ރިޕޯޓް

މަށި ކުޅިއަކީ ކުޅުދުއްފުށީގެ ހިތް!

ކުޅުދުއްފުށީން:: ނާޒިމް ހަސަން
Nov 5, 2017
6

ޒުވާން ފާތިމަތު ރިފްދާ މުހައްމަދު (ރިފޫ)، ވަރަށް ކުޑައިރު ވެސް މި ރަށު ކުޅިއަށް އެރި އުޅެ އެވެ. ގިނައިން ދަނީ މާމައާއެކު ބޮނބިއަޅާށެވެ. އެެންވެ މިއޮށް ބޮޑު މަށި ކުޅިވެފައި ވަނީ ފުރާވަރުގައި އޭނާ ފޫހި ފިލުވައިދިން ކުޅިވަރަކަށެވެ. އަދި ހަޔާތުގެ ވަރަށް ބޮޑު ހިއްސާއެއް އެތަނަށް ދީފައި ވެއެވެ. ހިތްހަމަޖައްސާލައި، އަރާމުކޮށްލައި މަޖާކޮށްލަން ވެސް ދަނީ ކުޅިއަށެވެ. މި ރަށުގެ މި ބޮޑު މަށި ކުޅިއަށެވެ. ހިތާމައެއް ތުރާލެއް ނުވާ މާހައުލެކެވެ. އެކަމަކު މި ރަށުގައި އެއާޕޯޓެއް އެޅުމަށް މި ކުޅީގެ ބައެއް ހިއްކާލުމުގެ މަސައްކަތް މިހާރުވަނީ ފަށާފަ އެވެ. މިއީ ރިފޫގެ އެންމެ ބޮޑު ހިތާމައަށްވެސް ވަނީ ވެފައެވެ. މަށި ކުޅިއާ އޮތް ގުޅުން ނެތި ދިއުމަކީ އޭނާ އެދޭ ގޮތެއް ނޫނެވެ.

"ކުޑައިރު މާމަމެން ކާފަމެންނާއެކު މިތަނަށް އާދެވި މަސައްކަތުގައިވެސް އުޅެވިފައި ހުރީ، އެމީހުން އަޅުގަނޑުމެންގެ މަންމަމެން ބައްޕަމެންނަށް އެ މަސައްކަތުން ކާންދީ ބޮޑުކޮށްފައި ހުރީމަ ކަންނޭނގެ އެހާ ބޮޑަށް ކުޅިއާ އެޓޭޗްވެފަ މި ހުންނަނީ،" ރިފޫ ބުންޏެވެ.

ކިރިޔާ ހުސްވަގުތެއްވާއިރު ކުޅި ސަރަހައްދަށް ގޮސް، އެތަނުގައިވާ ދިރުންތަކާއި ތަފާތު ކަންކަން ބަލައި ހޯދުމުގައި ރިފޫ ހޭދަ ކުރެއެވެ. އޭނާއަށް ހޯދުނު ހޯދުންތަކުން މިރަށުގެ ކުޅިއަކީ ހަގީގަތުގައި ތިމާވެށީގެ ގޮތުން ވަރަށް މުއްސަނދި ތަނެކެވެ. ނެތިދާނެކަމުގެ ބިރު ހީވެފައިވާ އަށް ވައްތަރެއްގެ ކަނޑޫފާ އެ ސަރަހައްދުގައި ހެދިފައި ވެއެވެ.

އެއާޕޯޓް އަޅަން ކުޅި ހިއްކުމަށް ތާއީދުކުރާ މީހުން ގިނަ ނަމަވެސް ރިފޫފަދައިން އެކަމާ ދެކޮޅު ހަދާ ޒުވާނުންތަކެއް ވެސް މިރަށުގައި އެބަތިއްބެވެ. އެ ޒުވާނުން ބޭނުން ވަނީ ކުޅީގައި ކެނޯ ދުއްވައި، ވަށައިގެންވާ ގުދުރަތީ ރީތިކަމުން އުފާ ހޯދާށެވެ. ކުޅިން ރަށަށް ހިމާޔަތާއި ރައްކާތެރިކަން ލިބި ލިބި އޮންނަން އެ މީހުން އެދެ އެވެ.

