ހަބަރު

ރާއްޖެ ޓީވީގެ ފަސް ލައްކަ ރުފިޔާގެ ޖޫރިމަނާ ދައްކައިފި

ރާއްޖެ ޓީވީން ފަސް ލައްކަ ރުފިޔާގެ ޖޫރިމަނާ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑް ކޮމް) އަށް މިއަދު ދައްކައިފި އެވެ.

ބްރޯޑްކޮމުން ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ 28 ޖުލައި 2017 ވީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ޓީވީ އިން ވަގުތުން ގެނެސްދިން ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ، ރާއްޖޭގައި އޮތް ގާނޫނީ ސަރުކާރެއް ވައްޓާލުމަށާއި، ގައިރު ޤާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭގޮތަށް، އަދި ރާއްޖޭގެ ގާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ، ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ އެއްގޮތަށް އިންތިހާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ކަމަށް ދައްކާފައިވާ ވާހަކަތައް ގެނެސްދީގެން ނެވެ.

ބްރޯޑްކޮމުން ވަނީ އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފަ އެވެ. ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައިވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ.

ބްރޯޑްކޮމް އަށް ޖޫރިމަނާގެ ފައިސާ ހަވާލު ކުރުމުގެ ކުރިން ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ މީޑިއާ އަށް ވިދާޅުވީ، މިގޮތަށް ކުރާ ޖޫރިމަނާގެ ސަބަބުން ރާއްޖެ ޓީވީގެ ނިއުސް ރޫމަށާއި ޕްރޮޑަކްޓިވިޓީއަށް ވަރަށް ބޮޑު އަސަރެއް ކުރާ ކަމަށާއި ވޭތުވެދިޔަ މަހެއްހާ ދުވަސް ތެރޭގައި ރާއްޖެ ޓީވީގެ ކޮންޓެންޓަށް ވަރަށް ބޮޑު އުނިކަމެއް އައިސްފައިވާ ކަމަށެވެ. އެއީ ކުރަން ނުޖެހޭ އެތައް ކަމެއް ނުހައްގު އަދަބެއްގެ ސަބަބުން ކުރަން ޖެހުމުން ކަމަށް ފިޔާޒް ވިދާޅުވި އެވެ.

ފިޔާޒް ވިދާޅުވީ، ސަލާން ޖަހަން ޖެހޭ ދަރަޖައަށް ބްރޯޑްކޮމް އިން ބްރޯޑްކާސްޓަރެއްގެ މަސައްކަތް ދުއްވާލުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި ޖޫރިމަނާ ކޮށްފައިވަނީ އަބުރުގެ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖެ ޓީވީގައި އެވާހަކަތައް ދެއްކި މުސްތަފާ އަދިވެސް ޕޮލިހަށް ހާޒިރު ނުކުރާ ކަމަށާއި ބްރޯޑްކޮމްގެ މެންބަރުންގެ މެދުގައި ގައުމީ ސަލާމަތުގެ އަގެއް ނެއް ކަމަށެވެ.

"މި މައްސަލަތަކާއި ގުޅިގެން ބްރޯޑްކޮމް އަށް ފޮނުވާ ސިޓީތަކަށް ޖަވާބެއް ވެސް ނުއެއް ލިބޭ، ގޮވާލަން ގާނޫނާ ގަވާއިދާ އެއްގޮތަށް ކަންކަން ކުރުމަށް،" ފިޔާޒް ވިދާޅުވި އެވެ. "ރާއްޖެ ޓީވީ އަށް އެހީވުމުގެ ގޮތުން ބައެއް ރަށްރަށުގައި އަމިއްލަ އަށް އިސް ނަގައިގެން [އަބުރުފުޅު] ފަންޑުފޮށި ބަހައްޓައިގެން ޖޫރިމަނާ ފައިސާ ހޯދާފައިވެ،"

ޖޫރިމަނާ އަށް ފައިސާ ދެއްކުމަށްޓަކައި ރާއްޖެ ޓީވީން ވަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފަންޑު ފޮށި ބަހައްޓާފަ އެވެ. ރާއްޖެ ޓީވީން ވަނީ މީގެ ކުރިން ޖޫރިމަނާ ފަސް ކުރުމުގެ ކޯޓް އަމުރަކަށް ސިވިލް ކޯޓްގައި ވެސް އެދިފަ އެވެ.

ރާއްޖެޓީވީ ވަނީ މީގެ ކުރިން ވެސް ދެ ފަހަރަކު ޖޫރިމަނާ ކޮށްފަ އެވެ. އެންމެ ފުރަތަމަ ޖޫރިމަނާކުރީ ދެލައްކަ ފަންސާސް ހާސް ރުފިޔާއިންނެވެ. އެ ފައިސާ ދެއްކިތަނާ އަނެއްކާވެސް އެއް މިލިއަން ރުފިޔާއިން އެ ސްޓޭޝަން ޖޫރިމަނާކުރި އެވެ. ޖޫރިމަނާގެ ފައިސާ ދެއްކުމަށްފަހު އެ މައްސަލަތައް ވެސް އެ ސްޓޭޝަނުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.