ހަބަރު

ހައި ސެކިއުރިޓީ ގައިދީންނަށް ދޭ އިނާޔަތް ތަފާތެއް ނުކުރެވޭނެ: ޕާޕާ

ހައި ސެކިއުރިޓީގައި ހުންނަ ގައިދީންނަށް އިނާޔަތްތައް ތަފާތު ކުރެވޭނެ ކަމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި ގަވާއިދުތަކުގައި ބަޔާން ކޮށްފައިނުވާ ކަމަށް "ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދެ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ އަހުމަަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ފޮނުވި ސިޓީގައި ވިދާޅުވެއްޖެ އެވެ.

އެޗްސީއާރްއެމަށް ޕާޕާ ހުށަހެޅި މައްސަލަތަކަށް ޖަވާބުދެއްވައި ފޮނުވި ސިޓީގައި ބުނެފައިވަނީ، އެހެން ގޮޅިތަކުގައި ތިބި ގައިދީންނެކޭ އެއްފަދައިން ޕާޕާ އަށް އިނާޔަތްތަކާއި ހައްގުތައް ލިބިފައިނުވަނީ އޭނާ ހުންނަ ޔުނިޓަކީ ހައި ސެކިއުރިޓީ ޔުނިޓަކަށް ވުމުން ކަމަށެވެ. އަދި ހައި ސެކިއުރިޓީ ގައިދީންނަށް އިނާޔަތްތައް ތަފާތު ވުމުންނާއި ޖަލުގައި ކުރާ ކުށްތަކާމެދު ފިޔަވަޅު އެޅުމުގެ ގޮތުން ވަކި މުއްދަތަކަށް އާއިލާއާ ބައްދަލުކުރުމާއި ފޯންކޯލް ކުރުން ކެންސަލް ކުރެވޭނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސުން އެކުލަވާލެވިފައިވާ އުސޫލެއްގެ ދަށުން ކަމަށެވެ.

އެޗްއާރްސީއެމަށް ޕާޕާ ހުށަހެޅި މައްސަލަތަކަށް ޖަވާބުދީ ފޮނުވި ސިޓީއަށް އޭނާ ބުނީ، އެ ކޮޮމިޝަނަށް ހުށަހެޅި މައްސަލަތައް އަވަސް އަރުވާލައިގެން ބަލާފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ބަލާފައިވަނީ އެއްވެސް ތަޖުރިބާއެއް ނެތް މީހަކު ކަމަށާއި މައްސަލަތަކަށް ޖަވާބު ދީފައިވަނީ އާދައިގެ މީހަކު ލިޔެފައިވާ ލިޔުމެއްގެ ގޮތުގައި ކަމަށެވެ.

ޕާޕާގެ ސިޓީގައި ބުނީ، ޖަލުގެ ބައެއް ގައިދީންނާއިމެދު ކަންތައް ކުރަމުންދަނީ ތަފާތުކޮށް ކަމަށާއި އެގޮތުން ބައެއް ގޮޅިތަކުގައި ފަންކާ އާއި ޓީވީ އަދި ރޭޑިއޯވެސް ހުންނަ ކަމަށެވެ. ނަމަވެސް 18 މަސްދުވަހު ހޭދަކުރީ ކަރަންޓާއި ފަންކާވެސް ނެތް ގޮޅިއެއްގައި ކަމަށް ޕާޕާ ވަނީ ބުނެފަ އެވެ.

"...އަޅުގަނޑަށް 18 މަސްދުވަހު މި އޮންނަނީ ވެންޓީލޭޝަން ނެތް، ކަރަންޓް ނެތް، ފަންކާ ނެތް ގޮޅިއެއްގައި، މަރުތަންފީޒް ކުރަން ތައްޔާރުވެފަވާ ގައިދީންތަކެއްގެ މެދުގައި، ގޮޅިން ބޭރަށް ނެރެނީ ހަފްތާއަކު ތިން ދުވަހު އެއް ގަޑިއިރަށް، ރޭޑިއޯއެއް ޓީވީއެއް ނެތް." ސިޓީގައި ވެއެވެ.

ޕާޕާ ބުނީ، ޖަލުގައިކުރާ ކުށްތަކާމެދު ފިޔަވަޅު އެޅުމުގެ ގޮތުން ވަކި މުއްދަތަކަށް އާއިލާއާ ބައްދަލުވުމާއި ފޯންކޯލް ކެންސަލް ކޮށްފައިވާނީ ކަރެކްޝަނަލް ސާވިސުން އެކުލަވާލައިފައިވާ އުސޫލެއްގެ ދަށުން ކަމަށް ކޮމިޝަނުން ބުނެފައިވީ ނަމަވެސް އެންޓިޓޯޗާ ގާނޫނުގެ ދަށުން އާއިލާ މެންބަރަކާއި ވާހަކަދެއްކުން މަނާ ކުރުމަކީ ކުށެއް ކަމަށެވެ.

ޕާޕާގެ ސިޓީގައި އިތުރަށް ބުނީ، ޕެރޯލް ގާނޫނުގެ ދަށުން އާއިލާއާ ބައްދަލުކޮށް މުއާމަލާތު ކުރުމަކީ ގައިދީންގެ އަސާސީ ހިދުމަތެއް ކަމަށާއި ގައިދީން ޖަލުގައި ކުރާ ކުށުގެ ސަބަބުން އަސާސީ ހިދުމަތެއް އުނި ނުކުރެވޭނެ ކަމަށެވެ. އަދި ޖަލުގެ ސިއްހީ ހާލަތު ހުރީ ކަންބޮޑުވާ މިންވަރަށް ދަށަށް ކަމަށާއި ގޮތް ނޭނގި އެތަކެއް މަރުތަކެއް ޖަލުގައި އިތުރުވަމުން ދާއިރު އެކަން ތަހުގީގު ކުރަމުންނުދާ ކަމީ ކަންބޮޑުވާ ކަމެއް ކަމަށް ސިޓީގައި ވެއެވެ.

"...ގާނޫނުގެ 95 ވަނަ މާއްދާގައި ވަނީ ގައިދީން ޖަލުގައި ކުރާ ކުށާއި ގުޅިގެން ދެވޭ އަދަބުތަކުގެ ތަފްސީލް، އެއީ ގައިދީންނަށް އިނާޔަތް ނުވަތަ އިނާޔަތުގެ ބައެއް އެއްމަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ނުދިނުން، ގާނޫނުގައި މިހެން އޮތުމުން އަދަބެއްގެ ގޮތުގައި ނުދީ ހިފެހެއްޓޭނީ އިނާޔަތް، އެއީ އަސާސީ ހިދުމަތެއް ނޫން،" ސިޓީގައި ވެއެވެ.