އެފަދަ ޒުވާނަކާއެކު މި ކުޅީގެ ތެރެއަށް ފައިބާ ކެނޯއެއްގައި ދުއްވާލުމުން އެމީހުން މަށި ކުޅި ދެކެވާ ލޯބި އިހުސާސްކުރެ އެވެ. ގުދުރަތީ ރީތި މި މާހައުލުގެ ތެރެއަށް ގަންބާލައި ވަށައިގެން މިވާ ފެހިކަމުގެ ތެރެއަށް ގެންދެ އެވެ. ކުޅީގެ ފެންފަނޑު ތެރޭގައި ދުއްވާލާފައިދާއިރު ބޯމަތީގައި ދޫނިތައް އުދުހެނީ އެވެ. މި އިހުސާސްތަކަކީ މުޅިން އެހެން ކަހަލަ އުފާވެރިކަމެކެވެ.

މި ކުޅީގައި ދެން އެންމެ ހާއްސަ ކަމަކީ މަށީގެ މުއްސަނދި ކަމެވެ. މިތަނުގައި އަށަގެންފައި މިވަނީ ހުދު ކުލައިގެ މައްޓެވެ. މިފަދަ މަށި ފެންނަ އެހެން ކުޅިއެއް މި ރާއްޖެއަކު ނޯވެ އެވެ. އެއީ މި ކުޅީގެ އެންމެ ބޮޑު ތަފާތެވެ.

"އެންމެ ފުރަތަމަ ކުޅިއަށް އެރުނު ދުވަހު ވެސް ތަފާތެއް އިހުސާސެއް ކުރުވުނީ، މަޑް ތެރެއަށް ފައި ޖެހުނުއިރު އިޓް ވޯސް ސޯ ގުޑް، ހިތަށް އެރި ކީއްވެބާއޭ ކުރިން ނޭރުވުނީ، ދިސް އިޒް ސޯ ފަންއޭ، ކީއްވެބާއޭ ކުރިން ފޫހިވެގެން އުޅުނުއިރު މިތަން ބަލާލަން ނާދެވުނީ،" މިހާރު އުމުރުން 19 އަހަރުވެފައިވާ އިނާޝާ އުމަރު (އިނާ) ބުންޏެވެ. އިނާ އެންމެ ފުރަތަމަ މަށި ކުޅީގެ ތެރެއަށް ފޭބީ އޭނާގެ އުމުރުން 16 އަހަރުގަ އެވެ.

އިނާއަކީ މި ރަށުގެ ކުޅީގެ މުހިންމުކަމާމެދު އެންމެ ބޮޑަށް ވަކާލާތުކޮށް އެކަމުގައި މީހުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރަމުން އަންނަ އެއް ޒުވާނާ އެވެ. މިވީ ދުވަސްތަކުގައި އިނާގެ މަސައްކަތުން މި ރަށުގެ ބައެއް މީހުން ކުޅިއާމެދު ދެކޭ ގޮތް ބަދަލުކުރެވިފައި ވެސް ވެއެވެ. އިނާގެ މަސައްކަތަކީ "އެއީ ހާދަ ހަޑި ތަނެކޭ، ނުބައި ވަސް ދުވާ ތަނެކޭ،" ބުނާ ބުނުންތައް ހުއްޓުވުމެވެ. އެ މަސައްކަތުގައި އިނާ ވަކާލާތުކުރަމުން ދަނިކޮށް ކުޅިން ބައެއް ހިއްކަން ނިންމާފައިވާކަން ސަރުކާރުން އިއުލާންކުރީ އެވެ.

ސަސްޓޭނަބްލް ޑިވެލޮޕްމެންޓް ގޯލްސްގެ ހުރިހާ ކަމެއް ހާސިލުކުރެވޭ ތަނަކަށް ކުޅުދުއްފުށީ ކުޅިވާ ކަމަށް އިނާ ބުނެ އެވެ. އެތަން ހިމާޔަތްކޮށްފިނަމަ އަންހެނުން ބާރުވެރިކުރެވި، ތިމާވެށީގެ ގޮތުން ރަށަށް އެތައް ފައިދާތަކެއްވާނެކަން ވެސް އިނާ ފާހަގަކުރެ އެވެ.

