ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން އެމެރިކާއިން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެސެބް އާއި އިންޑިއާގެ އިސްވެރިންނާ ދެމެދު މަޝްވަރާތަކެއް ބާއްވައިފި އެވެ.
ބުރާސްފަތި ދުވަހުގައި ދިއްލީގައި ބޭއްވި މަޝްވަރާތަކުގައި އެމެރިކާ އިން ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ސުބްރަމަންޔަމް ޖައިޝަންކަރު ބައިވެރިވެޑައިގެންނެވި އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ އިދިކޮޅު ސިޔާސީ މެންބަރުންނާމެދު އަމަލު ކުރަމުންދާ ގޮތާއިމެދު މަޝްވަރާކޮށްފައިވާ ކަމަށާއި އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކޮށްފައިވާ ހުކުމާ ގުޅޭގޮތުންނާއި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށްފައިވާތީ އެކަމާ ކަންބޮޑުވާކަން ފާޅު ކުރެއްވި އެވެ.
ބައްދަލުވުމުގައި، މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން މިދިޔަ އޮގަސްޓް މަހުގެ ނަގަން މަސައްކަތް ކުރި ވޯޓަށް ބާރުގެ ބޭނުން ކޮށްފައިވާތީ އެކަމަކީ ބަލައިގަންނަން ދަތި ކަމެއް ކަމަށް އެބޭފުޅުންގެ މަޝްވަރާގައި ވިދާޅުވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.
އެ ބައްދަލުވުމުގައި އެމެރިކާގެ ސަފީރު ވަނީ ރާއްޖެއާއި ޗައިނާގެ ގުޅުމާއި ގުޅޭގޮތުގެ ވާހަކަތައް ދައްކާފައި ކަމަށް އިންޑިއާގެ ނޫސްތަކުގައިވެ އެވެ.
އިންޑިއާގެ ބޮޑުވަރީ ނަރެންދުރަ މޯދީ 2015 ވަނަ އަަހަރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމެވި ނަމަވެސް އެންމެ ފަހު ވަގުތުގައި ވަނީ ކެންސަލް ކުރައްވާފަ އެވެ. ނަމަވެސް މިހާތަނަށް އޭޝިޔާގެ ގިނަ ގައުމުތަކަށް މޯދީ ވަޑައިގެން ނަމަވެސް ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ. އެހެން ނަމަވެސް ރައީސް ޔާމީން ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ވަޑައިގެން މޯދީއާ ވަނީ ބައްދަލު ކުރައްވައިފަ އެވެ.