންނަ ނަރުކޮޅުތައް ވެސް ކޮށަ އެވެ. އެ ރޯނު ބަލައިލަން ވެސް ވަރަށް ރީއްޗެވެ. ބާޒާރުން ލިބޭ ނައިލޯން ވާބޮނޑިއެކޭ އެއްވެސް ތަފާތެއް ނުހުރެ އެވެ.

ރޯނުވެށުމުގެ މަސައްކަތަށް އެއާޕޯޓްގެ ހިޔަނި އެޅިފައިވާއިރު، މި މަސައްކަތް ކުރާ މީހުންގެ އެދުމަކީ އެމީހުންނަށް ލުއި ފަސޭހަ ގޮތެއްވުމެވެ. ބޮނބި އަޅަން އޮޅު ހަދާނެ ތަނެއް ދެއްކުމެވެ. އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން ރޭވިގެން ދިއުމެވެ. ކުޅި "ނައްތާލަން" ނިންމާފައިވީ ނަމަވެސް ދިވެހިންގެ މިފަދަ މަސައްކަތްތައް ނެތިގެން ދިޔުން ކަމަކު ނުދެ އެވެ. އެތައް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ރޯނު ވެށުން ނުހުއްޓި ކުރިއަށް ދާން އެބަޖެހެ އެވެ. ކުޅުދުއްފުށީ ރޯނު ފެކްޓަރީތައް ހުއްޓިއްޖެނަމަ ރޯނު އެއީ މާޒީގެ ހަނދާނަކަށް ވެސް ބަދަލުވެދާނެ އެވެ.