"ކުޑައިރު ކިޔެވި ފޮތްތަކުގަ އެބަހުރޭ މެންގްރޫވްގެ މުހިންމު ކަމުގެ ވާހަކަ، ފައުންޑޭޝަން ގްރޭޑުން ފެށިގެން ކުދިން އެބަ އާދޭ މިތަން ބަލާލަން، އެ ކުދިންނަށް މި ކިޔައިދެނީ މިތަނުން ލިބޭ ފައިދާ އާއި މިފަދަ ތަނެއް އޮތުމުން ލިބޭ ފައިދާތައް، އެ ކިޔައިދީފަ މި ތަން ނައްތާލީމަ އަޅުގަނޑުމެންނަށް އެ ކުދިންނަށް މި ދެވެނީ ކޮން މެސެޖެއްތޯ؟" އިނާ ސުވާލު ކުރި އެވެ. "މި ދޭ މެސެޖަކީ މިއީ ހަމައެކަނި ފޮތްތަކުގަ ބާއްވަންވީ އެއްޗެކޭ، އެއީ އެއް ނޫން އަންނަން ތިބި ޒުވާނުންނަށް ދޭންވާނެ މެސެޖަކީ،"

ކުޅިއެއް ނެތް ގައުމުތަކުން ކުޅިއެއް ހެދުމަށް މަސައްކަތް ކުރަމުންދާއިރު މިހާ ބޮޑު ރީތި ކުޅިއެއް ރާއްޖޭގައި އޮވެ އެ ކުޅި ނައްތާލަންވީ އެއްވެސް ސަބަބެއް އިނާގެ ނަޒަރުގައި ނެތެވެ.

"މި ކުޅި ޖެހޭނެ ޕްރޮޓެކްޓް ވާން، ކުޅި ނައްތާލީމަ އެ ގެއްލެނީ ތިމާވެށީގެ ވަރަށް ބޮޑު ހިމާޔަތެއް، އެހެންވީމަ އަޅުގަނޑަކަށް ނުފެނޭ މި ކުޅި ހިމާޔަތް ނުކޮށް އެހެން ކުޅިތައް ހިމާޔަތް ކުރަންވީ ސަބަބެއް، މީގެ ސަބަބުން ވަރަށް ތަކެއްޗަށް ހެބިޓެޑް ލިބޭ، ދޫނި ސޫފާސުއްޕަށް އުޅޭނެ ތަނެއް ލިބޭ... އެ އެއްޗެއްސަށް ވެސް އެ ގެއްލިގެން ދަނީ ގެތައް، އެންވާރަމެންޓް ޕްރޮޓެކްޝަން އެގްރިމެންޓެއްގައި ސޮއިކުރުމަކުން އަދި ނުނިމޭ، އެއަށް ޖެހޭނެ ދެއްތޯ ބޯލަނބަން،" ކުރިން ވާހަކަ ދެއްކި ރިފޫ ބުންޏެވެ.

ރަށު ބޮޑު ޕަސެންޓް ރައްޔިތުން ކުޅި ނައްތާލައި، އެއާޕޯޓް އެޅުމަށް އާނ ބަސް ކިޔައިގެން ތިބި ނަމަވެސް ބައެއް ޒުވާނުންގެ އަޑު ވެސް އަހަންޖެހެ އެވެ. ޒުވާނުންގެ ވާހަކަތަކުގައި ވެސް އޮއްޓަރު އެބަހުއްޓެވެ. އެހެން ގޮތެއް ހަމަ ނެތްތޯ އެ ޒުވާނުން ކުރާ ސުވާލަށް ޖަވާބެއް ދިނުން ވެސް މުހިންމެވެ. އެ ޒުވާނުންގެ "ހިތް" ނެތިކޮށްލާއިރު، ކަންބޮޑުވުންތައް ހުންނާނެ އެވެ. މި މަށި ކުޅިއަކީ މިރަށުގެ ހިތެވެ.